އަލަށް ހޮވޭ ޗެއަރޕާސަނަކަށް ފުރިހަމަ އެހީތެރިކަން ލިބޭނެ: ރައީސް ސޯލިހު
އެމްޑީޕީއަށް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް އެމްޑީޕީގެ މުޝްތަޝާރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާރސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ފައްޔާޒު އިސްމާއީލްގެ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ފައްޔާޒު ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. ފައްޔާޒު ކުރެއްވި މަސައްކަތްތައް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެންބަރުން ބަލައިގަންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"މަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ." ރައިސް ސޯލިހު ވިދާޅުވިއެވެ. އޮނަރަބަލް ފައްޔާޒަށް ރައީސް ސޯލިހު އެދިވަޑައިގަންނަވަނީ ބާއްޖަވެރި ދުވަސްތަކަކަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިންތިހާބުވާ ޗެއާޕާސަނަކަށް މާތް އައްލާހުގެ ވާގިފުޅާއެކު ރައީސް ސޯލިހުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެ ކަމަށް ވިދާޅުވަމުން އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ.
އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލްގެ ޗެއަތޕާސަން ކަމުގައި ގައުމީ ބޮޑު ދެ އިންތިހާބުން އެމްޑީޕީ ފޭލިވެ މާލޭ މޭޔަރކަން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

