ނާކާމިޔާބު ހިމޭން އެންދެރި އިންގިލާބު!

ޔާމީނު ނޫން ގޮތެއް ހޯދުމަށް ދިވެހިންނަށް އޭރު އިބޫ އޯކޭ

ނާކާމިޔާބު ހިމޭން އެންދެރި އިންގިލާބު!

ޔާމީނު ވެރިކަމުގައި ތަނެއް ދޮރެއް ނުބަލާ މުޅި ދައުލަތް ވިދާ އިރާ ކައިހުސްކުރީ ރޯމާ ދުވާލެވެ. އޮތިއްޔާ އޮތް ރަށަކާއި ފިނޮޅަކާއި ފަޅަކާއި ވިލަކާއި ހަލަކަށް ދަންދެން ވިއްކާ ދައުލަތް ދަވާލިއެވެ. ޔާމީނާއި އަދީބާއި ޒިޔަތު އިސްވެ ތިބެއެވެ. މުޅި ދައުލަތުގައި އޮބި އަޅާ ފެލާލައިގެން އެމީހުންގެ ޖީބުތައް ފުރާލީ އެކުވެރިންނަށް ބައި އަޅައިގެންނެވެ.  

ޔާމީނު ހިންގި ޕްރޮޖެކްޓްތައް ހިންގީ ޗައިނާގެ ދަރަނީގެ ދަންތުރައިންނެވެ. އޭގެން ވެސް ބައެއް ޔާމީނާއި އައުވާނުންގެ ޖީބަށް ޖަހަލައިގެންނެވެ. ފަޅުރަށްތަކާއި ދެންވެސް ހުރި އެއްޗެއް ވިއްކައިގެން ލިބުނުހާ ފައިސާ ކައި ހުސްކޮށްލީއެވެ. ކޮންޓޭނަރާއި ފޮށިފޮއްޓާއި ދަބަސް ދަބަހުގައި އަމިއްލަ ގޭގެއަށާއި ގުދަންތަކަށް ދައުލަތުގެ ފައިސާ އުފުލީ މޫނެއް ކަނދުރާ އަކަށް ނުބަލައެވެ. ދައުލަތުގެ ހަޒާނާއަށް ވެއްދީ ނަމެއްގައި ވެއްދި ދާދިކުޑަ މިންވަރެކެވެ.

ޔާމީނު ދައުލަތް ދަވާލުމުގައި އަދީބަކީ އޮަޕަރޭޝަން މެނޭޖަރެވެ. ޒިޔަތަކީ ފްރަންޓް އޮފީހެވެ. އެސްއޯއެފަކީ މަނީ ލޯންޑަރިންގ މެޝިނެވެ. ޑރ. މުއިއްޒަކީ ހިޔާނާތުގެ މަތިއަޅާދޭ މަސައްްކަތު ސަރުދާރެވެ. ޖަރީމާތަކަށް ގާނޫނީ ހަމައަޅުވަން އިދިކޮޅުގެ ރުހުން ހޯދަން ޔާމީނު ބޭނުންކުރީ ބްލެކްމޭލް ވެފައި ހުރި އޭރުގެ އިދިކޮޅު ލީޑަރ އަންނިއެވެ. ޔާމީނު ބޭނުންވި ގާނޫނީ ބަދަލުތައް ގެނައުމަށް މެންބަރުންނަށް ރިޝްވަތުދޭން ޔާމީނު ބޭނުންކުރީ އަންނިއެވެ.

ދައުލަތުގެ ފައިސާގައި ލަވަކިޔާލާފައި އުޅުނު އަދީބަށް ދުނިޔެ ފެނި ދުނިޔެ ރަންވެ ވަގުގައި ވަގުހިފާ ޔާމީނަށް ފައިސާ ވަނުން ބަންދުވާން ފެށިއެވެ. ސަރުކާރުގެ ބާރު އަދީބު އަތަށް ކަހަމުން ދާތަން ޔާމީނަށް ފެނުނެވެ. ބޮޑެތި ކޮންޓޭނަރުގައި ފައިސާތައް ޔާމީނަށް ގެއްލެން ފެށިއެވެ. ކަން ނިމުނީ އަދީބާއި ޒިޔަތު ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލައިގެންނެވެ.   

ޔާމީނު ގައުމު ދަވާލާ ގައުމު އިރާ ކައި ހުސްކުރާތަން ބަލަހައްޓައިގެން ހުރުމަކަށް ރައީސް މައުމޫނަކަށް ކެތެއް ނުވިއެވެ. މައުމޫނުގެ މަދަދުގާރަކަށް ވެގެން ޔާމީނާ ދެކޮޅަށް ނިކުތީ ގާސިމް އިބްރާހީމެވެ. ޔާމީނު ބާރުވެރި ވާތަން ދެކެން އެންމެ އުނދަގޫ އެކަކީ އަބަދުވެސް ގާސިމް އިބުރާހީމެވެ. އެންދެރިމާގޭ ތެރެއިން އުފެދިގެން އައި ހިމޭން އިންގިލާބްގެ ކޮޅުތައް ސްޕްރީމް ކޯޓާއި ފުލުހުންނާއި ސިފައިގެން ތެރެއަށް ވަދެގެން ދިޔައެވެ. މަޖިލީހުގެ ތެރެއަށް ވެސް އިންގިލާބުގެ މޫ ލާފައި އޮތެވެ. 

ފެބްރުއަރީ 1ގެ "އެންދެރި ހިމޭން އިންގިލާބު" ފޭލިކޮށްލާ މުގުލުގައި ތިބި ދެ ފަނޑިޔާރުން އޮޅުއަޅާލިއެވެ. މައުމޫނާއި ޤާސިމާއި ދެންވެސް ތިބިއްޔާ ތިބި ސިޔާސީ ބަޔަކު ހުރަގޭގައި ގައިދުކޮށް ޔާމީނުގެ އަސްލު ސޫރަ ދައްކާލިއެވެ. އެންދެރި ހިމޭން އިންގިލާބު ފޭލިވުމުން ޔާމީނު ނޫން ގޮތެއް ހޯދުމަށް ދިވެހިންނަށް އޭރު އިބޫ އޯކޭއެވެ.