ސަރުކާރަށް ދަތިކުރިކަމަށް ޑރ. މުއިއްޒު އެއްބަސްވެއްޖެ!
ބޯހިކެން ނެތް ދަރަންޏާ ސަރުކާރުން ޖާމިނު ވާނީތޯ
މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހޭނީ ސަރުކާރުގެ ޕަޕެޓެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުއިއްޒު ވާހަކަ ދައްވައިފިއެވެ. ޕާޓީ އޯޑަރަށް ތަބާވާ ކެންޑިޑޭޓަކު މޭޔަރު ކަމަށް ގެނެސްގެން ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރަކަށް އަންނަ މީހަކަށް ޕަޓީއާއި ދެކޮޅުވާން ކެރޭނެތޯ މުއިއްޒު ސުވާލު ކުރައްވައެވެ.
މުއިއްޒު އަމިއްލަފުޅަށް ކުރައްވާ އެ ސުވާލު ތަކާއެކު މިދަންނަވާ ސުވާލު ތަކަށް ވެސް ޖަވާބު ހޯއްދަވާލަ ދެއްވާށެވެ. ދަރަނީގެ ދަންތުރައެއްގައި ބެނދެވިފައިވާ މީހަކަށް ދަރަނި އަދާނުކޮށް ފުއްޕާފައި އުޅެވޭނީ ކިހާ ދުވަހަކުތޯއެވެ. މާލެ ސިޓީ މޭޔަރު ކަމަކީ ދަރަނި އަދާކުރުމަށް އަޅާ ފާލަމަކަށް ނުވެ ހިނގައިދާނެތޯއެވެ. ބޯ ހިނކެން ނެތް ދަރަނީގެ ބުރަޔާއެކު ރައްޔިތުންގެ ހައްގުތައް ހޯދާ ދެވޭވަރުގެ ނަފްސާނީ ދުޅަހެޔޮކަން ސަރުކާރުގެ ކެންޑިޑޭޓްގެ އެބަހުރި ތޯއެވެ. ސަރުކާރުގެ ކެންޑިޑޭޓްގެ އޮރިޔާން ނިވައި ކޮށްދޭން ބޯހިކެން ނެތް ދަރަންޏާ ސަރުކާރުން ޖާމިނު ވާނީތޯއެވެ.
މާލޭ މޭޔަރު ކަމަށް އާޒިމާ ޝަކޫރު ހޮވުމުގެ އެދުން އޮތްލެއް ބޮޑު ކަމުން ސަރުކާރުން ބުނާހާ ގޮތެއް ނުހަދާ ގޮނޑި ކޮއްކޮއެއް ނޫނީ މާލޭ މޭޔަރު ކަމަށް ހޮވައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އދިކޮޅު ކެންޑިޑޭޓުންނަށް ޕާޓީލައިނާ ދެކޮޅަށް ކަމެއްކުރަން ކެރޭނެތޯ މުއިއްޒު އައްސަވާއިރު ޕީއެންސީގެ ކެންޑިޑޭޓަކީ ވެސް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކަން ހަނދުމަފުޅެއް މުއިއްޒު ނެތެވެ. ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކަކީ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރަން އުފެދިފައިވާ ޕާޓީ ތަކެކެވެ. ވެރިކަމުގައި އޮތުމާ ނެތުމަކީ އެހެން ކަމެކެވެ.
އެންމެ ފަހުން މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ. މުއިއްޒު މޭޔަރަކަށް ރައްޔިތުން ހޮވީ އޭރު އޮތް ސަރުކާރުން ކެންޑިޑޭޓަކު ނެރެފައިވަނިކޮށް ސަރުކާރާ ދެކޮޅަށެވެ. ދެން ކަންތައް ކުރެއްވީ ރަނގަޅަށް ނޫންކަމަށް ކުރިން ކުރެވުނީ ޝައްކެކެވެ. ވަރަށް މޮޅު ވާހަކައެކޭ ހީކުރައްވާ މުއިއްޒަށް ދެއްކެވުނު ވާހަކަ އަކުން މުއިއްޒު ކަންކުރެއްވީ ރަނގަޅަށް ނޫންކަން ކަށަވަރުވެއްޖެއެވެ. އެހެން ކަމުން މުއިއްޒުގެ އަސްލު ސިފަ މިކަމުގައިވެސް އިތުރަށް ފާޅުވީއެވެ.
އޭރުގެ އިދިކޮޅު ޕާޓީގެ ޓިކެޓްގައި ހޮވި ވަޑައިގެން މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރެއްވީ ސަރުކާރަށް ޖެއްސުން ކަމަށް އަމިއްލަފުޅަށް ވިދާޅު ވެވުނީއެވެ. ރައްޔިތުން ވޯޓު ދީގެން މުއިއްޒު މޭޔަރު ކަމަށް ހޮވީ ސަރުކާރާ ދެކޮޅު ވާކަށް ނޫނެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށެވެ.
އެހެނެއް ކަމަކު މުއިއްޒު މަސައްކަތް ކުރެއްވީ އެގޮތަށް ނޫން ކަމަށް ރައްޔިތުން ގާތުގައި އެ ވިދާޅުވީއެވެ. މުއިއްޒުގެ މޭޔަރ ކަމުގައި ހުންނަވައިގެން ސަރުކާރާ ދެކޮޅުވެރިވުމަށް ޕީޕީއެމުން އެންގި ހުރިހާ އެންގުމަކަށް ބޯ ލަނބާ ކިޔަމަން ގަތްކަމަށް އިއުތިރާފް ވެވުނީއެވެ. މިއަދަކު އެހެން މީހުން ސަރުކާރަށް އެއްބާރުލުމުގެ ވާހަކަ ދެން މުއިއްޒު ނުދައްކަވާށެވެ.