އިދިކޮޅު އެމްޑީޕީ ވެރިކަންކުރާ ޕާޓީއަށް މުއިއްޒު ބަދަލުކޮށްލަފާނެ!
ޕާޓީ ނިޒާމުގައި ފްލޯކްރޮސިންގ ގާނޫނެއް ނެތުމުގެ ބިރު
ޕާޓީ ޕޮލިޓިކްސްގައި ޕާޓީ ބަދަލު ކުރުމަކީ ރާއްޖޭގައި ކުރިން ނިކަން ބޮޑުކަމެކެވެ. އެއް ޕާޓީއެއްގެ މެންބަރަކު އަނެއް ޕާޓީއަކަށް ބަދަލުވުމާއި ޕާޓީތަކުން ވަކިވުމަކީ ކަން ބޮޑުވުމާއެކު ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ މެންބަރަކު ޕާޓީ ބަދަލުކުރީ ޕާޓީ ނިޒާމު ފެށުނުތާ ވަރަށް ކުރީކޮޅުގައެވެ. އޭރު ޕާޓީ ބަދަލުކުރީ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީގައި ބަސްގަދަ އަޑުގަދަ އެކްޓިވިސްޓެކެވެ. ދެވަނަ ބާރަތޭރައިގެ ދުވަހު ހިންގި ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދުންފިނިހަރުގެ ( އެމްޑީޕީ މައި ހަރުގެ) ސަލާމަތީ ބާރުތަކުން ރޫޅާލުމުގެ ތެރެއިން ސިފައިންގެ ބެލުމުގެ ދަށަށް އޭނާ ގެންދެވި ޖަލުގައި ބަންދު ކުރިއެވެ. ޖަލު ބަންދުން ވީއްލި މިނިވަން ވީއިރު އިމާދު ސޯލިހު ހުރީ އެމްޑީޕީ ދޫކޮށް ޑީއާރުޕީ (ވެރިކަންކުރާ ޕާޓީ)އަށް ސޮއިކޮށް އެޕާޓީއަށް ބަދަލުވެފައެވެ. ޕާޓީ ބަދަލު ކުރުމަކީ އައު ކަމަކަށްވެ އެ ވާހަކައިން މުޅި ރާއްޖޭގައި އޭރު އަޑު ހިއްޕާލިއެވެ.
ގިނަ ދުވަސްތަކެއް ނުވެ ޑީއާރުޕީގެ ވެރިކަން ނިމި އެމްޑީޕީއަށް ވެރިކަން ލިބި ޕާޓީ ބަދަލުކުރުމުގެ ޓްރާންސްފަރ މާކެޓް ހުޅުވުނެވެ. ކުއްލިޔަކަށް ފެނިގެން ދިޔައީ ޑީއާރުޕީގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ވަހީދު ރަސްމީ އިއްޒަތުގައި އެމްޑީޕީއަށް ބަދަލުވީ ތަނެވެ. އެހިސާބުން ޕާޓީ ބަދަލުކުރުމަކީ އާދައިގެ ކަމަކަށް ބަދަލުވެގެން ދިޔައީއެވެ.
އާއްމު މެންބަރުން ޕާޓީ ބަދަލު ކުރުމަކީ މައްސަލައަކަށް ނުވިޔަސް މިހާރުވެސް މަޖިލިސް މެންބަރުން އެއްޕާޓީއަކުން ހޮވިގެން އަނެއް ޕާޓީއަކަށް ބަދަލުވާ ވުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ފްލޯކްރޮސިންގ ގާނޫނެއް ނެތުމުގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.
އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ހޮވުނުއިރު ހުރި ހައިސިއްޔަތު ބަދަލުކުރުމުން އިންތިހާބީ މަގާމު ހުސްނުވުމަކީ ރައްޔިތުންގެ ކަން ބޮޑުވުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވުނު ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ދިޔުމުން އެޕާޓީއަށް މަޖިލީހުގައިނެތް ހައިސިއްޔަތު ލިބޭހެން އެމެންބަރު ދޫކޮށް ދިޔަ ޕާޓީން ގެއްލުނު ހައްގު ލިބެވޭ ގޮތެއް ނޯވެއެވެ.
ޕާޓީއެއްގެ އެތެރޭގައި އުފެދޭ ނުތަނަވަސް ކަމެއްގެ ސަބަބުން އަޅާފިޔަވަޅަކުން ޕާޓީގެ މެންބަރުކަން ގެއްލޭ ފަހަރުވެސް އެބަ އާދެއެވެ. އެހާލަތު ދިމާވީ ރައްޔިތުންގެ އިންތިހާބީ މަގާމެއްގައި ހުރީ މީހަކަށް ވާނަމަ އެމީހެއްގެ އިންތިހާބީ މަގާމަށް ވާނެގޮތެއް ކަނޑައެޅިފައެއް އަދި ނެތެވެ.
އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން އެއްޕާޓީއެއްގެ ޓިކެޓްގައި ހޮވިގެން އަނެއް ޕާޓީއަކަށް ބަދަލުވުމުގައި ހަމައެއް ނެތްނަމަ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޕާޓީ ބަދަލު ކުރެވޭނެއެވެ. އަމްދުން ޑޮކްޓަރ މުއިއްޒު ފަދަ ޕާޓީ ބަދަލުކުރެއްވުމުގެ ހިސްޓްރީއެއް އޮންނަ ބޭފުޅަކު ރައީސް ކަމުގައި ހުންނަވާއިރު ނިކަން ފަސޭހައިން ވެރިކަން ކުރާ ޕާޓީވެސް ބަދަލު ކޮށްލައްވަފާނެއެވެ. އިދިކޮޅު އެމްޑީޕީ ވެރިކަން ކުރާ ޕާޓީއަށް ވެސް ހިދުކޮޅެއްގެ ތެރޭގައި މުއިއްޒަށް ހައްދަވާ ލެއްވިދާނެއެވެ. ބޭނުން ވާނީ އެމްޑީޕީއަށް ޑރ. މުއިއްޒު ސޮއި ކޮށްލެއްވުމެވެ.