ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗެއްނޫން!

މަޖިލީހުގައި ތިބެނީ ދާއިރާތަކެއް ގޮނޑިތަކެއް ނޫން. މެންބަރުން

ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗެއްނޫން!

ރައްޔިތުންގެ މަޖިލީސް ނޫން ފަރާތަކަށް ގާނޫނު ހެދުމުގެ ބާރެއް ނޯވެއެވެ. ސްޕްރީމް ކޯޓަކީ ގާނޫނު ހަދާތަނެއް ނޫނެވެ. ސްޕްރީމް ކޯޓަށް ލިބިގެންވަނީ ގާނޫނު މާނަ ކުރުމުގެ ބާރެވެ. ސްޕްރީމް ކޯޓުން މާނަ ކުރެވޭނީ ގާނޫނުގައި އޮތް އެއްޗެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދެއް ކަނޑައެޅިފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދެވެ. އެ ގަވައިދަކީ ގާނޫނެކެވެ. އެ ގާނޫނަކީ ރައިސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވެސް ޖެހޭ ގާނޫނެއް ނޫނެވެ. އެއީ މަޖިލީހުން ފާސްކުރުމުން ގާނޫނަކަށްވާ ގަވައިދެކެވެ.   

މަޖިލީހުގެ ބޭނުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގައި އޮތްގޮތް ނޫން އެހެން ގޮތަކަށް ކަމެއް ހުށަހަޅައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ގާނޫނު އަސާސީ ދީފައި އޮންނަނީ ވެސް މަޖިލީހަށެވެ.   

އެހެން ނޫނަސް ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ މެންބަރުންނެވެ. ދާއިރާއެއް ގޮނޑިއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ކަންކަން ނިންމަން ގާނޫނު އަސާސީގައި ބުނަނީ މެންބަރުންގެ އަދަދުންނެވެ. އެކި ކަންކަން ނިންމެނީ އެކި އަދަދަށް މެންބަރުންގެ ވޯޓުންނެވެ.

ދާއިރާގެ އަދަދަދަށް ބަލަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށެވެ. ދާއިރާއެއްގައި އިންތިހާބު ވެފައިވާ މެންބަރަކު ނެތް ކޮންމެ ހާލަތެއްގައި އެދައިރާގެ މެންބަރަކު ނުހުންނާނެއެވެ. 

ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަދަދު ކަޑައަޅާފައެއް ނެތެވެ. ގާނޫނު އަސާސީ ބުނަނީ އަބާދީ ގެ ނިސްބަތުން ދާއިރާތައް ކަނޑައަޅާ އެދާއިރާތަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާން 6 މަސް ދުވަހަށް ވުރެ މުއްދަތު ކުރުވެފައިވާނަމަ ދާއިރާއެއްގެ މެންބަރުކަމުގެ ގޮނޑި ހުސްވިޔަސް އެދައިރާއަށް މެންބަރަކު އެދައުރުގައި އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ގަދަ އަމުރުން ގާނޫނު އަސާސީ އަމުރު ކޮށްފައިވެއެވެ. 

އެއްވެސް ސަބަބަކާހުރެ ދާއިރާ ތަމްސީލުކުރާ މެންބަރަކު މަޖިލީހުގައި ނެތްނަމަ ދާއިރާގައި މެންބަރަކު ހުރި ކަމަކަށް ނުބެލޭނެއެވެ. ދާއިރާއެއް ތަމްސީލުކުރާން މެންބަރަކު ނެތިދާ މުއްދަތުގައި ނިންމާ އެއްވެސް ކަމެއްގައި އެދައިރާ އެހިދަށް ތަމްސީލެއް ނުވާނެއެވެ. މަޖިލީހުން އެހާލަތުގައި ނިންމާ އެއްވެސް ނިންމުމެއްގައި އެދާއިރާގެ މެންބަރުގެ ބަހެއް ނުލިބޭނެއެވެ. ދާއިރާއެއް އޮތަސް ހުސް ގޮނޑިއެއް ހުއްޓަސް އެދައިރާގައި މެންބަރަކު ނުހުންނާނެއެވެ. 

ސްޕްރީމް ކޯޓުން ބުންޏަސް ނެތް އެއްޗަކީ އޮތް އެއްޗަކަށް ނުވާނެއެވެ. ނެތް އެއްޗެއް އޮތްކަމަށް ބަލައިގެން ކަންކަން ނިންމުމަކީ ވެވޭނެ ކަމެއް ނޫނެވެ.