ހާފިޒުކަން ހޯދާ ތުޅާދޫ ފުރަތަމަ ރަށްވެއްސަކަށް 130000ރ
ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް 130،000 ރުފިޔާ ހުށަހަޅައިފިއެވެ. އެކަން އިއުލާނުކުރީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
31 ޑިސެމްބަރ 2030 ގެ ނިޔަލަށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ 130،000 ރުފިޔާގެ ތަފްސީލްތައް ދެއްވީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ރައީސް ޙުސައިން ރަޝީދުއެވެ. ތުޅާދޫގައި ގުރްއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން އިނާމް ހުށަހަލާފައިވަނީ ތުޅާދޫ ސްޕޯރޓްސް ކުލަބުންނާއި ތުޅާދޫގައި ކިޔަވާދިނުމުގެ ހިދުމަތް ކުރައްވާފައިވާ ދެ އަގުހުރި ބޭފުޅެއްގެ ހަނދާނަށެވެ.
ހުށަހެޅިފައިވާ އިނާމް:
- 31 ޑިސެމްބަރ 2030ގެ ނިޔަލަށް ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ހާފިޒަށް ތުޅާދޫ ސްޕޯރޓްސް ކުލަބުންދޭ 25000.00 ރުފިޔާ
- ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އާއިލާގެ ފަރާތުން 25000.00 ރުފިޔާ
- ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50000.00 ރުފިޔާ
- ތުޅާދޫގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުހައްމަދުމަނިކު (އެދުރުބެ) ކަރަންކާއާގެ / ބ.ކުޑަރިކިލު ގެ ހަނދާނުގައި 30000.00 ރުފިޔާ
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ02 ޑިސެމްބަރ 2025 ވީ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާރޕާސް ހޯލުގައެވެ. މި ރަސްމިއްޔާތަކީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށާއި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ތުޅާދޫއަށް ރީތި ނަން ހޯދަދިން ބައިވެރިންނަށް ހިތްވަރުގެ ފިލާ ދިނުމަށާއި ތުޅާދޫ ސްޕޯރޓްސް ކުލަބަށް އަހަރުގެ ގައުމީ ގުރްއާން މުބާރާތުގައި ލިބުނު ކާމިޔާބީގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

