އުނބަށްޖެހި ބާޒަށް ވެރިކަން ހޯދި ބޮޑު ދޮގު
މުއިއްޒު ބޮޑު ދޮގު ހަދާލީ އުނބަށް ޖަހަފާނެޔޭ މީހަކު ހިތަށް ނާރާހާ މޮޅަށް
ވަގާ ދޮގާ މަކަރުން ވެރިކަމެއް ލިބިފައި ހުރީމާ ބިރު ގަންނާނެއެވެ. މޭކަރާނެއެވެ. ފައި ތުރުތުރު އަޅާނެއެވެ. ދެންމެ ދެންމެ ވެއްޓިދާނެއޭ ވެސް ހީވާނެއެވެ. ގަހަކުން ފަތެއް ހެލެލިޔަސް ފަހަތުން އަންނަހެން ހީވާނެއެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނެވެ. ޕްލޭން އޭ އަކީ ޔާމީނެވެ. ޕްލޭން ބީ އަކީ ޔާމީނެވެ. ޕްލޭން ސީ އަކީވެސް ޔާމީނެވެ. މިއްޔަކީ މަށަކު ބުނި ވާހަކައެއް ނޫނެވެ. ނޭވަޔަކު ދެކޮޅު ޕީޕީއެމް-ޕީއެންސީން ކީލަވައެވެ. އަދުރޭ ނިދާއިރު ޝަހާދަތަކަށް ކީވެސް އެހެނެވެ. ނައިފަރު ޝިޔާމަށް ދެނޭވާ ދޭތެރޭގައި ކިޔުނީ އެހެނެވެ. އަމްދުން މުއިއްޒު ހުރީ ޔާމީނު ވެރިކަމުގައި ނެތި ދުނިޔޭގައިވެސް ނުހުންނަ ހިސާބުގައެވެ.
އެންމެ ފުރަތަ ރައީސް ޔާމީނު ހައްޔަރަށް ގެންދަން އުޅުނު ދުވަސްވަރު ހައްޔަރު ކުރުމުގެ ކުރީން ޕީޕީއެމް-ޕީއެންސީ މެންބަރުނަށް ވަސިއްޔަތެއް ކުރެއްވިއެވެ. ތިމަން މަނިކުފާނު ނެތަސް މިނިކާ ބާޒަކަށް ލީޑަރޝިޕް ނުދިނުމަށް ކުރެއްވި ވަސިއްޔަތެވެ. ހައްޔަރަށް ޔާމީނު ވަޑައިގަންނަވަމުން ވަލީ ހަވާލު ކުރެއްވީ ހައްދުންމަތީ އަދުރޭއާއެވެ. ހައްދުންމައްޗަށް ނުގެންދާނެ ކަމަށް ޔަގީންކޮށެވެ.
ދުވަސްތައް އެނބުރެމުން ސެނބުރެމުން އޮވެދެއެވެ. މިނިކާ ބާޒަކަށް ކުޑަބޭރުވެސް އެރޭ ތަނެއް ނުފެނެއެވެ. ކޮވެލި ހާއްޔެއްގައި ކާޅެއް އޮވެ ބޮޑުވާތަން ފެންނަ ވަރަށްވުރެ ކަންކަން އޮތީ ހައްދުން މައްޗަށް ގޮސްފައެވެ. އެންމެން އެންމެނަށް ތިބެ ގޮވަނީ ރައީސް ޔާމީނު! ރައީސް ޔާމީނެވެ.
ފަރުދާގެ ފުރަގަހުގައި ފެކްޝަންތައް ހެދި ބޮޑުވަމުން އަންނަ ކަމަށް ވައިއަޑުން ކިޔައެވެ. ގައްސާނާއި ސައީދާއި މުއިއްޒު ފަދަ މީހުން ބައިބޮޑުކޮށް ޓިކެޓް ޖަހައިގަންނަން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތައް ގަދަވިއެވެ. ފުލުފުލުން އެވާހަކަތައް އަދުރޭ ދޮގުކުރެއެވެ. ހަމައެހެން ގައްސާނާއި ސައީދާއި މުއިއްޒުމެން ވެސް އެވާހަކަތައް ދޮގުކުރެއެވެ.
ސިޓީ ކައުންސިލް ތެރޭގައި ރިޔާސީ ޓިކެޓަށް މުއިއްޒު ދޮންކޮށް ފައްކާވަމުން އަންނަކަން ފަޅާއަރާ ފިޔަވަޅު އަލާ ހިސާބަށް ދިޔުމުން ވެސް މުއިއްޒު ހެދީ ދޮގެވެ. އެ ކަމަކީ ކުރާކަމަކާ ލަފާ ގާތް ވެސް ނުކުރިއެވެ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނު ކަމަށް މަތިމައްޗަށް ހަތްހުވާކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވާން ބޭނުން ނޫންކަމަށް ބުނަމުން ދިޔައެވެ. އެބޮޑު ދޮގު މުއިއްޒު ހަދާލީ އުނބަށް ޖަހަފާނެޔޭ މީހަކު ހިތަށް ނާރާހާ މޮޅަށެވެ.
ރިޔާސީ އިންތިހާބު ބޯމަތިވަމުން އައި އައިހެން ރައީސް ޔާމީނުގެ ޖަލުނޯޓްތައް އަންނަމުން ދިޔައެވެ. ޖަލު ނޯޓްތައް ޕީޕީއެމް-ޕީއެންސީ ސެނެޓަށް އިއްވަނީ ވަގުތީ ލީޑަރު އަދުރޭއެވެ. އެގޮތުން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ ހަދަން ޖެހޭ ގޮތުގެ އިރުޝާދު ވެސް ޖަލު ނޯޓަކުން ރައީސް ޔާމީނު ފޮނުއްވެވިއެވެ.
ޖަލުނޯޓުން ރައީސް ޔާމީން ދެއްވި އެއް އިރުޝާދަކީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއްކަމާއި ރައީސް ޔާމީނަށް ވާދަ ނުކުރެވޭތީ 2023ގެ ރިޔާސީ އިންތިހާބު ޕީޕީއެމް-ޕީއެންސީން ބޮއިކޮޓް ކުރުމަށް ސެނެޓުން ފާސް ކުރުމަށެވެ. ހީލަތްތެރިކަމާއެކު އަދުރޭ ޔާމީނުގެ ހުށައެޅުއްވުން ސެނެޓްގައި ވޯޓަށް އެހީ ދެ ހުށަހެޅުމެއްގެ ގޮތުގައެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ސެނެޓްގެ އިއްތިފާގުން ފާސްކުރުވިއެވެ. އަދި އިންތިހާބު ބޮއިކޮޓް ނުކުރުމަށް ކައުންސިލުން ފާސްކުރުވީ ހުށަހެޅުން ދެ ހުށަހެޅުމެއްގެ ގޮތުގައި ވޯޓަށް އަހައިގެންނެވެ. ބޭނުމަކަށްވީ ރައީސް ޔާމީނުގެ ނަން ބޭނުންކޮށްގެން މިނިކާ ބާޒަކަށް ވެރިކަން ހޯދާ ދީގެން ދައުލަތް ދަވާލުމެވެ. ވެރިކަން ބޭނުން ނުވާކަމަށް ތަކުރާރުކޮށް މުއިއްޒު ބުނި ބުނުން އުނބަށް ޖެހުވުމެވެ.