އިބޫ ނޫން ގޮތެއް ނެތް!

ހޯދި އިބޫ ނޫން ގޮތުން ދިވެހިންނަށް ވީމޮޅެއް ނެތް!

އިބޫ ނޫން ގޮތެއް ނެތް!

ޔާމީނު ދައުލަތް ދަވާލާ ދަރަނީގެ ދަންތުރައަށް މަހާލާފައި އޮއްވާ އިބޫ ހަވާލުވެ ދައުލަތް ހިންގީ އޭރު އެއޮތް ހާލަތަކީ އޮތް ހާލަތެއްކަން އެނގި ހުރެއެވެ. ޔާމީނު ނޫން އެހެން ސިޔާސީ އެންމެން ގޮވައިގެން ވެރިކަން ކޮށްދޭން ރައްޔިތުން ރުހުނީ އިބޫފައިސަލްއެވެ. ވެރިކަމަށް ފެން ބޮވާފައި ތިބި އެތައް ބަޔަކު ހިމެނޭ ބޮޑު ކޯލިޝަންނެއް އިބޫ އާއި ހަވާލުކުރީ ދިވެހި ރައްޔިތުންނެވެ. އެއްބުރުން ސާފު އަގުލަބިއްޔަތުންނެވެ. ގާސިމާއި މައުމޫނާއި އަދާލަތާއި އެމްޑީޕީއަށް ވެރިކަން ބަހާލުން ޝަރުތުކޮށްފައެވެ. 

އެންމެ އިސް މަގާމުތަކުން ފެށިގެން ސިޔާސީ އާދައިގެ މަގާމުތަކަށް މީހުން އިސްކުރީ ހަތަރު ޕާޓީންނެވެ. ހަނގުރާމައިގެ ގަނީމާ މުދާ ބަހާ އުސޫލުން ޖެހުނީ ސަރުކާރުވެސް ހަތަރު ޕާޓީއަށް ބަހާލާށެވެ. އެ ޕާޓީތައް ހިމެނައިގެން އިބޫގެ ކޯލިޝަން ސަރުކާރު ފަށައިގަތީ ޔަގީންކަމާއި އިތުބާރާ އެކުގައެވެ. 

އެހެނަސް ކަންދިމާކުރި ގޮތުން ވެރިކަމަށް އަހަރު ނުވަނީސް ކޮވިޑް19ގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނެވެ. ފަތުރުވެރިން އައުން ހުއްޓި މަސް ބޭރު ނުކުރެވި އެކީ އެކައްޗަކަށް ދައުލަތުގެ އާމްދަނީ ހުއްޓި ދެއަހަރު ދުވަސް ވޭތުވިއެވެ. އެހެނަސް ކެތްތެރިކަމާއެކު ނުލިބޭ އާމްދަނީގައި އިބޫ ދައުލަތް ހިންގަމުން ދިޔައީ ރައްޔިތުންނަށް އެއްވެސް ބުރައެއް އިހުސާސް ވިޔަނުދީ ރޭވުން ތެރިކަމާއެކުގައެވެ. ސަރުކާރުގެ އެތެރޭގައި ތިބި ވާދަވެރިންގެ ހީލަތްތެރި ރޭވުންތަކުގެ ލޮޅުންތަކާ ވެސް އެކުގައެވެ.

ކޮވިޑްގައި ގިނަ ބަޔެއްގެ ފުރާނަ ދިޔަނުދީ ސަލާމަތް ކުރުމަށް ދައުލަތުގެ ހުރިހާ ހަކަތައެއް ހުސްކޮށްލަން މަޖުބޫރުވިއެވެ. ސިއްހީ ހިދުމަތުގައި އުޅުނުހާ މީހުން ރައްކާތެރި ކަމުގެ ގޮތުން އެކަހެރި ކޮށްގެން އެމީހުނަށް ކެއުމާއި ބުއިމާއި ނިދުން ހަމަޖައްސާ ދިނެވެ. ކޮވިޑް ފެސިލިޓީތައްކާއި އައިސޮލޭޝަން ފެސިލިޓީތައް މުޅި ރާއްޖޭގައި ހިންގިއެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެންނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްހެން އޮތީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރި ނުވޭވަރަށް ހާލަތު ދަށްވެފައެވެ.    

އާމްދަނީ ލިބޭނެ ގޮތް ނެތަސް ސަރުކާރުގެ މުއައްޒަފުން ގޭގައި ބައިތިއްބައިގެން ކޮވިޑް ތެރޭގައިވެސް ހަމަ މުސާރަ ދިނެވެ. ކާބޯ ތަކެއްޗަށް ޖެހުނަނުދީ ބާޒާރު މެނޭޖްކުރިއެވެ. ކަރަންޓް ނުކަނޑާ ރައްޔިތުންނަށް ކަރަންޓް ދިނެވެ. މާލެއާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުން ފެނެއް ނުކަނޑައެވެ. ތެލަކަށް ކާޑަކަށް ޖެހުނަކަ ނުދެއެވެ. ނުވިތާކަށް ފަށައިގެން ކުރިއަށްދާ ތަރއްގީގެ އެއްވެސް މަސައްކަތެއް ނުހުއްޓެއެވެ. އާލަމީ ވަބާއެއްގެ އިހުސާސް ދިވެހިންނަކަށް ކުޑަކޮށްވެސް ނުކުރެއެވެ.

ކޮވިޑް ކިތަންމެ ރަނގަޅަށް މެނޭޖު ކުރެވުނު ނަމަވެސް އިގްތިސޯދީ ލޮޅުން ކުޑައެއް ނުވެއެވެ. ޔުކްރެއިން ހަނގުރާމައިގައި ދުނިޔެ ތަހައްމަލުކުރާ ހުރިހާ ވޭނެއް ރާއްޖޭން ތަހައްމަލު ކުރަން ޖެހެއެވެ. މުޅި ދައުރު ނިމިދިޔައީ ވެސް ޔޫކްރެއިން ހަނގުރާމައިގެ ހިތިކަން ލިބެމުންނެވެ.  

ކިތަންމެ އުދަނގުލަސް ނުލިބޭ ލާރީގައި ރައްޔިތުންގެ ޑިމާންޑްތައް ހައްލުކޮށްދޭން އިބޫ ސަރުކާރަށް މަޖުބޫރެވެ. ކޮވިޑުން އަރައިގަނެ ކަންކަން ކުރަން އިބޫއަށް ފުރުސަތު ލިބުނީ ދައުރުގެ ފަހުކޮޅުގައެވެ. ޔާމީނު ވެރިކަމުގައި ހިންގި ޖަރީމާތަކާހުރެ އެކިއެކި ފަރާތްތަކަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުން ލިބި ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވަތައް އުފުލުނެވެ. ގެއްލުމުގެ ބަދަލު ދޭން ދައުލަތަށް މަޖުބޫރު ކުރުވިއެވެ.

ގިނަރަށް ރަށަށް އަރާފޭބޭނެ ގޮތެއް ނެތެވެ. ރަށްރަށުން ކަރަންޓް ކެނޑެނީ ބޮޑުގެރި ބޭރަށް ހިންގާހެނެވެ. ފެނާއި ނަރުދަމާގެ ހާލަތުވަކީން ގޯހެވެ. ދަތުރުފަތުރުގެ ދަތިކަން އިންތިހާއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ސަތޭކަ ޕްރޮޖެކްޓެއް ހިންގިއެވެ. ގިނަކަންކަން ދައުރުގެ ތެރޭގައި ނިންމުނެވެ. ނިމުމާ ގާތުގައި ހުރި އެތައް ކަމަކާއި އަލަށް ފަށައިގެން އެތައް ކަމެއް އިބޫގެ ދައުރު ނިމުނު އިރު އޮތެވެ. އައުސަރުކާރުން ރިބަން ކަނޑަން އެތައް ކަމެއް ހުއްޓެވެ. ދަރަނިވެރިގެން ގޮތް ހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން އިބޫ ނޫޅެއެވެ. ރައްޔިތުންނަށް ތަކުލީފަކަށް ސަރުކާރު ނުހަދައެވެ.

ހަގީގަތަކީ ސަރުކާރު ތެރޭގައި ތިބި ވާދަވެރިންގެ ވާދަވެރިކަން ބޮޑުވެ އިދިކޮޅަށްވުރެ އިދިކޮޅުވުމެވެ. އިބޫ ނޫންގޮތެއް ހޯދަން ތެޅެފޮޅެން ފެށުމެވެ. ކަމުގައި އިސްވެ ތިބީ އެމްޑީޕީގެ ރައީސް ނަޝީދާއި ގާސިމް އިބުރާހީމެވެ. އިބޫގެ ވެރިކަން ހަރާބު ކުރުމަށް ކުރިކަމެއް ކުރީ ނަޝީދާއި ގާސިމެވެ. ބޭނުންވީ އިބޫ ނޫން ގޮތެކެވެ.

އިބޫ ނޫން ގޮތަކީ ކޮންމެ ގޮތެއް ކަމަށް ވިޔަސް ވަރިހަމަތާއެވެ. އިބޫ ނޫން ގޮތެއް ހޯއްދިއްޖެއެވެ. ހޯދި އިބޫ ނޫން ގޮތުން ދިވެހިންނަށް ވީމޮޅެއް އެބަ އޮތް ހެއްޔެވެ. ކަންކަން ބޮއްސުންލުމާއި ތެޔޮގުޅާ ސާދާ ކުރުން ނޫން ކަމެއް ނުވެއެވެ.