އިންތިއަށް: ދައުރު ދަންމާލިޔަސް ދައުރު ހަމަވަންދެން ތިބެންވީތަ!

ރައްޔިތުންނަށް ބާރުލިބެންވީ 5 އަހަރުން އެއްފަހަރުތަ!

އިންތިއަށް: ދައުރު ދަންމާލިޔަސް ދައުރު ހަމަވަންދެން ތިބެންވީތަ!

ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން އެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލެއެވެ. އެގޮތަށް ގޮނޑި ގެއްލުން ހުއްޓުވަން ދާނެތަނެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަންދެން ޖެހޭނީ ތިބެންކަމަށް ތަޖުރިބަކާރު ކުރީގެ ބައެއް ޕާލަމެންޓޭރިއަނުންނާއި ބައެއް ގާނޫނީ ވަކީލުން އެބަ ވިދާޅުވެއެވެ. ގޯސްކޮށް އަމަލުކުރި މެންބަރުންނަށް ރައްޔިތުން އަދަބު ދޭނީ އަންނަ އިންތިހާބުގައި ކަމަށް އަަޑުއުފުލެއެވެ.

އެންމެ ރަނގަޅެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓަކުން ފާސްކޮށްގެންނޫނީ ނުގެނެވޭނެކަމަށް ބުނާ ބަދަލުތައް ފިޔަވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 3/4 މެންބަރުން ވޯޓުން ގާނޫނު އަސާސީއަށް ކޮންމެ ބަދަލެއްވެސް ގެނެވެއެވެ. 

ސުވާލަކީ ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓަކުން ނޫނީ ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ އެ މައްދާ ޖުމްލަ މެންބަރުންގެ 3/4 މެންބަރުން ވޯޓުން ބަދަލުކޮށެއް ނުލެވޭނެހެއްޔެވެ. އެ މާއްދާއަށް އުނިއިތުރެއް ނުގެނެވޭނެ ހެއްޔެވެ. އެމާއްދާ އުވާލަން ނުވަތަ އެ މާއްދާއަށް އުނި އިތުރުގެންނަން ދާން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހެއްޔެވެ. 

ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓަކަށް ދާންޖެހޭނެކަން ބަޔާންކުރާ މާއްދާ އުވާލުމަކަށް ނުވަތަ އުނި އިތުރު ގެނައުމަކަށް ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓަކަށް ދާކަށްނުޖެހެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 3/4 މެންބަރުންގެ ވޯޓުން އެ މާއްދާ އުވާލެވޭނެއެވެ. އެ މާއްދާއަށް އުނި އިތުރު ގެނެވޭނެއެވެ. 

ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް މިހާރު އޮތްގޮތަށް ބަލާއިރު ވެރިކަން ކުރާ ޕާޓީން ބޭނުންނަމަ ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓުން ބަދަލުކުރަން ޖެހޭނެ ކަމަށް އޮންނަ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ގުޅޭ ނިންމުންތައް ނިންމަން ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓުން ފާސްކުރަން އޮންނަ އޮތުން ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޭނުން ވަރަކަށް ދިގު ކޮށްލެވިދާނެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުކުރުމަށް ރައްޔިތުން ކިތަންމެ ނޭދުނަސް ޖެހޭނީ ރުހިގެން ތިބެން ހެއްޔެވެ. ދައުރު ހަމަކޮށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވޭނެ ދުވަހެއް އަންނަންދެން އެކަމާ ދެކޮޅަށް ދާނެތަނެއް އެކަން ބަދަލުކުރެވޭނެ ގޮތެއް ނުއޮންނާނެހެއްޔެވެ.