ސައީދު ވަޒީރަށް: ޓިކްޓޮކްގައި ބަހަނާނުދައްކާ ހަގީގަތާ ކުރިމަތިލާ
ޑޮލަރެއް 22 ރުފިޔާ އާއި ހަމަކުރާއިރު ކުރެވުނުކަމެއް ނެތި ހަދާ ޓިކްޓޮކަކުން އަސަރެއް ނުކުރާނެ
އިއްޒަތްތެރި ސައީދު ވަޒީރޫއެވެ. ބާޒާރުގައި ތަކެތީގެ އަގު ބޮޑުކަން މީހަކު ނުބުންޏަސް އެންމެނަށް ވެސް އެނގެއެވެ. އެއްތަން އަނެއްތަނާއި އެއްގައުމު އަނެއް ގައުމާ އަޅުވައިގެން އަގު ބޮޑުނުވާކަން ދައްކަން ވަޒީރުން ނިކުމެ ޓިކްޓޮކް ހެއްޖަކަސް އަގެއް ހެވެއް ނުވާނެއެވެ. ކުރީ ސަރުކާރުގެ 5 އަހަރުގެ ސުރުހީތައް އެއްކޮއްގެން ފޮތް ހަދައިގެން އަރާ ހުއްޓަކަސް އެޔެއް މިހާރަކު ނުވިކޭނެއެވެ. ކުލީ ބޮޓުންނާއި މާބަނޑު އަންހެނުން ލައްވާ ކޮންޓެންޓް ހައްދައިގެން މީސްމީޑިއާގައި ދައުރު ކުރުވިޔަސް ބާޒާރުގެ ބޮޑުއަގު ތިރިއެއް ނުވާނެއެވެ.
ކުރީ ސަރުކާރުން ކުރި ކަންކަމުން އިގުތިސޯދަށް ލޮޅުން އަރަނީ ކަމަށް ބުނެ ރާގުރާގަށް ވާހަކަ ދެއްކީމާ އެވާހަކަ ގަބޫލުކުރާނީ ވެރިކަމުގެ ފުރަތަމަ ތިން ހަތް ދުވަހުއެވެ. ފަސް އަހަރުގެ ދައުރެއް ދެބައިވެ ދިޔައިރުވެސް ކުޑަވެސް ކަމެއް ރަނގަޅު ނުވުމަކީ ކުރީ ސަރުކާރުގެ މައްސަލައެއް ނޫންކަމަށް ތުއްތު ކުދީންވެސް ބުނާނެއެވެ.
ދެ އަހަރެއްހާ ދުވަހު ދުނިޔޭގެ ބޯޑަރު ބަންދުވެފައި އޮވެ ޓޫރިސްޓަކު ނައިސް ދިޔައިރުވެސް ނުޖެހޭ ހާލު މިހާރު ޖެހުނީމާ ހަދާ ޓިކްޓޮކެއްގައި ދައްކާ ހުއްޖަތެއް މީހުން ގަބޫލެއް ނުކުރާނެއެވެ. މަތިމައްޗަށް އެކި ފަހަރު އެކިގޮތަށް މައްޗަށް ނާރާނެކަމަށް ބުނި ޑޮލަރުގެ އަގު 22 ރުފިޔާ އާއި އަރާ ހަމަ ކުރާއިރު ކުރެވުނު ކަމެއް ނެތީމާ ހަދާ ޓިކްޓޮކަކުން އަސަރެއް ނުކުރާނެއެވެ.
އެއް ބަހެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕްކުރިއެވެ. ދަރަނިވެސް ނެގިއެވެ. ރައްޔިތުން ހާލުގައި ޖެހުނަނުދީ ސަލާމަތްކުރަން ކުރެވޭނެ އެހެންކަމެއް ނެތީމާ އެކަންކަން ކުރަން މަޖުބޫރުވެގެން އެހުރީ އެކަންކޮށްފައެވެ. އޭގެ ނަތީޖާ ރައްޔިތުނަށް ފެނުނީ ރަނގަޅެވެ.
ޗާޕްކުރި ފައިސާއިން ކުރީގެ ވެރިކަމުގައި ބާޒާރަށް ނެރުނީ ޗާޕްކުރި ފައިސާގެ ވިހި ޕަސެންޓެވެ. ބާކީ ހުރި 80 ޕަސެންޓް މުއިއްޒު ވެރިކަމަށް އައި އިރުވެސް އެމްއެމްއޭގައި ހުރީ ހިފެހެއްޓިފައެވެ. ގައުމު އޮތް ހާލަތު އެނގޭތީ އެކަންކަން ހަމަޖެއްސުމަށް ދެވަނަ ދައުރު ދިނުމަށް ކުރީ ސަރުކާރުން އެދުނެވެ. އެކަމަކު ކެނޑި ބައިސާއާއި ދެއްކި ފެހި ސިގުނަލްތަކުން އެމީހުނަށް ނުދީ ރައްޔިތުން ވެރިކަން ތިޔަ ވަނީ މުއިއްޒާ ހަވާލުކޮށްފައެވެ.
މުއިއްޒުވެރިކަމާ ހަވާލުވެ ތެޅެފޮޅިގަތީ އައުކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭފާޑަށެވެ. އިގުތިސޯދު އޮތް ގޮތެއް ގައުމުގެ ހާލަތެއް ނުބަލައެވެ. 22 ވުޒާރާ ހަދާ ހާސްހާހުން ސިޔާސީ މަގާމުތައް އުފައްދާ ނެތް ގޮޑިމޭޒަށް މީހުންލީއެވެ. ދުނިޔެ ބަލައިލަން ފައުޖުހަދައިގެން ދަތުރުކޮށް ނެގީއެވެ. ބޭރުގައި ހުރިއްޔާ ހުރި އެންބަސީއެއް ތޮއްޖެހެންދެން މީހުންލައިގެން ޑޮލަރުން މުސާރަދޭން ފެށީއެވެ.
އެމްއެމްއޭގައި ހިފަހައްޓާފައިހުރި ޗާޕްކުރި ފައިސާތައް އަތުފަތު ނުޖެހޭވަރަށް ވަޒީފާދިން މީހުނަށް މުސާރަދޭން ތަޅާ ހުސްކޮށްލާ ދައުރުވާ ފައިސާ ގިނަކޮށްލީއެވެ. އިންޑިއާއަށް ދެރަނުވާން ދައްކަން ނުޖެހޭ އެތައް މިލިޔަން ޑޮލަރެއް ދައްކާލީއެވެ. ރައްޔިތުންގެ މަޖިލީހުން މެންބަރުން ގަންނަން މިލިޔަނުން ހަރަދު ކުރީއެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ހޯދަން އެޔެއް މިޔެއް ނުބަލާ ފައިސާ ތަޅާ ބުރުއްސީއެވެ.
ކުރިމަތީގައި އަދާކުރަންޖެހޭ ބިލިޔަނަކަށްވުރެ ބޮޑު ދަރަނި އޮތްއިރު އެއިން ކަމަކަށް ވިސްނާނުލާ ރަސްމާލެ ހިއްކަން 700 މިލިޔަން ޑޮލަރާއި ޑްރޯނާއި ހަތިޔާރު ގަންނަން 300 އެއްހާ މިލިޔަން ޑޮލަރު ހޭދަކޮށް ބިލިޔަނަކަށްވުރެ ގިނަ ޑޮލަރު ބޭރަށް އިސްރާފްކޮށްލީއެވެ. ބޭސް ފަރުވާއާއި ކާޑާ ތެލަށް ޑޮލަރުން ހަރަދުކުރަން ލާޒިމް ހަރަދުތައް ހުއްޓާ ބިލިޔަނަކަށްވުރެ މާގިނަ ޑޮލަރު މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ތަޅާ ބުރުއްސާލުމުގެ ހިތި ނަތީޖާ މިހާރު މި ފެންނަނީއެވެ.
ޑޮލަރުން އެހާ ބޮޑު އިސްރާފެއް މިދިޔަ ދެ އަހަރު ތެރޭގައި ނުކުރިނަމަ ދައްކަން އޮތް ދަރަނި ދައްކާފައިވެސް ޑޮލަރަށް ދަތިނުވެ ބާޒާރުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެއެވެ. ތެލާއި ކާޑާއި ބޭސްފަރުވާކުރަން ޑޮލަރު ނެތިގެން އުޅޭކަށް ނުޖެހުނީހެވެ. ޑޮލަރުގެ އަގު އަރައިގެން ނުދިޔައީހެވެ. އެހެން ކަމުން ހުއްޓާ ނުލާ ކުރީ ސަރުކާރޭ ނުކިޔާ ހަގީގަތާ ދެންވެސް ކުރިމަތި ލާބަލާށެވެ.


