ރައީސް ޔާމީނު ނުކުޅޭ ބަތްކައްކާ!

ޔާމީނަށް "އިންޑިއާ އިން" ޓީޝާޓުގާ މަގަށް ނިކުމެވޭނީ ޖަލުން ނިކުމެވިގެން

ރައީސް ޔާމީނު ނުކުޅޭ ބަތްކައްކާ!

"ރައީސް ޔާމީނު ބަތް ކައްކާ ނުކުޅޭނެ" ކަން ދިވެހިން ދަނެއެވެ. ވެރިކަމުގެ ހިޔަންޏަށްވެސް މީހަކު އަޔަނުދިނުމަށް ގައުމުގައި ނެތް ކުއްލި ނުރައްކަލުގެ ހާލަތެއް އުފަންކޮށް ގާނޫނުތައް ސަސްޕެންޑް ކޮށް ވާދަވެރިން ޖަލަށް އަޅާލީ ބަތްކައްކާ ނުކުޅޭތީއެވެ. ރައްޔިތުންގެ މަޖިލީހަށް ހާލަތުއްޒަރޫރާ ގެނެސްގެން ކެޔޮޅަކު ދަހިކޮށް ރާގޮނޑި ބާނާހެން މެންބަރުންތަކެއް ފާރުމަތިން އުކާލާ ގޮނޑި ގެއްލުވާލީ ބަތްކައްކާ ނުކުޅެއެވެ. ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ބަނޑު ބިންމަތީގައި ޖައްސާ ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލި ފޮނުވާލުމަކީ ވެސް ކުޅުނު ބަތްކައްކާ ކުޅުމެއް ނޫނެވެ. ތިމާއަށް ގޮތްފޮތް ހޯދާދިން އެއްބަފާ ބޭބެ (ރައީސް މައުމޫނު) އުމުރުފުޅުން އަށްޑިހަ އަހަރަށްވުރެ މަތިވީ ފަހުން ހައްގަކާނުލާ ޖަލު އަނިޔާގައި އެ ފަކީރުގެ ދުވަސް ދުއްވާލުމަކީ ކުޅުނު ބަތްކައްކާ ކުޅުމެއް ނޫނެވެ.

މޭޑޭ މުޒާހަރާގެ ނަމުގައި ގ. ކީމާ އަބްދުއްލާ ރަޝީދު ހައްޔަރުކޮށް އެތައް ދުވަހެއް ވުމުން ދޫކޮށްލާދޭން އެދުނު އޭނާގެ ދަރިފުޅު ގާތުގައި "ބައްޕަ ބަސް އަހާނެހޭ" ރައީސް ޔާމީނު އެހިތާ ގިނަ ދުވަހެއް ނުވެ ޖަލު އަނިޔާގައި އަބްދުއްލާ ރަޝީދު މަރުވެ ދިޔައީ ރައީސް ޔާމީނު ބަތްކައްކާ ކުޅެގެނެއް ނޫނެވެ. ޓީޝާޓްގެ އޮޅުމުގައި ވަޅިޖަހާ މީހުންމަރާ ވަރަށް ގައުމުގެ އަމާންކަން ގެއްލުނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. އާރާ ބާރުގައި ވެރިކަމުގައިހުރެ ޕޮލިސް އިންޓަލިޖެންސް ރިޕޯޓް ނުލިބި ހަމަސް ވީއިރުވެސް ނޭނގުނީ ބަތްކައްކާ ނުކުޅެވޭތީއެވެ.

ރައީސް ޔާމީން ބުނާގޮތުން އޭނާއަށް ހިޔަނިވެސް ވެނުލާ ބަޔަކު މީހުން ރަށްތަކާ ފަޅުތަކާ ފަރުތަކާ ވިއްކާ ދައުލަތް ދަވާލާ ކައިހުސްކޮށް ހުސްތޮށިގަނޑަށް ހަދާލެވުނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. ބޭންކު ތަކުގައި ރައީސް ޔާމީނުގެ އަމިއްލަ ނަމުގައި އެކައުންޓްތައް ރައީސް ޔާމީނަށް ނޭނގި ހުޅުވި އެ އެކައުންޓް ތަކަށް މިލިޔަން މިލިއަނުން ނޭނގި ޑޮލަރު ވަންނާނީ ބަތްކައްކާ ނުކުޅެވޭތީއެވެ. އާނއެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީވެސް ރައީސް ޔާމީނު ކުޅުނު ބަތްކާ ކުޅުމެއް ނޫނެވެ.

ކުލަ ކުލައިގެ އެއްބަސްވުންތައް ހަދައިގެން "އިންޑިއާ އިން" ކޮށްފާ ވެރިކަން ގެއްލުމުން "އިންޑިއާ އައުޓް" ޖެއްސީ ބަތްކައްކާ ނުކުޅޭތީއެވެ. ޗާގޯސް ކަނޑު ހޯދަން ލިބުނު ވަގުތު މޮރިޝަސްއަށް ކަނޑު ދޫކޮށްލައިގެން ވެރިކަމުގައި ނިދާފާ އޮވެ ވެރިކަން ގެއްލުމުން ގެއްލުނު ކަނޑު ހޯދަން ފުންމައިގަތީ ބަތްކައްކާ ނުކުޅެވޭތީއެވެ. ދެ އަކުރުގެ އޮޅުމަކުން ވޮޑުމުލާ ހުކުމުން ނެއްޓި ޔޫސުފް ނައީމްޖެހި މަޅީގައި ބެނދެވިގެން ޖަލަށް ދާންޖެހުނީ ބަތްކައްކާ ނުކުޅެވޭތީއެވެ. ބަތްކައްކާ ނުކުޅެޥޭ ފުށްގިރި ކަންތަކުގެ ހާލެއް ނޭގެއެވެ.

2023ގެ ރިޔާސީ ޓީކެޓްގައި ބަގުޑި ބައްދައިގެން ޖަލުގައި އޮއްވާ މިނިކާ ބާޒެއް ޓިކެޓް ޖަހައިގަތީ ވެސް ބަތްކައްކާ ނުކުޅެވޭތީއެވެ. ގެއްލުނު ކަނޑު ހޯދުމާ އިންޑިއާ އައުޓް ކުރުމާ ރައީސް ޔާމީނު މިނިވަން ކުރުމުގެ ޓެސްޓުން މުއިއްޒު ފާސްނުވާނެ ވާހަކަ ބުނީ ކާކުކަން ނޭނގުނަސް އެ ތިންކަމުން މުއިއްޒު ފޭލިވާނެކަން ރައީސް ޔާމީނަށް އެނގެނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީކަން އެނގެއެވެ. ޔާމީނު މުއިއްޒަށް ދިން ތިން ޓެސްޓުން މުއިއްޒު ފާސްނުވާނެއޭ ބުނީ ކާކުކަން އެންމެންނަށް އެނގެނީ ރައީސް ޔާމީނު ބަތްކައްކާ ނުކުޅޭތީއެވެ. ބަތްކައްކާ ނުކުޅޭ ޔާމީނަށް "އިންޑިއާ އިން" ޖެހި ޓީޝާޓް ލައިގެން މުއިއްޒާ ދެކޮޅަށް މަގަށް ނިކުމެވޭނީ ޖަލުން ނިކުމެވިގެންތާއެވެ.