އައްޕާ މިބޫ މާލެއާ | މިވަރު ވީމާ އެވެވެނީ ވަޖިދު: މިދުއަމް
މަގު ޕްރޮމޯޓުކުރަން އުޖޫރަ ދިނަސް، މިވަރު ވާކަށް ނުޖެހޭ
ހައްގަށް ވަކާލާތުކުރައްވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމު ސައުދުގެ ވަރުގަދަ ރައްދެއް ސަރުކާރު ޕްރަމޯޓްކުރާ އެކްޓިވިސްޓުންނަށް ދެއްވައިފިއެވެ. މިދުއަމު ރައްދުދެއްވީ މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުން ބައެއް ފުޅާކޮށް ތާރުއަޅާ ތަރައްގީކޮށް ހުޅުވުމާއި ގުޅިގެން ސަރުކާރު ޕްރަމޯޓްކުރާ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
"އައްޕާ މިބޫ މާލެއާ" ނަމުގައި ސަރުކާރު ޕްރަމޯޓުކުރަން ކުރި ވީޑިއޯ ޕޯސްޓަށް ރައްދުދެއްވާ މިދުއަމު ސައުދު ވިދާޅުވީ "އައްޕާ މިބޫ މާލެއާ" އަކީ "ރާއްޖެތެރެ" މީހުން މާލެ އަރަން ހުއްދަ ނަގަން ޖެހުނު ޒަމާން ދައްކުވައިދޭ ކުޅުމެއްގެ ބައެއް ކަމަށެވެ. " އޭރު ވަރަށް ގިނަ މީހުންގެ ހިޔާލީ ފޮލައަކީ 'ރާއްޖެތެރެ' އެންމެނަކީ ނާތަހުޒީބު ބައެކެވެ. ދުވަހަކު އުސް އިމާރާތެެއް ނުފެންނަ ބައެކެވެ. ކާރެއް، ލޮރީއެއް އަދި ޑަމްޕަރެެއް ވަކި ކުރަން ނޭނގޭ ބައެކެވެ. ބައެއްގެ ހިޔާލީ ފޮލައަކީ މި ނާތަހުޒީބު ރާއްޖެތެ ހުރިހާ "އާލތނނަކީ" މާލެ ފެނި، އުސް އިމާރާތް ފެނި، ކާރާއި ޕިކަޕު ފެނި އެ މަންޒަރުތައް ރީތިވެގެން އާޝޯހުވެ ހަބަރު ހުސްވާ ބައެއް ކަމަށެވެ." މިދުއަމު ވިދާޅުވިއެވެ.
"އައްޕާ މިބޫ މާލެއާ އަކީ އެފަދަ މީހުންގެ ހިޔާލީ އެދުން ފުއްދަން ކުޅެ އުފައްދާފައިވާ ކުރު ޑްރާމާއަކުން މަޝްހޫރުވި ބުނުމެކެވެ. މިބުނުން ބޭނުން ކުރަނީ ދެންނެވުނު ވިސްނުމާއި ފިކުރުގެ މާނަ ފޯރު ކޮށްދޭށެވެ. ވީމާ މާލޭގައި މަގެއް ހެދިގެން، އެ މަގު ޕްރޮމޯޓުކުރަން އުޖޫރަ ދިނަސް، މިވަރު ވާކަށް ނުޖެހެވެެ. އަސްލާއި ފޮލައާއި އޮޅޭވަރު ވާކަށް ނުޖެހެއެވެ. ބަޔަކު ކުޑަކޮށް، ކަޑަކޮށް، ދެރަ ކުރަަން ގެންގުޅު ބަސްމަގާއި އަމަލުތައް އިއާދަ ކުރާކަށް ނުޖެހެއެވެ. މިވަރު ވީމާ އެވެވެނީ ވަޖިދެވެ." މިދުއަމް ވިދާޅިވިއެވެ.
މަގެއް ހެދުމަކީ ރަނގަޅު ކަމެކަމަށާއި ފުޅާ ކުރުމަކީ ލުއިފަސޭހަތަކެއް ވާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެނަސް ގާއެޅި، ތާރު އެޅި މަގެއް ހެދުމަކީ އެެއްވެސް އިރެެއްގައި ދުނިޔޭގެ އެއްވެސްތާކު ބަޔަކު "އަބަހައްދަ" ކުރުވި ކަމެއް ނޫން ކަމަށް ވިދާޅުވަމުން މިސާލު ޖެއްސެވީ އައްޑޫ ގަމުގައި ގާއަޅާ މަގު ހެދިއިރު މާލޭގައި އެކަމެއް ކޮށްފައި ނެތްކަމުގެ މިސާލުންނެވެ. ލ ގެ ލިންކް ރޯޑަކީ ދެފަޅިން ރުއްގަހާއި މޫދު ފެންނަ ދުނިއޭގެ ދަރަޖައިގަވެސް ފާހަނގަ ކޮށްލެވޭ ރީތި މަގެއްކަމަށައި އެކަމަކު އެކަމާހެދި ބަޔަކު ވަޖިދު ނުވަކަމަށާއި ބޮލަށް ފިތާ ދޫކޮށްލާފައިވާ ތާވަޅެއްހެން ނޭނބުރޭ ކަމަށައި ކިޔޭ ނުކިޔޭއެެއް ނޭނގޭހާ އަބަހައްދަ ނުވާކަމަށް ވެސް މިދުއަމު ސައުދު ވިދާޅުވިއެވެ.
" ތާރު އެޅި މަގެއް ހެދިގެން އަދި ފެނިގެންވެސް ބަޔަކު ތިވަރު ނުވެއެވެ. އޭރަކުވެސް ނުވެއެވެ. މިހާރަކުވެސް ނުވެއެވެ. އެހެން ނޫންނަމަ ދިވެހިރާއްޖެ އަށް އަންނަ ފަތުރުވެރިން އަންނާނީ މާލޭ ތާރު މަގުތައް މަތީ ތިބެ ފޮޓޯ ނަގާށެވެ. ތާރުނާޅާ ހުރި ދޮންވެލި މަގުތަކުގައި ހިނގާކަށެެއް ނޫނެވެ." މިދުއަމް އިތުރުކޮށް ލެއްވިއެވެ.
"އެކިޔާ ރާއްޖެތެރެ މީހުންނަކީވެސް އެެއްވެސް އިރަކު ބަޔަކު ހީކުރީހާ ނާތަހުޒީބު ބައެއްްވެސް ނޫނެވެ. ވީޑިއޯގައި ހުރި ސޮރު މާލެ މަގުފެނި ދެން މާލެ ދޫނުކުރާނެ ކަމަށް ބުނިކަމުގައި ވިޔަސް މަގު ބަލަން މާލެ އަންނަ ބަޔަކު ނެތެވެ. މާރީތި ރަށްތައް ދޫކޮށް، މާރީތި ވެށިތައް ދޫކޮށް، މާހިތްފަސޭހަ ދިރިއުޅުން ދޫކޮށް މާލެ އަންނަ މީހުން އަންނަނީ އަސާސީ ހިދުމަތް ހޯދާށެެވެ.' މިދުއަމް ސައުދު ހަގީގަތް ހާމަކޮށްލެއްވިއެވެ.
ވީމާ މަގެއް ހެދިގެން ވިޔަސް، ވިސްނުމާއި ފިކުރުގެ ގޮތުން ބުއްބުއި ދަތް ނުވެއްޓޭ ޅަކުދިން ލައްވާ މިފަދަ މަންޒަރުތައް ކުޅުވާކަށް ނުވާނެެ ކަމަށާއ މިފަދަ ވިސްނުން ފަތުރާކަށް ނުވާނެ ކަމަށް ވިދާޅުވަމުން މިދުއަމް ސައުދު ވިދާޅުވީ މި ދަރަޖައަށް ނުވެއްޓިވެސް މަގެއް ޕްރޮމޯޓު ކޮށްލެވޭނެކަމަށެވެ.


