ކަރެކްޝަނުން ޔާމީނަށްދޭ އިންޒާރެއް ނުހިނގާނެ
ޔާމީނުގެ މައްޗަށް ހިނގާ ގާނޫނެއް މިރާއްޖެއަކު ނެތެ
ކަރެކްޝަނެއް ކަމަކު މިހާރު ތިޔަ އުޅެވެނީ މޮޔަވެގެންނެވެ. ރައީސް ޔާމީނަކަށް ހިނގާނެ ހުކުމެއް މިރާއްޖެއަކު ނުއޮންނާނެއެވެ. ރައީސް ޔާމީނަށް ތަންފީޒު ކުރެވެނީ ހަރާން ހުކުމެކޭ ބުނާ އަޑެއް ނީވޭ ހެއްޔެވެ.
ރައީސް ޔާމީނުގެ މައްޗަށް ހިނގާ ގާނޫނެއް މިރާއްޖެއަކު ނެތެވެ. އެހެން ވީއިރު ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 މާއްދާ ހިނގަންވީ ކީއްވެހެއްޔެވެ. އެ މާއްދާގެ ދަށުން ރައީސް ޔާމީނު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާ ވާންޖެހޭ ސަބަބެއް ނެތެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ބައިވެރިވުން އޮތްވަރު ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ބަޔަކު މީހުން ބޮޑު އިންތިހާބެއް ކާމިޔާބު އެކުރީ ރައީސް ޔާމީނު ބައިވެރިކޮށްގެންނެވެ. މުޅި އިންތިހާބުގައި އެ މީހުން ވިއްކީ ރައީސް ޔާމީނެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ބިޔަ ބިލްބޯޑް ތަކުގައި ހުރީ ރައީސް ޔާމީނެވެ. އޭރުނުވި ހިލާފެއް މިހާރަކު ވަކި ނުވާނެއެވެ. އެތަން ނުފެނިފާ މިތަން ފެންނަން އޭރު ކަރެކްޝަން ލޮލަށް އޮތީކީ މިރުސް އެޅިފައެއް ނޫން ވިއްޔާއެވެ.
ރާއްޖޭގެ ޖަލުތަކުގައި ރައީސް ޔާމީނު ނޫނަސް އެތައް ސަތޭކަ މީހުނެއް ހުކުން ތަންފީޒުކުރަން އެބަތިއްބެވެ. އެމީހުން ބޭނުންވުމުން އެއްބަސްވުން ހަދަހަދައިގެން ލުޔެއް ނުދެއެވެ. އަދީބާ ޒިޔަތަށްވެސް ލުއިދީފައި ތިބީ ދައުލަތަށް ބޭނުން ވެގެން ޕްރޮސިކިއުޓަރ ޖެނެރަލުގެ ބޭނުމަށެވެ. ރައީސް ޔާމީނު އެހެން ހެއްޔެވެ.
ރާއްޖޭގެ ރައްޔިތުންގެ %53 ޕަސެންޓް މީހުނަށް ރައީސް ޔާމީނު އޯކޭއެވެ. އެހެން ވެގެން އިންތިހާބީ ރައީސް ހަމަ ބުނެލާއިރަށް އެހުރީ ގެއަށް ފޮނުވާދީފައެވެ. އެވަރުން ވެސް ހިތް ހަމަ ނުޖެހޭތީ ބަންދަށް ލުއި ދިނުމަށް ނަމެއްގައި އިގުރާރެއްގެ ދަށުން ރައީސް ޔާމީން އެހުރީ ރަށު ބަންދަން ދޫކޮށްލާފައެވެ. ޑޮކްޓަރީ ފަރުވާއޭ ކަސްރަތޭ ކިޔުމުގެ ބޭނުމެއް ނެތެވެ.
އަނެއްކާ މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ވެސް އޮތީ ދީފައިވެއެވެ. މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާ ބައްދަލު ކުރަން ހުއްދަދީފައި ރައީސް ޔާމީނަށް މުހިންމުވާ ކަންކަމާ ބޭނުންމާ މުހިންމު މީހުން ކަނޑައަޅާނީ ކަރެކްޝަނަކުން ނޫނެވެ. ރައީސް ޔާމީނެވެ.
ސިޔާސީ ހަރަކާތުގައި ބައިވެރިވުމަށް ވުރެ މުހިންމު ކަމެއް ރައީސް ޔާމީނަށް ނުއޮންނާނެ ކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެހެނެކޭ ކިޔައިގެން އިންޒާރުދީ ހެދުމަކީ ކަރެކްޝަންގެ މޮޔަކަމެވެ.