ގައްސާން މައުމޫނާއި އަންނި ކޯލިޝަން
ރައީސް ނަޝީދުގެ ޗޮއިސްއަކީ ގައްސާން މައުމޫން
ޑރ. ވަހީދަކީ އަންނަ އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް އެންމެ ލާއިގު ކެންޑިޑޭޓް ކަމުގައި ދެކެވެއެވެ. ހުރިހާ ކެންޑިޑޭޓުންނާ ވާދަކޮށް އިރެއްގައި 5 ޕަަސެންޓް ލިބުނަސް އަބަދަކު އެކަން އޮންނާނީ އެހެނަކުން ނޫނެވެ.
2013 ގެ އިންތިހާބަކީ ކައްޓަށް މަހަށް އެމްޑީޕީ ނުކުމެ ޑރ. ވަހީދާ ދެކޮޅަށް ކެމްޕޭނު ޖެއްސި އަހަރެވެ. އޭގެ ފަހުން 10 އަހަރުވީއެވެ. ރައީސް ވަހީދުގެ ހުރިހާ ހައިސިއްޔަތަކަށް ބަލާއިރު 7 ފެބްރުވަރީ ތެތަށް ކަނޑާފައި ވެސް ރައީސް ޔާމީނު ނެތް ތަނަކަށް ރިޔާސީ ކެންޑިޑޭޓްގެ ތިލަފަތުގައި މިހާރު އެންމެ ބޮޑު ބުރަދަނެއް ހުރި ބޭފުޅަކަށް އިދިކޮޅުން ކިރާލެވޭނީ ރައީސް ވަހީދެވެ.
އެހެން ނޫނަސް 7 ފެބްރުވަރީ އަކީ ޕީޕީއެމް މީހުންނަށް އޭގައި އެއްވެސް ނުބައެއް ނެތް ފަހުރުވެރި ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ދުވަހެެކެވެ. ފެބްރުވަރީ 7 ގެ ސަބަބުން ޕީޕީއެމްގެ ތެރޭން ޑރ. ވަހީދަށް ގެއްލޭނެ އެންމެ ވޯޓެއްވެސް ނެތެވެ.
ފެބްރުވަރީ 7 އާއި އެމްއެމްޕީއާރުސީގެ ފަހުން ރައީސް ނަޝީދުވަނީ ހުރިހާ ކަމަކަށް ހިތްހެޔޮ ކުރައްވާ އެބޭފުޅުން ގެނެސް ކޯލިޝަން ހަދާ ކަރާ ކަރު ޖައްސާފައެވެ.
ރާއްޖޭގެ ވޯޓް އޮތީ މައިގަނޑު ދެބަޔަކަށެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީއެވެ. މިއިން ކޮންމެ ފަޅިޔަކުން ވެސް ފަހު ނަތީޖާގައި މެދު ރޮނގު ހުރަސް ކުރަނީ ބާކީ ތިބި ސިޔާސީ ބަހާތަށް އެއްތަން ކޮށްގެންނެވެ. ރަައީސް ޔާމީނާ އެެއްބަސް ނުވެވުނަސް ޖުމްހޫރީ ގާސިމާއި، އަދާލަތު އިމްރާނާއި އެމް.އެން.ޕީ ނާޒިމަކީ ރައީސް ވަހީދާ އެކު ބައި ދައުރުގައި ވެރިކަން ކުރި ގާތް މީހުންނެވެ. ސިޔާސީ ސައްލާ ކޮށް، ވަހީދާ ގުޅި ލާމެހުން ދަތި ނޫން މޮޅު ފޮމިއުލާއެކެވެ.
ވީގޮތަކުން ރައީސް އިބޫ ބަލިކުރަން ބޭނުންވާ ދެފަޅިއެއް އެބަ ފެނެއެވެ. އެއް ބަޔަކީ ޝައްކެއް ނެތި ޕީޕއެމްއެވެ. އަނެއް ބަޔަކީ ރައީސް ނަޝީދާ އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީ މީހުންނެވެ. 7 ފެބްރުވަރީގެ ހިތިކަމުގެ ސަބަބުން ރައީސް އިބޫ ބަލި ކުރުމަށްޓަކާ ވެސް ޑރ. ވަހީދާ އެއްބައިވެ ބައިއަތު ހިފުމަކީ ރައީސް ނަޝީދަށް ވެގެން ކުރައްވާނެ ކަމެއް ނޫނެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަން ދުވަސް ނުފުރާ ބައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ވަހީދެވެ.
ދެން ހުރީ ރައީސް އިބޫއެވެ. ރައީސް ނަޝީދާ ދިވެހި ވެރިކަމާ ދެމެދަށް ހުރަސް އެޅި ވަފާތެރި ކެހިވެރިންގެ ގޮތުގައި އެ މަނިކުފާނު ދެެކެވަޑައިގަންނަވާނެ ދެބޭފުޅުންނަކީ ރައީސް ވަހީދާ ރައީސް އިބޫއެވެ. އެހެން ކަމުން ވަހީދަށް ބައިއަތު ނުހިފާ އިބޫ ބަލި ކުރުމަށްޓަކާ ރައީސް ޔާމީނާ ގުޅެން ވެސް ތައްޔާރު ކަމުގެ އިޝާރާތް ރައީސް ނަޝީދު ވަނީ ކުރިން ވެސް ދެއްވާފައެވެ.
ތަގްދީރު ނިޔާ ކުރި ގޮތުން މިއަދަކު ރައީސް ޔާމީނެއް ނެތެވެ. ރައީސް ނަޝީދަށް މިހާރު ޖެހިވަޑައިގެންފައި އެވަނީ އެ މަނިކުފާނަށް ބައިއަތު ހިފަން ފަސޭހަ ޑރ. ވަހީދު ނޫން އެހެން ރިޔާސީ ކެންޑިޑޭޓެއް ޕީޕީއެމްގެ ތެރެއިން ހޯދުމެވެ.
ތުންތުން މަތިން ވައި އަޑުން ރަށުތެރޭގަައި އަޑެއް އެބަ ކިޔައެވެ. އެއީ ޕީޕީއެމްގައި ހުންނެވި ރައީސް ނަޝީދުގެ ޗޮއިސްއަކީ ގައްސާން މައުމޫން ކަމުގެ އަޑުތަކެވެ.
ނަޝީދުގެ އުންމީދަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ގައްސާން ހައްދަވައިގެން ރައީސް މައުމޫނާއި އެންދެރިމާގޭ އިލްޔާސްގެ ތާއީދާ އެކު ޕީޕީއެމްގެ ވެރިކަމެއް އުފައްދައިގެން ރައީސް އިބޫ ބަލިކޮށް ބީރައްޓެއްސަކަށް ވާތީ މާލޭން ވެސް ފައްސާ ނަގާލުން ކަމުގައި ވެދާނެއެވެ. ކުދި އާބާދީ އޮންނަ ރަށްތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަވާތީ މިކެމްޕޭނުގައި ވެސް ނަޝީދު އެބަ ކުސަ ދަމައެވެ.
ނަޝީދު ހިސާބު ޖައްސަވާ ގޮތުން އޮނަރަބްލް ގާސިމް އިބްރާހީމަކީ އަދިވެސް އެންދެރިމާގެއިން ބޭނުން ނުވާ ގޮތަކަށް ނުހުންނެވޭނެ ބޭފުޅެކެވެ. ނަޝީދުގެ މިހިސާބު ދިމާ ވެއްޖެ ނަމަ ނަޝީދަށާއި އެމްޑީޕީއަށް މޮޅެއް ނުވިޔަސް އޯކޭއެވެ. އިބޫ ބަލި ކުރެއްވުމަކީ ނަޝީދުގެ ސިޔާސީ ހަޔާތުގައި މިހާރު ކުރައްވާ އެންމެ ބުރަ މަސައްކަތެވެ.
ތުހުމަތާއި އިލްޒާމާއި ފާޑުކިޔައިގެން ބަލިވާނެ ނަމަ ރައީސް އިބޫ ބަލިވިތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖަައީހެވެ. އެކަމަކު ރައީސް އިބޫ އަކީ އެއް އިރެއްގައި ވެސް ރަށުތެރޭގަައި އަތް އުކާ ގެރި ޒުވާބު ކުރާ ، އެމީހާ އެއްނޫނެވެ.