ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީއަކީ ދަމާ ހީލަތުގެ ދަލެއް!
ހޮޅި ވައުދު ވުމަށް ނަންވާނީ މުއިއްޒެވެ. ކަންކަން ހާސިލުކުރަން ނުކުރެވޭނެހާ ކަންކަމުގެ ވާހަކަ ދައްކައިގެން ވައުދު ވުމުގައި މުއިއްޒަށްވުރެ އެންމެ ތަންފުކެއްވެސް ޒަރިޔަންދު ދެރައެއް ނޫނެވެ. މާލެ ސިޓީ މޭޔަރުކަން ހޯދުމުގެ އެދުން ބޮޑުކަމުން ޒަރިންޔަންދަށް ވެސް ކިޔޭނުކިޔޭ ނޭނގެއެވެ.
މާލެ ސިޓީ ކައުންސިލަކީ 18 މެންބަރުންގެ މައްޗަށް އެކުލެވިފައި އޮންނަ ތަނެކެވެ. ސިޓީ ކައުންސިލްގައި އަލަށް ސިޔާސަތެއް އެކުލަވާލިޔަސް ބޮޑު ހަރަދެއް ކުރިޔަސް އުސޫލެއް ބަދަލުކުރިޔަސް ކައުންސިލުން ފާސްކުރަންޖެހެއެވެ. މޭޔަރުކަމުގައި ހުންނަ މީހަކަށް ކަންކަން ކުރެވޭނީ ކައުންސިލުން ފާސްކޮށްގެންނެވެ. މޭޔަރގެ ހައިސިއްޔަތުން އިހުތިޔާރު އޮންނަނީ ދާދި މަދު ކަންކައްތަކެއް ކުރުމަށެވެ. ނިޒާމީ ބޮޑު ބަދަލެއް އަންނަ އެއްވެސް ކަމެއް މޭޔަރަށް ވިޔަސް އޮންނަނީ ކުރެވޭ ގޮތަކަށް ނޫނެވެ.
ސިޓީ ކައުންސިލް ތަރުތީބުވެފައި އޮންނަ ގޮތުން ސިޓީ ކައުންސިލްގެ މެޖޯރިޓީ ކޮންޓްރޯލް ނެތި މޭޔަރަކަށް ހުންނަ މީހަކަށް ނިޒާމީ އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ބޮޑު ޕާޓީއެއްގެ ޓިކެޓްގައި މޭޔަރކަން ކުރައްވަމުން ގެންދަވާ އާދަމް އާޒިމް ފަދަ ހީވާގި ހިންގުންތެރި މޭޔަރަކަށް ވެސް އެ އުޅުއްވަނީ ގިނިކަންޏާ ހުންނެވުމުން ގެންނަވަން ބޭނުން ބަދަލުތައް އެގޮތުގައި ގެނެސް ނުދެއްވިގެންނެވެ. ކާނު ސާފުކުރުމާއި ޕާކްތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުން ފަދަ ކަންކަން ފިޔަވާ މާބޮޑެތި ކަންތައްތަކެއް އެ އުޅުއްވަނީ ނުކުރެއްވިގެންނެވެ.
ބޮޑު ޕާޓީއެއްގެ ޓިކެޓާއި ނުލާވެސް މޭޔަރކަމަށް ނިކުމެ މާލޭ މީހުން ޖައްވައް ގެންގޮސްދޭން ވައުދު ވެވިދާނެއެވެ. ސުވާލަކީ ކައުންސިލްގެ ކޮންޓްރޯލް ނެތި މޭޔަރަކަމަށް ޒަރިޔަންދު އައިސްގެން އެ ބުނާ ވައުދުތަކެއް ޒަރިޔަންދަށް ފުއްދޭނެހެއްޔެވެ. ނުފުއްދޭނެކަން ކަށަވަރެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކުޑަކޮށް، އަގުހެޔޮކޮށް ކުއްޔަށް ތަންތަން ހަމަޖެއްސުމަށް މުނިސިޕަލް ހައުސިން ސްކީމެއް ގާއިމުކުރާނެ ކަމަށް ޒަރިޔަންދު ބުނާއިރު އެކަން ކުރާނީ ޒަރިޔަންދުގެ ޖީބުން ހެއްޔެވެ. މިނިމަމް ވޭޖުގެ 70 ޕަސެންޓަށްވުރެ ކުލި ބޮޑުނުވާގޮތަށް ވަގުތީ ވިޔަސް ދާއިމީ ވިޔަސް މާލޭގައި ބޯހިޔާވަހިކަން ދެވޭވަރުގެ ގާބިލުކަމެއް ސިޓީކައުންސިލަކު ނުހުންނާނެއެވެ. މާލޭގައި ބޯހިޔާވަހި ކަމަކީ ސަޕްލައިއަށްވުރެ ޑިމާންޑް ބޮޑުތަނުން ބޮޑު ކަމެކެވެ.
އެހެން ނޫނަސް މުނިސިޕަލް ހައުސިންގ ސްކީމެއްގެ ގާބިލުކަން ސިޓީ ކައުންސިލުން ހޯދަން ޒަރިޔަންދު ޖަހާހާ ބެރަކަށް ނަށާނެ ކައުންސިލަރުންނެއް ނުތިބޭނެއެވެ. ސިޓީ ކައުންސިލްތަކުގައި ތިބޭނީ ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި އެ ޕާޓީއެއްގެ ސިޔާސަތުތައް ތަންފީޒު ކުރަން ހޮވިފައި ތިބި ބައެކެވެ. ކައުންސިލްގެ ކޮންޓްރޯލް އޮންނާނީ ސިޔާސީ ޕާޓީ ތަކުގައެވެ.
މޭޔަރު ކަމަށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި މާލޭގައި ޖުމްލަ 8،000 ޕާކިން ޖާގަ ގާއިމުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން އެނގޭ ކަމަށް ޒަރިޔަންދު ބުންޏަސް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. ރައީސް މުއިއްޒުވެސް ވެރިކަމަށް އަންނަން އުޅުނުއިރު ދަރަނި އޮތް ކަމާއި ދަރަންޏާ މެދު ކަންބޮޑުވުމެއް ނެތްކަމާއި ދަރަނި އަދާކުރަން ފައިސާ ހޯދަން އެނގޭކަމާއި ދިއްލިފައި ހުރި ފެހި ސިގްނަލްތައް ދެއްކިއެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ޒަރިޔަންދު ބޭނުންވާ ގޮތަށް ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކޮޕަރޭޓް ސޮސައިޓީ އުފައްދަން ފާސްކޮށް އެކަން ތަންފީޒު ކޮށްދޭނެ ކައުންސިލަރުންނެއް ސިޓީ ކައުންސިލަކު ނުތިބޭނެއެވެ. ކައުންސިލަރުން ސިޓީ ކައުންސިލަށް ގޮސް ތިބޭނީ އެމީހުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށެވެ. ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީ ތަންފީޒު ކުރާކަށް ނޫނެވެ. ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީއަކީ މާލެ ސިޓީގައި ދަމާ ހީލަތުގެ ދަލެކެވެ.




