ކަނޑު ކޮންފަރެންސުން ތޯރިގު ގެއްލުނު ކަނޑު ހޯދާނެ؟

ބައިނަލްއަގުވާމީ ކަނޑުތަކާބެހޭ ކޮންފަރެންސް ރާއްޖޭން ތިމާވެއްޓާބެހޭ ވަޒީރު ދިޔުމަކުން ނުފުދެއެވެ. ސޫޓްލައިގެން ވަރުގެ ކޮޅަށް ހެދިގެން ބައިސާ ކަނޑާފައި މީރުކޮށް ކައިގެން އައުމަކުން މުއިއްޒު ބުނާހެން ކަނޑު ދެނެގަނެ، އިހުތިރާމުކޮށް ރައްކާތެރިކުރުމުގެ އަޒުމު އާކުރެވުނު ކަމަކަށް ނުވާނެއެވެ.
މުއިއްޒު ވެރިކަމަށް އައީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމުގައި ބުނެ އަޑު އުފުލަމުން ގެއްލުނުކަނޑު ހޯދާ ދިނުމުގެ ދޮގުވައުދާއި އެކުގައެވެ. ވެރިކަން ހޯދީ ކަނޑުތަކުގެ ފުށުއެރުމުގެ މައްސަލަ ފައިސަލާކުރާ ބައިނަލް އަގުވާމީ ކޯޓް "އިޓްލޮސް"ގެ ނިންމުމަށް ގޮންޖަހާ ބަދަލު ކުރާނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދީގެންނެވެ.
ބާނަ ބާނާ ތިއްބާ ވިއްކާލިކަމަށް ބުނި ކަނޑު ހޯދުމަކީ މައިގަނޑު ބޮޑު ތިންވަައުދުން ވައުދެކެވެ. އަނެއް ދެ ވައުދަކީ ވެރިކަށް ހުވާކުރާދުވަހު ރައީސް ޔާމީނު މިނިވަންކުރުމާއި އިންޑިއާ ސިފައިންގެ ބޫޓު ކިބައެއްވެސް ނުބަހައްޓާ ބޭލުމެވެ. ވާހަކަ ދައްކި ގޮތަށް ތިން ވައުދުން އެއްވައުދުވެސް މުއިއްޒަކަށް ނުފުއްދުނެވެ.
ބާނަ ބާނާ ތިއްބާ ވިއްކާލިކަމަށް ބުނި ކަނޑު ހޯދުމުގެ ނަމުގައި ކުރެވުނުހާވެސް ކަމަކީ ހަބީރުންގެ ނަމުގައި ބޭރުން ބަޔަކުގެނެސްގެން މުއިއްޒަށް ބައިއަޅައިގެން ދައުލަތުން އެތައް މިލިޔަން ޑޮލަރެއް ދުއްވާލުމެވެ. އިޓްލަސްއަށް ސިޓީ ގަޑެއް ލިޔުނުކަމަށް އަޑުއެރުވިއެވެ. އެ ސިޓީއެއްގައި އޮތީ ކޮންވާހަކައެއް ކަމެއް ދެނަހުރި އާދަމުގެ ދަރިއަކުނެތެވެ.
އިޓްލޮސްގެ ނިންމުމަކީ އިސްތިއުނާފް ކުރެވޭ ނިންމުމެއް ނޫންކަން ނޭނގޭ މީހަކު ނޫޅޭނެއެވެ. މައްސަލައިގެ އަޑު އެހުންތައް ހިނގިއިރު އޮތް އެކަމަކު އެކަމަކާމެދު އަޑުއެހުންތަކުގައި ވާހަކަ ނުދެކެވޭ މައްސަލައެއް އޮތްނަމަ އެކަމެއް ފާހަގަކޮށް ވަކި މުއްދަތެއްގައި ހުށަހަޅައިފިނަމަ ރިވިއުކޮށްލުމުގެ ހަނި ފުރުސަތެއް އޮތަސް އެ ފުރުސަތު ވެސް މުއިއްޒު ވަނީ ނަގާލާފައެވެ. އެވަރުގެ މީހަކު ކަނޑުތަކޭ ކިޔައިގެން ދައްކަން އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ.
ބައިނަލްއަގުވާމީ ކަނޑުތަކާބެހޭ ކޮންފަރެންސް ރާއްޖޭން އިޓްލޮސްއާއި ދެކޮޅަށް ފެންހިފޭ ވާހަކައެއް ދައްކަން ކެރޭނެ ހެއްޔެވެ. ގެއްލުނުކަމަށް ބުނާ ކަނޑު ހޯދަން އަޑު އުފުލާ ދުނިޔޭގެ ގައުމުތަކުގެ ތާއީދާއެކު ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުގެ ގޮތުގައި 200 މޭލް ހަމަޔަށް ހޯދާލަ ދީބަލާށެވެ. ކަނޑުތަކާ ބެހޭ ކޮންފަރެންސަށް ދިވެހީންގެ ރާއްޖޭން ގޮސް ވާކާލާތުކޮށް ހޯދަންޖެހޭ އެހެން އެއްޗެއް ނުއޮންނާނެއެވެ.