އޭޝިއާގެ އަންނަޖީލުގެ ލީޑަރ: ހުޅުމާލޭ މެދުގެ އުންމީދު ސަފާތު

އޭޝިއާ ސޮސައިޓީ ނެޓްވޯކުގައި ދުނިޔޭގެ 27 ގައުމަކުން ހޮވާލެވޭ 30 ލީޑަރަކު އެކުވެގެން އެ ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުން ތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއެވެ. އަންނަ ޑިސެމްބަރު މަހުގެ ފަހަކުން ހަތެއްގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައި މި ނެޓްވޯކުގެ ހަރަކާތްތައް ކުރިއަށް ދާއިރު މި ނެޓްވޯކަށް ރާއްޖޭގެ މެންބަރަކު ވެސް މިފަހަރު ވަނީ ހޮވިފައެވެ. މި ފަހަރަކީ އެ ނެޓްވޯކަށް ރާއްޖޭން މެންބަރަކު ހޮވުނު ފުރަތަމަ ފަހަރެވެ.
އޭސިޔާގައި "ހިތްވަރުގަދަ ލީޑަޝިޕަކަށް ކުރާ ދަތުރު"އަށް ރާއްޖޭން ހޮވިފައި ވަނީ ހުޅުމާލޭ މެދު ދާއިރާގެ އުންމީދު ސަފާތު އަހުމަދު ޒާހިރުއެވެ. އެއްކޮށް ގުޅިގެން މަސައްކަތް ކުރާ އޭޝިއާގެ އުންމީދީ ލީޑަރުންގެ 'އޭޝިއާ 21 ކްލާސް ނެކްސްޓް ޖެނެރޭޝަން ފެލޯސް'އަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ލީޑަރަކަށް ސަފާތު ފަދަ ކަނބަލެއް ހޮވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަހުރަކާ ޝަރަފެކެވެ.
ސަފާތު އަހުމަދު ޒާހިރަކީ ރާއްޖޭގައި ވިދަމުން އަންނަ ސިޔާސީ ޒުވާން އިލްމީ ޝަހުސިއްޔަތެކެވެ. ހީވާގި ހިތްވަރުގަދަ ނާކާމިޔާބީގައި ފަހަށް ނުޖެހި ކުރިއަށްދާ އަޒުމު ވަރުގަދަ ފަހުލަވާނެކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެމްޑީޕީގެ އިސް ހަރަކާތްތެރިއެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ. އަންހެނުންގެ ބާރުވެރިކަމަށް ގުޅިގެން މަސައްކަތް ކުރައްވާ ތައުލީމީ ޒުވާނެކެވެ.
ލީޑަޝިޕް ދެއްކުމާ ގުޅޭގޮތުން ގެންގުޅެންޖެހޭ ކަންކަން ދަސްކޮށް، އެކަމުގެ ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް މި ނެޓްވޯކުގެ މި އަހަރުގެ ހަރަކާތުގައި ހަމަޖެހިފައި ވާއިރު ގުޅުންތައް ބަދަހިކޮށް އެކި ދާއިރާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރު ކުރުމަށް ސަފާތު މަސައްކަތް ކުރައްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.