މުއިއްޒުގެ ވެރިކަމަށް ގުރުބާންކުރާ ގުރުބާން ކަންބަޅި!

މުއިއްޒުގެ " ވާނެ ވާނެ" އަކީ ނުވާނެ ކަމުގެ ދަލީލެއް

މުއިއްޒުގެ ވެރިކަމަށް ގުރުބާންކުރާ ގުރުބާން ކަންބަޅި!

މުއިއްޒު ވެރިކަމަށް އައުމަށް ގުރުބާން ކުރީ ބިޔަ ބޮޑު ޕީޕީއެމާއި ރައީސް ޔާމީނެވެ. މިނިވަން ކުރަން ނިކުތް ރައީސް ޔާމީނުގެ ކިބައިން މިނިވަންކުރީ ޕީޕީއެމެވެ. ޕިޕީއެމުގެ އަތްދަށުން މިނިވަން ކުރީ ރާއްޖޭގެ ރިޔާސަތެވެ. ރިޔާސަތުގައި ޕީޕީއެމަށް ނިސްބަތްވާ މީހަކު ނެތެވެ. ރައިސް މުއިއްޒުގެ މިނިވަން ކުރުންގަނޑު ކިހާ ފައްކާ ހެއްޔެވެ.

ރައީސް މުއިއްޒު މިހާރު ފައިވިއްދާފައި އެހުރީ ޕީޕީއެމްގެ ކިބައިން ރައްޔިތުންގެ މަޖިލިސް މިނިވަން ކުރާށެވެ. ދެ ނައިބު ރައީސުންނާއި ކައުންސިލް (ސެނެޓް) ހިސޯރު ކޮށްގެން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕިއެމުން ވާދަ ކުރިޔަ ނުދީ ޕީޕީއެމްގެ ކިބައިން މަޖިލިސް މިނިވަން ކުރަނީއެވެ.

މަޖިލީހުގެ ގޮނޑިތަކަށް މުއިއްޒުގެ މީހުން ހޮވުމަށް ޕީޕީއެމްގެ ބޮޑު އާބާދީ ބޭނުން ކުރަނީ ޕީޕީއެމް މެންބަރުންނަށް އެ މީހުންގެ ނަމުގައި މެންބަރަކު ވާދަކުރާނެ އެއްވެސް ފުރުސަތެއް ނުދިއެވެ. މުއިއްޒު މަޖިލީހުގެ ގޮނޑިތައް ހޯދަން ވޯޓު ހޯދާށާއި ބަޖެޓުން ސިޔާސީ ޕާޓީ ތަކަށްދޭ ފައިސާ ހޯދަން އޮތް ކިރުފެލާ ގެރިއަކަށް ބޮޑު ބިޔަ ޕީޕީއެމް ވަނީ ކޮން މަސްބުރިއަކަށް ހަދާފައެވެ. 

ޕްރޮގްރަސިވް ކޯލިޝަނުން މަޖިލީހަށް ކުރިމަތިލުމަށް ޕީޕީއެމަށް ފުރުސަތު ނުދީ ކޯލިޝަނުން ވާދަކުރާ އެންމެންނަކީ ޕީއެންސީ ކެންޑިޑޭޓުންނަށް ހެދިއެވެ. މަޖިލިސް ޕްރައިމަރީ އޮތީ ދެޕާޓީ އެއްކޮށް ޕީއެންސީގެ ޓިކެޓް ދޭށެވެ. ކަންކަން ވާގޮތް ދެކޭށެވެ.

ޕްރައިމަރީގައި ޕީއެންސީ ޓިކެޓް ލިބުނު އެންމެންނަކީ މުއިއްޒުގެ މީހުންނަކަށް ނުވެއެވެ. ޕީއެންސީ ޓިކެޓް ލިބުނު ޕީޕީއެމް ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ވަފާތެރިން ކަމުގެ ތުހުމަތު މުއިއްޒަށް ކުރެވުނީއެވެ. ދެނަކާ ދެނެއް ނެތެވެ.

ޕީއެންސީ ޓިކެޓް ލިބުނު ގިނަ މީހުންނާ ދެކޮޅަށް ގިނަ ދާއިރާތަކަށް މުއިއްޒު ވަނީ އޭނާގެ މީހުން ނެރެފައެވެ. ގިނަ ދާއިރާ ތަކަށް އަދުރޭގެ މީހަކާއި މުއިއްޒު މީހަކާއި މެޑަމްގެ މީހަކު އަމިއްލަ ގޮތުން ނެރެފައި ތިބިކަމަށް މީހުން ގަބޫލު ކުރެއެވެ. ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައި މީހަކު ނެރެފައި ހުއްޓާ މުއިއްޒުގެ މީހުންނާއި އަދުރޭގެ މީހުންނާ މެޑަމްގެ މީހުން ނެރުމުގައި ހުރި ސިޔާސީ ވިސްނުމުގެ ހޮޅިކަން ސާފެވެ.

ކިރިޔާވެސް ޕީޕީއެމަށް ނިސްބަތްވާ މީހަކު މަޖިލީހަށް ވަނަ ނުދިނުމަކީ މުއިއްޒުގެ ބޭނުމެވެ. ޕީޕީއެމް މީހުންނަކީ ރައީސް ޔާމީނުގެ މީހުން ކަމަށް ބަލައިގެން ކޮންމެ ދާއިރާއަކަށް މުއިއްޒުގެ މީހުންގެ ނަމުގައި މީހުން ނެރެގެން ގަނޑުކޮށް އޮތް ޕްރޮގްރަސިވް ކޯލިޝަން ވަނީ މުޅިން ރޫޅާލާފައެވެ. ގަނޑު ރޫޅުނަސް މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރިޔަ ނުދިނުން ނޫން އެހެން އެއްވެސް ބޭނުމެއް ހަގީގަތުގައި މުއިއްޒުގެ ނެތެވެ. 

ނަތީޖާއެއްގެ ގޮތުން ވެރިކަން ބަދަލު ކުރެވިއްޖެ ކަމުގެ އުފާ ލިބިގަންނަން އޮތް ޕްރޮގްރަސިވް ކޯލިޝަނުގެ ތެރެއިން ފެންނަނީ ނާމާންކަމާއި ދެކޮޅުވެރިކާމާއި އުންމީދު ކެނޑުމެވެ. ބައިބައިވުމެވެ. މަގުމަތީގައި ފަސްއަހރު ގުރުބާންވީ މީހުން ބާކީވެ ލޯނުދެކޭ ބައެއްގެ ގޮނޑިކޮއްކޮ އަކަށް މުއިއްޒުވެގެން ދުޔަތަނެވެ. މުއިއްޒުގެ "ވާނެ ވާނެ" އަކީ ނުވާނެ ކަމުގެ ދަލީލެއް ކަމަށް އެންމެން ވެސް ގަބޫލު ކޮށްފިއެވެ. މުއިއްޒަށް ޕީޕީއެމުން ކުރި އުންމީދާ އިތުބާރު ގެއްލިއްޖެއެވެ.