ވަގުފޯމް މައްސަލަ ނުބެލޭ ބަަޔަކަށް އެމްއެމްޕީއާރުސީ ހިޔާނާތް ނުބެލޭނެ!
ޕީޖީއާއި ޕޮލިސްކޮމިޝަނަރު އަތުގުޅާލައިގެން ޑްރާމާކުޅެން އުޅޭނެކަމެއް ނެތް
ދެ ދުވަހުން ބޮޑު ވާހަކައެއް ފަޅާލާ ކަންކަމުގެ ފޯކަސް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ އާދައެވެ. އެއް ކަމެއްގައި މީހުންގެ ފޯކަސް ހުއްޓަނުދީ ބަދަލު ކޮށްލުމަށް މީހުންގެ ހިތާއި ގާތުން އައުގޮތަކަށް ވާހަކައެއް ފަތުރާލުމަކީ މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ އެއް ރުކުނެވެ.
އެންމެ ފަހުން ފަތުރާލި ބޮޑު ވާހަކައަކަށް މިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ބޮލުން ނަގުލަށް އަލުން ފުޅާ ތަހުގީގު ފަށާ ވާހަކައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބޮލުން ނަގުލަށް ބަލާ ފިޔަވަޅު އެޅޭވަރުގެ ހިއްވަރެއް މުއިއްޒުގެ ނުހުންނާނެއެވެ. އަތްގުޅި ނުކާވަރުގެ ބޮޑެތިވާހަކަ މުއިއްޒު ދެއްކީމާ ޕީޖީއާއި ޕޮލިސްކޮމިޝަނަރު އަތުގުޅާލައިގެން ޑްރާމާ ކުޅެން އުޅޭނެކަމެއް ނެތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ބަލާ ޒާތީނުވެ ފިޔަވަޅު އެޅުމުގެ ނިޔަތެއް ހިއްވަރެއް މުއިއްޒުގެ ނުހުންނާނެއެވެ. ނުވެސް ކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. ރަނގަޅަށް އެމައްސަލަ ބަލާ ނިމޭއިރު މުއިއްޒުވެސް އޮންނަން ޖެހެނީ ޖަލުގައިކަން ހުދު މުއިއްޒަށް އެނގެއެވެ. އެކަން އެނގިހުރެ އިންސާފުވެރި ގޮތަކަށް އެމްއެމްޕީއާރުސީ މައްސަލަ މުއިއްޒު ބަލުވާނީ ކިހިނެއް ހެއްޔެވެ.
މީހުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން އުޅޭ މައްސަލަ ބަލަން ނުކުރިގެން އުޅޭއިރު އެމްއެމްޕީއާރުސީ ހިޔާނާތް މުއިއްޒު ބަލާނެހެއްޔެވެ. ނުބަލާނެއެވެ. ނުބެލޭނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ ވާހަކަ ދައްކަަަަންފެށީ މައިގަނޑު ދެތިން ކަމަކާ ގުޅިގެންނެވެ. އެއްކަމަކީ އަދީބުގެ ފަރާތުން ހޯދަން އުންމީދު ކުރި ފައިސާއާއި އިންވެސްޓްމަންޓްގެ ކޮޅުތައް މުއިއްޒަށް ހޯދާނުދިނުމެވެ. އެމްއެމްޕީއާރުސީގެ މައްސަލަ އަލުން ބަލަން ނިންމީމާ ގަންނާ ކުރައްވާ ބިރުން މުއިއްޒު ފައިބުޑަށް އަދީބު ވެއްޓި ފުރޮޅި ގަންނާނެއްބާ ގޮވާނެކަމަށް މުއިއްޒަށް ހީކުރެވެނީއެވެ. އަދީބާއި ޢޭނާގެ ބައިވެރިންގެ އަތުގައި އޮތްހާ މުދަލަކާ ފައިސާއެއް މުއިއްޒަށް ދީގެންވެސް އެކަން ހުއްޓުވާނެ ކަމަށް މުއިއްޒަށް ހީކުރެވުނީއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ ވާހަކަ ދައްކަަަަންފެށި އަނެއްކަމަކީ ރައީސް ޔާމީނު ސައިޒުކޮށް ގޭތެރެއިން ނިކތަނުދީ ބޭންދުމެވެ. ރައީސް ޔާމީނު މުއިއްޒުގެ ފައިބުޑަށް ގެންދިޔުމެވެ. ރައީސް ޔާމީނު މުއިއްޒާ ދެކޮޅަށް ކުޅުން ހުއްޓުވުމެވެ. މިދިޔަ އަހަރުވެސް ރައީސް ޔާމީނަށް ރައްދު ދިނުމުގެ ގޮތުން ޕީއެންސީ ހަރުގޭގައި މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް އަލުން ބަލާނެ ވާހަކަ ދައްކާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ ވާހަކަ ދައްކާ އެންމެ ބޮޑު އަނެއް ސަބަބަކީ 31 ޖެނުއަރީގައި އެމްޑީޕީން ބާއްވަން އުޅޭ އެއްވުމަށް ހިޔަނި އެޅުވުމުގެ ގޮތުން މީހުންނަށް ބިރު ދެއްކުމެވެ. މީހުން ބިރުގެންނެވުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަައިގެ ތުހުމަތުގައި ބަޔަކު މީހުން ހައްޔަރު ކުރުމެވެ.