މައުމޫނާ ނަޝީދު އެއްބަސްވީ ފުށުއަރާތަން ހަމަޔަށް ދެބައިކުރަން
ރައީސް ސޯލިހު މަސައްކަތުން ހޯއްދެވީ ބޮޑުބައި
ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔަށް އދ. ގެ އާންމު މަޖިލީހުން ތާއީދުކުރުމުން ރާއްޖެއާއި މޮރިޝަސްއާއިދެމެދު ކޮންމެ ގައުމަކަށް 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައަޅަން ޖެހޭކަމަށް އިޓްލޮސް އިން ގަބޫލު ކުރިއެވެ. މިއަދު ނިމިގެން އެދިޔައީ އެގަބޫލުކުރުމުގެ ދަށުން ފުށުއަރާ ސަރަހައްދާ މެދު ގޮތް ނިންމުމެވެ.
ބައިނަލްއަގުވާމީ ގޮތުން ނިންމާ އެނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް މިސަރުކާރުން ދޫކޮށްލުން ކަމަށް ސިފަކޮށް ސަރުކާރުގެ ވާދަވެރިން ލާ ހަޅޭކަކީ ފުލެއް ބިތެއް މައްޗެއް ނެތް ހަޅޭކެއްކަން ކަށަވަރުވެއްޖެއެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކުން އުޅެފައިވަނީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ގެ ފުށުއެރުން ހަމަޔަށް ދެބައިކުރާށެވެ.
1982 ވަނަ އަހަރު ރާއްޖެ އާއި ޗާގޮސްގެ މެދުން ބަހާލަން އިނގިރޭސި ވިލާތާ އެކު އެއްބަސްވެފައިވާ ބައްދަލުވުމެއްގެ ޔައުމިއްޔާއެއް އެބައޮތެވެ. އެޔައުމިއްޔާގައި ސޮއި ކުރައްވާފައިވަނީ މުހައްމަދު ޝިހާބުއެވެ.
އިގްތިސާދީ ސަރަހައްދުގެ ފުށުއެރުން ދެގައުމަށް ހަމަޔަށް ބަހާލުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްއާ އެކު އެއްބަސްވުމެއްގައި ރާއްޖޭން ސޮއިކޮށްފައި އެބައޮތެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދެވެ.
ފުށުއެރުން ހަމަޔަށް ބެހުމަށް ނިންމަފައިވާ ނިންމުން ބަދަލު ކުރުމުގެ ހިޔާލު އުފައްދާ އެގޮތަށް ވީހާވެސް ބޮޑުބައެއް ހޯދުމަށް މަސައްކަތް ކުރުމަށް ފެންނަ ކަމަށް ނިންމީ ޑރ. ވަޙީދުގެ ބަގަވީ ސަރުކާރުގެ ކެބިނެޓްގެ ސަބް ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރާއި އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ހިމެނެއެވެ. އެ ސަބް ކޮމިޓީގެ އެ ނިންމުމާއި އެއްގޮތަށް އެދެވޭ މަސައްކަތެއް ޑރ. ވަހީދުގެ ބަގަވީ ސަރުކާރަކުން ނުކުރެއެވެ. ރައީސް ޔާމީނު ވެރިކަމުގައި ވެސް އެކަން އޮތީ އިހުމާލުކޮށްލާފައެވެ.
ރައީސް ސޯލިހު ވެރިކަމަށް އިސްވެ ވަޑައިގަތީއްސުރެ ދޫނުދެއްވާ ހިފެހެއްޓެވީ ފުށުއަރާ ބައި ހަމަޔަށް ދެބައިކުރުމުގެ ބަދަލުގައި ވީހާވެސް ބޮޑުބައެއް ރާއްޖެއަށް ހޯދޭނެ ގޮތަކަށެވެ. މި ސަރުކާރުން އަބަދުހެން މަސައްކަތް ކުރީ އިގުތިސާދީ ސަރަހައްދުން ފުށުއަރާބައި ހަމަޔަށް ދެބައިނުކޮށް ޑރ. ވަހީދުގެ ބަގަވީ ސަރުކާރުން ކާނަލް ނާޒިމުމެން ވެސް ނިންމާފައި އޮތް ގޮތަށް ބޮޑުބައި ހޯދާށެވެ. ރާއްޖެއަށް ބޮޑުބައި ހޯދުމަށް ރާއްޖެއިން ވަކާލަތުކުރި ކުރުން ކާމިޔާބު ވެގެން އެދިޔައީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. ރާއްޖޭގެ މަސްކަނޑު ރާއްޖޭގެ މަސްވެރިންނަށް ނުގެއްލޭ ގޮތަށެވެ.
ހަމަތެދެކެވެ. ވާދަވެރިން އެބުނާ ގޮތަށް މުޅި އެ ކަނޑު އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގޮތުގައި ކަނޑައަޅާދޭނެ ކޯޓެއް މި އުޑުދަށަކު ނުހުންނާނެއެވެ.