އޭސީސީ ދިލަކަނި އަމުރު މޫސުން
ޝަކުވާތައް ބަހައްޓަނީ އިންތިހާބުގެ ނަތީޖާ އަންނަ ގޮތް ބަލަން
އެންޓި ކޮރަޕްޝަން ކަމިޝަނަކީ ރައީސް ކަމުގައި ހުންނަ މީހެއްގެ ޕޮލިސީ ތަންފީޒު ކޮށްދޭން އުފައްދާފައި އޮންނަ ތަނެއް ނޫނެވެ. ރައީސްކަމުގައި މީހަކު ހުރެ ފަސް އަހަރު ހަމަކޮށް ވެރިކަމުން ފޭބީމާ މަހާނަ މައްޗަށް މަޑިއަކަށް ޖެހެން އޮތް މުއައްސަސާއެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކަމިޝަން މަސައްކަތް ކުރާކުރުމާ މެދު ހައިރާންވެއެވެ.
ރިޔާސީ އިންތިހާބުގެ ފޯރި ހިނގައިގަތުމުން ވާދަވެރިން ޔޯލަ ކޮށްކޮށްފާ ދައްކާހާ ވާހަކަ އަޑުއަހާ ތަނަކަށް އެންޓިކޮރަޕްޝަން ކަމިޝަން ވާކަށް ނުޖެހެއެވެ. އިންތިހާބުގެ ދުވަސްވަރު ސަރުކާރާ ދެކޮޅަށް ކުރާ ޝަކުވާތައް ބަހައްޓާތީ ފެންނަނީ އިންތިހާބުގެ ނަތީޖާ އަންނަ ގޮތެއް ބަލާށެވެ. އޮންނަ ސަރުކާރަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އެދެން ކަންތަކާ ޖެހުނީއެވެ. ފުލުފުލުގައި މައްސަލަތައް ބަލާ އަމުރުތައް ނެރެ ކަންކަން ހުއްޓުވާ ހަދަން ފަށަނީ ހޭބޯ ނާރައެވެ. ނެރޭ އަމުރުތަކުން ހުންނަނީ ދިލަކަނި ބުރާލަ ބުރާލައެވެ. ކުރިއްސުރެ ސަރުކާރުން ކުރަމުން އައި އެތައް ކަމެއް އެ ހިނދުން އެ ހިނދަށް ނުހުއްޓުވައިފިނަމަ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނެތް އެއްކަމެއް އޮންނަ ކަމަކަށް އޭރަކު ނުވެއެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ ވަކި ދުވަސްވަރަކު ނޫނީ އޮންނަ ކަމަކަށް ނުވަނީތާއެވެ. ސަރުކާރެއް ހިނގަމުން ދާއިރު ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހުއްޓުވާ ފިޔަވަޅެއް އެޅެނީ ހަމަ ހާލަކުންނެވެ. ކުރާނެ ކަމެއް ކުރާނެ ގޮތަަށް ކުރަމުން ދިޔަސް ކުރެވޭ އެއްކަމެއްވެސް އޮންނަކަމަކަށް ނުވެއެވެ. މުޅި ކޮމިޝަން އޮންނަނީ "ދެން ކީއްކުރާނި" މޯޑްގައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައި ހިންގިހާ ކޮރަޕްޝަނާ ފަސާދައިގެ ކަންކަމުގެ ވާހަކައަކީ ނިކަން މަޝްހޫރު ވާހަކައެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމެމުން ދިޔައިރު އެންޓިކޮރަޕްޝަން ކަމިޝަން ފެނިގެން ދިޔައީ ރޭނިދި ނުނިދާ ކޮރަޕްޝަން ނައްތާލުމައިގެން އުޅުނުތަނެވެ. އިންތިހާބުން ރައީސް ޔާމީނު ބަލިވެ ރައީސް ސޯލިހަށް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެސް މިހާރު މިފެންނަ ކަހަލަ މަންޒަރުތައް އޭސީސީގެ ފުށުން ފެނުނެވެ. އާހިރުގައި ދިވެހިން އުންމީދުކުރި ފަދަ ކުޑަވެސް ނަތީޖާއެއް ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެ މައްސަލަ ތަކުން އޭސީސީއަކަށް ހޯދައެއް ނުދެވުނެވެ.
ރައީސް ސޯލިހު ވެރިކަމު ފަސް އަހަރު ނިމޭއިރުވެސް އޭސީސީއަކަށް ރައީސް ޔާމީނު ސަރުކާރުގެ އަނދިރި ފަރާތުން ކުޑަ ތަންފުކެއް ވެސް އަލިކޮށެއް ނުދެވުނެވެ. އެކަންކަމަށް ކުރިއްޔާ ކުރި މަދު ހުކުމެއް އޮތީ ހަރާން ހުކުމުގެ ގޮތުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ޒައްރެއްގެ މިންވަރުވެސް ދައުލަތަށް ހޯދާ ދިނުމުގައި އޭސީސީ އޮތީ ފޭލިވެފައެވެ.
ރިޔާސީ އިންތިހާބުގެ މޫސުން އަންނަންދެން އޭސީސީގެ ކަމަކީ އެވެއަރނެސް ޕްރޮގްރާމް ހިންގުމުގައި ފައިސާ އިސްރާފް ކުރުމެވެ. އެންޓި ކޮރަޕްޝަންގެ މައުލޫމާތު ފަތުރާ މީހުން ބިނާކޮށް އެވެއަރނަސް ޕްރޮގްރާމް ހިންގަން އެންޓިކޮރަޕްޝަން ކަމިޝަނެއް ހަދައިގެން ދައުލަތުން މިލިޔަން މިލިޔަނުން ފައިސާ ހޭދަކުރުމަށް ވުރެ ގައުމީ ޔުނިވަރސިޓީގައި ފެކަލްޓީއެއް ހަދައިގެން އެކަން ކުރުން މާފައިދާ ބޮޑުވާނެއެވެ.
ރާއްޖޭގެ އެންޓިކޮރަޕްޝަން ކަމިޝަނެކޭ އަސުރަށް ފޮޅޭ އަސުރުމަލެކޭ ތަފާތެއް ނެތެވެ. ވެރިކަމެއް ހިނގަމުން ދާއިރު އެވެރިކަމެއްގެ ތެރޭގައި ހިގާ ކޮރަޕްޝަންގެ ކަންކަން ހޯދާ އިސްލާހުކޮށް ފިޔަވަޅު އެޅުމުގެ ގާބިލުކަމެއް ކެރުންތެރިކަމެއް އޭސީސީގައި ނުހުރެއެވެ. ވެރިކަމެއް ހިނގަމުން ދާއިރު ކަންކަން ބަލާ ފާރަވެރިވެ ފިޔަވަޅު އަޅަށް އޭސީސީގައި ދަތެއް ނުހުރެއެވެ.
ކަމެއްގެ އެކޮޅު މިކޮޅު ބެލުމެއްނެތި މީހަކު ޝަކުވާއެއް ކޮށްލާއިރަށް ކަންކަން ހުއްޓުވާ އަތްބަނދެ ހަދަން އެންޓި ކޮރަޕްޝަން ކަމިޝަނަށް އެނގެނީ ވެރިކަމުގެ އިންތިގާލީ މަރުހަލާގައެވެ. އައުވެރިއަކު ހުވާކޮށް ވެރިކަމެއް ފެށޭއިރަށް އޭސީސި ނިދާ ހަރުދަނޑިވެއެވެ. މަގާމުގައި ދެމި ތިބުމުގެ ވިސްނުން ނޫން ކަމެއް އެސީސީ މެންބަރުންގެ ގައިގައިވެސް ނެތީކަންނޭގެއެވެ. މަގާމުގައި ތިބުމަށް ވިސްނާ ބަޔަކު އިންތިގާލީ މަރުހަލާގައި ރައީސް ސޯލިހުގެ ސަރުކާރުގެ އަތްބަންނަން ތަހުގީގެއް ނުކޮށް ތުހުމަތަށް ކަންކަން ހުއްޓުވުމުގެ އަމުރުތައް ނެރެނީ މަޖިލީހުގެ މެޖޯރިޓީ އޮތީ ކޮންތާކުކަން ނޭނގިބާއޭ ހިތަށް އަރައެވެ.