އިޖްތިމާއީ ހަރަކާތުގައި ސްޓެލްކޯ ލާމަސީލު

އިޖްތިމާއީ ހަރަކާތުގައި ސްޓެލްކޯ ލާމަސީލު

ރައްޔިތުންނަށް ލާބައާއި މަންފާ ކުރަނިވި އިޖްތިމާއީ ހަރަކާތްތައް ހިންގުމުގައި ސްޓެލްކޯއަކީ ލާމަސީލު މިސާލެކެވެ. އެހެން މުވައްސަސާތަކާއެކީ ޓީމެއްގެ ގޮތުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުންގެ މިންނެއް މަސައްކަތްތަކަށް ސްޓެލްކޯގެ މެނޭޖުމަންޓުން އައްސަރިބަހާއި ސާބަސް ދެއެވެ. މިފަދައިން ސްޓެލްކޯގެ މެނޭޖުމަންޓުން އެ ކުންފުނީގެ މުވައްޒަފުންކުރާ އިޖުތިމާއީ މަސައްކަތުގެ އަގު ވަޒަން ކުރުމުން ދައްކުވައިދެނީ އެކުންފުނިން ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށްދޭ އަހައްމިއްޔަތެވެ.

ތުލުސްދޫ އައު ހޮސްޕިޓަލް އަޅާ ސަރަހައްދު ސާފުކުރުން!

ތުލުސްދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އައު ހޮސްޕިޓަލަކީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާނެ އެންމެ މުހިންމު އެއްތަނެވެ. މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ މަސައްކަތުގައި އެ  ރަށުގެ ސްޓެލްކޯގެ އިންޖީނުގޭގެ ސްޓާފުން އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ގޮތުން ކުރި މަސައްކަތުގެ ތެރޭގައި ގަސްތަށް ކޮށައި ސާފުކުރުން ހިމެނެއެވެ.

ތުލުސްދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުން

މި އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ކުޑަކުދިންނަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއް ގާއިމްކޮށް ދިނުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދަކަށް ވާނެއެވެ. ތަފާތު ދުވަސްތައް އެކި ކުލައިގައި ފާހަގަކޮށްގެން ވެސް އެކުދިން ހެއްވާލައި މަޖާކޮށްލާނެ ވަގުތުކޮޅެއް ހޯދައިދީފި ނަމަ އެ ކުދިންގެ މައިންބަފައިންނަށް ހިނިތުންވުން ގެނުވާނެއެވެ.

މިގޮތުން ސްޓެލްކޯގެ ތުލުސްދޫ އިންޖީނުގޭ މުވައްޒަފުން ވަނީ އެ ރަށުގެ ކުދިން ޝައުގުވެރިކޮށް ގަޔާކުރުވާނެ އިވެންޓްތަކެއް ތައްޔާރުކޮށް ގެނެސްދީފައެވެ. ކުޑަކުދިންގެ ދުވަހާއި ދިމާކޮށް އެ ކުދިން ހެއްވާލާނެ މެސްކޮޓުތަކެއް ވެސް ވަނީ ދައްކާލާފައެވެ. އަދި މީގެ އިތުރުން އެ ކުދިންނަށް ހަދިޔާދީ ޕިކަޕްބުރު ތަކެއް ވެސް ވަނީ ބާއްވާފައެވެ. ސްޓެލްކޯ މުވައްޒަފުންގެ އިޖްތިމާއީ މިފަދަ ހަރަކާތް ތަކުން އަންގައިދެނީ އެ ކުންފުނި ރައްޔިތުންނާއި މެދު ދެކޭ ގާތްކަމާއި އެކުވެރިކަމެވެ.

ދިއްފުށީގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުން

ކުޑަކުދިންގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ދިއްފުށީ ކައުންސިލާއި، އެރަށު ސުކޫލާ، ހެލްތު ސެންޓަރުގެ އިތުރުން ދިއްފުށީ ސްޓެލްކޯ މުވައްޒަފުން ގުޅިގެން ވަނީ އެ ރަށުގައި ކުލަގަދަކޮށް ތަފާތު އިވެންޓުތަކާއި އެކީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައެވެ.

މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކަންކަން އިންތިޒާމުކުރިއެވެ. ކުޑަކުދިން ޝައުގުވެރިވާ ކަހަލަ ތަފާތު މަޖާ ކުޅިވަރުތައް އެދުވަހު ވަނީ ގެންގޮސްފައެވެ. އަދި ގިފްޓް ރެޕް ކޮށްފައިވާ ހަދިޔާތައް ވަނީ އެ ކުދިންނަށް ބަހާފައެވެ.