ގައުމު ބަނޑަށް ނުޖައްސާ ފައިބާނީތަ!
މާލީ ނިޒާމްގެ އިތުބާރު މުއިއްޒަކަށް ހޯދައެއް ނުދެވޭނެ
ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލެނީ ބަޔަކު ދައްކާ ވާހަކަ އަކުން ނޫނެވެ. ސަރުކާރުން ކަންކުރާ ގޮތުންނެވެ. ރައީސް މުއިއްޒު ދައްކާ ވާހަކައިންނެވެ. ކަނޑާ ފޮނިންނެވެ. ބުރުވާ އަޅިންނެވެ. ޖަހާ އުނބުންނެވެ.
އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތެއް ކުރަމުން ދާނަމަ އެކަމަކަށް މީހަކު ހުރަސް އަޅާކަށް ނޫޅެއެވެ. މީސް މީޑިއާގައިވެސް އެހެންތާކުވެސް ނެތް ހާލަތެއްގެ ވާހަކައެއް ނުދައްކައެވެ. ހަގީގަތާ ހިލާފު ވާހަކަ ތަކެއް ވެސް ނުފަތުރައެވެ. ސަރުކާރެއް ކަމަކު ރައްޔިތުންނަށް އޮޅުވާލައިގެން ވަގާ ދޮގާ ހަދައިގެން ރައްޔިތުން ވާވެއްދޭ ވަރަށްވުރެ ހޭލުންތެރި ވާނުވާ އެނގޭ މީހުން ބައިވަރު އެބަތިއްބެވެ.
އާނއެކެވެ. ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރިމަތި ވެފައިވާ މާލީ މައްސަލަތަކުގެ ވާހަކަ އެންމެ ބާރަށް ދެއްކީވެސް މުއިއްޒެވެ. ދަރަނިން ބޯހިކެން ނެތް ވާހަކައާއި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުން ދާކަމަށް ބުނީވެސް މުއިއްޒެވެ. ވެރިކަމުގެ ހުވާކުރުމަށް ފަހު ރައްޔިތުންނާ މުހާތަބުކޮށް ދެއްކިވާހަކަ އެއޮތީ ދިމާލަށް ފެންނާށެވެ. މުއިއްޒު ސަރުކާރާއި ރައްޔިތުންނަށް ހިދުމަތް ދިނުމާ ދެމެދުގައިވެސް އޮތް ހުރަހަކީ އިގްތިސޯދީ ފުންވަޅުގަނޑެއް ކަމަށް އަނގަފުރާފައި ބުނީވެސް މުއިއްޒެވެ.
ސަރުކާރުގެ މަތި ބަރު ނުކުރާނެ ކަމަށް ބުނެ 50އަށް ވުރެ ގިނަ ވަޒީރުންނާއި 100 އެއްހާ ސްޓޭޓް މިނިސްޓަރުންނާއި 200 ވަރަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި އެތައްސަތޭކަ ޕޮލިޓިކަލް ޑައިރެކްޓަރުން ނުލާ ސަރުކާރު ހިންގޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ. ދާއިރާގެ ރޮގުން މައުލޫމާތާއި އިލްމާ މާލީ ތަޖުރިބާނެތް އެތައް ބަޔަކަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީކަމާއި އިސް މަގާމުތައް ދީގެން ހަންޑި ހައްލަނީ ވެސް މުއިއްޒެވެ.
22 ވުޒާރާ ހަދައިގެން އެއާއި ވާވަރަށް މުއައްޒަފުން ލައިގެން ސިވިލް ސާވިސް މުއައްޒަފުންގެ މުސާރަތައް ބޮޑުކުރާ ވާހަކަ ދައްކަނީ މުއިއްޒެވެ. މުއިއްޒުގެ އަންހެނުނަށް ފަސްޓްލޭޑީގެ އެލަވަންސް ނަގަމުން ސިވިލް ސާވިސްއިން ގާނޫނާ ހިލާފަށް ކޮންޓްރެކްޓް ދީގެންވެސް ފައިސާ ހޯދަނީ މުއިއްޒެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ޑަބަލް ކުރަން ވައުދުވީ މުއިއްޒެވެ. ފަނޑިޔާރުންގެ މުސާރަ ތިން ގުނަ ކުރާނެ ވާހަކަ ބުނީ ވެސް މުއިއްޒެވެ.
ރާއްޖޭގައި ދުވަހަކު ފާސް ނުކުރާ ވަރުގެ ބަޖެޓެއް ހުށަހަޅައިގެން ފާސް ކުރުވީ މުއިއްޒެވެ. 50 ބިލިޔަނާ ކައިރިކުރާ ބޮޑު ބަޖެޓުން ބޭރުން މިލިޔަން މިލިޔަނުން ހަރަދުވާނެ އެތައް ކަމެއް ކުރަން ވައުދު ވަމުން ދަނީ މުއިއްޒެވެ. ބަޖެޓުގައި ނެތް އެއަރޕޯޓުތަކާއި ބުރިޖުތަކާއި ޓަނަލްތައް އަޅަން ވައުދުވަނީ މުއިއްޒެވެ. ހުޅުމާލޭ ހަލިމަގު ހޭޅީގައި ހުރި ސޯލަރ ހަރުތައް އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން އެހެން ރަށަކަށް ބަދަލު ކުރަން ވައުދުވީ މުއިއްޒެވެ. ހިޔާފްލެޓްގައި 200 މިލިޔަން ހަރަދުކޮށްގެން ލިފްޓް ހަރުކުރަން ބުނީ މުއިއްޒެވެ. ކޮންމެ ހިޔާ ޓަވަރަކަށް ދެލައްކަ ރުފިޔާ ދޭން ނިންމީ މުއިއްޒެވެ. ވިނަރެސް ފްލެޓް ތަކުގެ އަގު ތިރިކޮށް ހުޅުމާލޭގައި ހުރި އެހެން ސޯސަލް ހައުސް ތަކުގެ އަގުން %20 ދަށް ކުރަން ބުނީ މުއިއްޒެވެ. މިހެން ކިޔާފާ ނުކިޔާނެ ކަމެއް ނެތެވެ. އެތައް ބިލިޔަން ރުފިޔާ ސިޔާސީ ބޭނުމަށް ތަޅާލަން މުއިއްޒަކަށް މާބޮޑު ކަމަކަށް ނުވެއެވެ.
ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށް ނެތް އުސޫލެއްގެ ތެރެއިން ސިޔާސީ ބޭނުމުގައި 130 މިލިޔަން ރުފިޔާ ގާސިމް އިބްރާހީމަށް ބަދަލުގެ ގޮތުގައި ދިނީ މުއިއްޒެވެ. ވަޒީރު ބޭފުޅުން ދުއްވަން އެތައް ސަތޭކަ މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ކާރުކޮޅު ތަކެއް އެތެރެ ކުރީ މުއިއްޒެވެ. ހުވާކޮށްލަން 23 މިލިޔަން ރުފިޔާ ބޭކާރުކޮށްލާ ގަނޑުވަރަށް ބަދަލުވާން ސާޅިހަކަށް މިލޔަން ރުފިޔާ މިވީ ކުޑަ ދުވަސްކޮޅު ހަރަދު ކޮށްލައިފިއެވެ. ބޮޑެތި ފައުޖުތައް ގޮވައިގެން ދައުލަތުގެ ހަރަދުގައި ރާއްޖޭން ބޭރަށް ދަތުރުކޮށް އެތައް މިލިޔަން ރުފިޔާއެއް އިސްރާފު ކޮށްލައިފިއެވެ. ނައިބު ރައީސް ރާއްޖޭގައި ހުއްޓި ނުހުރެ ދުނިޔޭގައި އުދުހެނީއެވެ. އަންދާ ހުލި ކުރަމުން އެދަނީ މިލިޔަނުން ދައުލަތުގެ ފައިސާއެވެ.
އިގްތިސޯދު ކޮޅަށް ޖަހަން އުޅޭ ބައެއްގެ ފަރާތުން މިހުރިއްޔަކީ ފެންނާނެ ކަންކަމެއް ނޫނެވެ. އާމްދަނި އިތުރު ކުރަން ވިސްނަނީ ރައްޔިތުން ފެލައިގެންނެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ދައުލަތުގައި ފައިސާއެއް ނުހުރެއެވެ. ހުންނަ ކަމަކަށް ނުވެސް ހަދައެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ދަތި އުދަނގޫ ދުވަސް ތަކަކަށް ވާނެކަމަށް ބުނީވެސް މުއިއްޒުގެ ދުލުންނެވެ. ރައްޔިތުންނަށް ކަމެއް ކޮށްނުދިނުމުގެ ބަހަނާގައޭ ނުބުނެވޭ ވަރެއް ނޫނެވެ. އެކަމަކު ގޯސް މިވަނީ އެވާހަކަ ދައްކާ މީހުންނެވެ.
އަވައްޓެރިކަމާއި ބައިނަލްއަގުވާމީ ގުޅުމަކީ މުއިއްޒު ދަންނަ ކަމެއް ނޫނެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް ފައިސާ ދޭނެ ބަޔަކު މިހާރަކު ނެތެވެ. އެންމެ ބަދަހި ގުޅުމެއް ބާއްވަން އުޅޭ ޗައިނާއިން ވެސް ފައިސާ ދޭން ބޭނުންވަނީ ޕްރޮޖެކްޓް ތަކަށެވެ. ހިލޭ އެހީއެއް ދޭނީ ގުރުބާނީއެއްގެ އަގެއްގެ ގޮތުގައެވެ. ރަހުމަތްތެރި އިންޑިއާއި އެމެރިކާ އޮތީ ރާއްޖެއަށް އެހީތެރި މޫޑެއްގައެއް ނޫނެވެ.
ދުނިޔޭގެ މާލީ އިދާރާ ތަކަކީ އެމެރިކާއާއި އިންޑިއާ ފަދަ ގައުމުތަކުގެ މަސްލަހަތުގައި އޮޕަރޭޓް ކުރާ ތަންތަނެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި މުއިއްޒު އުޅެގަތް ގޮތުން ރާއްޖެއާ މެދު ދުނިޔެ ދެކޭގޮތް ބަދަލުވެއްޖެއެވެ. އޭގެ ހިތި ރާއްޖެއަށް ނުފެނިއެއް ނުދާނެއެވެ.
ހަމަތެދެކެވެ. ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ދަނީ ދިވެހި ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުންނެވެ. އެވާހަކަ ދައްކާ ބައެއްގެ ބޮލަށް ކަނޑާލައިގެން މާލީ ނިޒާމަށް ގެއްލެމުންދާ އިތުބާރެއް ނުހޯދޭނެއެވެ. ނެރޭ ނޫސް ބަޔާނަކުން، އެކްސްގައި ކުރާ ޕޯސްޓަކުން އެ އިތުބާރެއް ނުއުފެއްދޭނެއެވެ. ކުރީގެ ސަރުކާރު ބޮލުގައި އަޅުވައިގެންވެސް އިތުބާރު ދެނެއް އިޔާދައެއް ނުކުރެވޭނެއެވެ. ގައުމު މިހާރު އޮތް ހާލަތުން އިގްތިސޯދު ހަމައަކަށް އަޅުވާ މާލީ ނިޒާމްގެ އިތުބާރު މުއިއްޒަކަށް ހޯދައެއް ނުދެވޭނެއެވެ. ފާޑުފާޑަށް އިލްތިމާސްކޮށް ބަޔާން ނުނެރި ރައްޔިތުން ބަނޑަށް ނުޖައްސާ ފައިބާނީތޯ ނުވަތަ ބާލަންވީތޯ މުއިއްޒާ ސުވާލު ކުރަން އެބަ ޖެހެއެވެ.