ކިތަންމެ ބޮޑު ތެދަކަސް ގައްދާރުން ގަބޫލެއް ނުކުރާނެ

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ވަރުގެ ކަމެއް ނުހިގާ- މެންބަރ އަސްލަމް

ކިތަންމެ ބޮޑު ތެދަކަސް ގައްދާރުން ގަބޫލެއް ނުކުރާނެ

ޗާގޯސް މައްސަލާގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ވަރުގެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާ ކަމުގެ ޔަގީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ދެއްވުމުން ވެސް ފިތުނަވެރިން އެކަން ވެސް ކުރާނީ ދޮގެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިނގަމުން އަންނަ ސަރަހައްދީ މައްސަލައިގެ ތަފްސީލްތައް ސަރުކާރުން މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށް މެންބަރ އަސްލަމް ވެސް އެ ވިދާޅުވީއެވެ. މީގެކުރިން ބަންޑާރަނައިބު ވެސް ރާއްޖޭގެ މީޑިއާތަކަށް ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފައެވެ. އެކަމަކު އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާން ނެރުނީ މުޅި މައްސަލައިގެ މަފްހޫމު އޮޅޭ ގޮތަށެވެ.

މަޖިލީހުގެ އިދާރައިން ނެރުނު ބަޔާނުން ވެސް އެ މައުލޫމާތު މަޖިލީހުގެ އިދާރައަށް ލިބިފައިވާކަން ކަށަވަރު ވިއެވެ. އެހެނަސް ރައީސް ނަޝީދު ދައްކަން ބޭނުންވި މަންޒަރަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ދިވެހި ސަރުކާރުން މޮރިޝަސްއާއި އެކުގައި ހަދައިގެން އުޅޭ ކަމުގެ ސިފައެވެ.

ރައްޔިތުން މަޖިލީހުގެ ލަފާ އަހަން ޖެހޭ ކަމެއްގައި ލަފާ ނާހާ އެކަމެއް ކޮށްގެން އުޅޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމެވެ. ބޭނުމަކީ ނަފްރަތު އުފައްދާ ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރުމެވެ. ނަޝީދަށް ތިމާ ނޫން މީހަކީ މީހެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ނިންމަން ޖެހޭކަމެއް މަޖީލީހަށް ސިއްރުކުރަން ޖެހޭ ސަބަބެއް ސަރުކާރަކަށް ނެތެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު ސަރުކާރަށް އޮތް ކަމަށް ވެސް ބުނަނީ ރައީސް ނަޝީދާއި އަދި އިދިކޮޅު ޕީޕީއެމުންނެވެ. އެހެން ކަމަށްވަންޏާ ސަރުކާރުން ކޮންމެހެން ކުރަން ބޭނުން ވެގެން ކުރާ ކަމެއްގައި އިދިކޮޅު ހަދާ ބަޔަކު އިދިކޮޅު ހަދަހަދާ ތިއްބާ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ފާސް ކޮށްގެން އެކަމެއް ކުރެވޭނެ ނޫން ހެއްޔެވެ. ބޮޑު ވަރަކަށް ނަޝީދަށް ކުރެވޭނެ ކަމަކީ އެޖެންޑާ ނުކޮށް ހިފެހެއްޓުމެވެ. ސަރުކާރުން ބޭނުންވާ ކަމެއް އެޖެންޑާ ނުކޮށް ނަޝީދަށް އިނދެވޭނީ ރިޔާސަތުގައި ބައިންދާފައި އިނީމާ ނުންހެއްޔެވެ. 

ނަޝީދާއި އަދި އިދިކޮޅުން ބުނާހެން މަޖިލީހުގެ ބާރު ސަރުކާރުގައި އޮވެ އެހެން އެކަން ސަރުކާރުން ނުކޮށް އޮތުމުން ވެސް ޗާގޯސް މައްސަލައިގައި ސަރުކާރުން ކަމެއް ފޮރުވައިގެން ކަމެއް ގޯސްކޮށް ކޮށްފައި ނެތްކަން ސާބިތުވެއެވެ. މޮޔަ ކުޑަ ކުދިން ވެސް ނަޝީދުމެން ވެރިކަމުގެ ދަހިވެތި ކަމުގައި ތިޔަ ދައްކާ ކަހަލަ ދެއުޅި އެއްނުވާ ހޮޅި ވާހަކައެއް ނުދައްކާނެއެވެ. 

ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖޭގެ ގާނޫނު ތަކުގައި ކަނޑައަޅާފައި ވާއިރު، ޗާގޯސްއާއި ރާއްޖެ ގުޅޭ ސަރަހައްދު ފުށު އަރާ ނަމަވެސް ކަންކުރަން ގޮތެއް ގާނޫނުގައި ބުނެފައި އޮވެއެވެ. ސަރަހައްދީ އިން ފުށުއަރާ ގައުމަކާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ގާނޫނުގައި ބަޔާން ކޮށްފައި އޮވެއެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ އުތުރުގައި (އިންޑިއާ- ރާއްޖެ- ލަންކާ) ވެސް ކަންކުރީ އެ ގޮތަށް ކަމަށެވެ. ޗާގޯސް މައްސަލާގައިވެސް ސަރުކާރުން ކަންކުރަނީ ގާނޫނު އަސާސީގައި އޮތްގޮތަށެވެ. އެ ކަމުގައި އޮޅުމެއް އޮޅުވާލުމެއް ނެތެވެ. އެނގި ތިބެ ފަސާދަ އުފައްދަން ކަނޑައެޅިގެން ދޮގު ހަދާ އޮޅުވާލަނީ އަމިއްލަ އެދުމުން ފޯވެފައިވާ ނަޝީދާއި ޔާމީނާއި އެދެ މީހުންގެ ޕަޕެޓުންނެވެ.

ޗާގޯސް - ރާއްޖެ މައްސަލާގެ ތަފްސީލްތައް ހިއްސާ ކުރައްވާ އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކުގެ ތަފްސީލްތައް މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމު ހިއްސާ ކުރެއްވި ކުރެއްވުމަކީ ވެސް ނަޝީދުގެ ކަލްޓާ ޕީޕީއެމަށް ވާނީ ދޮގަކަށެވެ. ހުރިހާ ކަމަކަށް ވުރެ ނަޝީދު ވެސް ބޭނުންވަނީ ޔާމީނެކޭ އެއްފަދައިން ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ހޯދުމެވެ. 

ވެރިކަމުގެ މަސްތުގައި ޖެހިފައި ތިބި ޔާމީނާ ނަޝީދަށްޓަކާ ގުރުބާން ކުރަން ގައުމިއްޔަތާއި އިސްތިގުލާލާއި ސިޔާދަތާ ދެން އޮތް އެއްޗަކާ ވެސް އެބައި ގަނޑަށް އޯކޭ ވާނެއެވެ. ހެއްދެވިހާ ދޮގެއް ހަދައިގެން ސަރުކާރަށް ކުރާ ދޮގު ތުހުމަތުތައް ސަރުކާރުން ގަބޫލުކޮށް އެއްބަސް ވުމުން ނޫނީ ސަރުކާރުން ތެދެއް ހަދާ ކަމަކަށް އެ ގައްދާރުން ގަބޫލެއް ނުކުރާނެއެވެ.