ޕްރައިވެޓް ކުންފުނިތައް ބަނގުރޫޓްކޮށްލާ ސަރުކާރު ކުންފުނިތައް ފުޑާލަނީ!

ޕްރައިވެޓް ކުންފުނިތައް ބަނގުރޫޓްކޮށްލާ ސަރުކާރު ކުންފުނިތައް ފުޑާލަނީ!

ދިވެހީންގެ ރާއްޖޭގައި ފޮޅާ ސާފުކުރެވޭނީ ހަމައެކަނި ވެމްކޯއަށެވެ. ބޭސް ވިއްކޭނީ އެސްޓީއޯއަށް އެކަންޏެވެ. އިމާރާތް ކުރެވޭނީ އެޗްޑީއަށާއި ފަހި ދިރިއުޅުމަށެވެ. ޓެކްސީ ކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. ގުޅަ ބަޖިޔާ ވިއްކޭނީވެސް ސަރުކާރު ކުންފުނި ތަކަށެވެ. ކޮންސްޓްރަކްޝަން  ޕްރޮޖެކްޓްތައް ވެސް ހިންގާނީ ސަރުކާރު ކުންފުނިތަކުންނެވެ. ރިސޯޓް ހިންގުންވެސް ސަރުކާރަށް ނެގޭނެ ނަމަ މިހާރު ނަގައިފީހެވެ. އާމްދަނީގެ %40 ސަރުކާރަށް ނުދީ މިހާރު ރިސޯޓެއް ސިޓީ ހޮޓަލެއް ގެސްޓް ހައުސެއް ހިންގާކަށް ލާހިކެއް ނޫނެވެ.  

އަމިއްލަ ވިޔަފާރިތައް ނުހިންގިގެން ފިހާރަތަކުގައި ތަޅު އަޅުވަންޖެހޭ ދުވަސް މާދުރެއް ނޫނެވެ. އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކުން ގިނަ ތަންތަން މިހާރުވެސް އިނދަޖެހި ބަގުރޫޓްވެ ދަރާވިކިއްޖެއެވެ. އަމިއްލަ ބޭސް ފިހާރަތައްވެސް އޮތީ ކަރުތާފެނުގައެވެ. އަމިއްލަ ފިހާރަތަކާއި ކުންފުނިތަކުގެ ވެރިން ކޯޓުތަކުގެ ދިގުގޮނޑީގައި އެދަނީ ކިޔުޖެހެމުންނެވެ. ގިނަ މީހުން ކޯޓްތަކުގައި ގޮސް ތިބެންޖެހެނީ ލޯނު ނުދައްކައިގެން ބޭންކުތަކުން ދައުވާކޮށްގެންނެވެ. އަނެއް ބަޔަކު ކުރި މަސައްކަތަށް ސަރުކާރުން ފައިސާ ނުދީގެންނެވެ.

އަމިއްލަ ވިޔަފާރި ވެރިންނެކޭ ފުޅަނތްގެކޭ ތަފާތެއް ނެތެވެ. މުއައްޒަފުން މުސާރަ ނުދީގެން ފަހާ ދުވަނީއެވެ. ބޭންކްތަކުން ލޯނު ނުދައްކައިގެން ފަހަނީއެވެ. މީރާއީން ޓެކްސް ނުދައްކާ އޮވެގެން ހަންމުށި އަޅަނީއެވެ. އަނބި ދަރިން ކާންބޯ ނުލިބިގެން ރޮއިހޭރެނީއެވެ. ހުރިހާ މައްސަލައެއްގެ ހަގީީގީ ސަބަބަކީ ސަރުކާރުގެ ނުކުޅެދުމެވެ. ނާގާބިލުކަމެވެ. މުއިއްޒަށް ގައުމު ހިންގަން ނޭނގުމެވެ. 

އާއްމު ރައްޔިތުންނަށް ވިޔަފާރި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ބަދަލުގައި ސަރުކާރުން ދިމާކޮށްފައި ހުރީ ޓެކޭށެވެ. ކަމެއް ފަހިކޮށް ނުދޭތާ ދަތި އުދަނގޫ އުސޫލުތައް ހަދައިގެން ދިމާކޮށްފައި ހުރީ ފޭރޭށެވެ. ބޮޑެތި ބޮޑެތި ފީތަކާއި ކަޓްތަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މުޅި ނިޒާމް އޮތީ ބައްޓަން ކޮށްފައެވެ. އާމްދަނީއެއް ލިބޭނެ ކިތަންމެ ކުޑަކުޑަކަމެއްވެސް މީހަކަށް ކުރެވެން އޮތީ އެކަމަކުން ލިބޭ ޢާމްދަނީއަށްވުރެ ބޮޑު އަދަދެއް ސަރުކާރަށް ދީގެންނެވެ. ނުވިތާކަށް ސަރުކާރުން ހޯދާ ހިދުމަތެއްގެ އަގުވެސް ދެނީއެއް ނޫނެވެ. 

ސަރުކާރުން ދައްކަންޖެހި ނުދައްކާހުރި ހުރިހާ ފައިސާއެއް ދައްކާ ނިންމައިފިކަމަށް އަނގަފުރާފާ ރައީސް މުއިއްޒު ހުސްވި ޖެނުއަރީގައި ވެސް ބުންޏެވެ. އެކަމަކު އެއީވެސް ރޯމަރު ދޮގެކެވެ. މިސަރުކާރު އައިފަހުން ކުރިވި ކަންކަންކަމަށް އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ އެތައް މިލިޔަނެއް އެހެން ބުނި އިރުވެސް ނުދައްކާ އޮތެވެ. އަދިވެސް އެކަން އޮތީ އެހެނެވެ.

އެންމެފަހުން ސަރުކާރުން ހޯދާ ހިދުމަތަށް އަގުދެވެން ނެތިގެން ހުރިހާކަމެއް ސަރުކާރު ކުންފުނިތަކުން ކުރަންފެށީއެވެ. މަސްދަޅު ކޭހަކާ އީދު ބޮތްކަކުން ރައްޔިތުން ލޮއްސޭނެކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ. ސިޔާސީ މީހުން ލައިގެން އެމީހުނަށް މުސާރަދީގެން ވެރިކަން ދެމެހެއްޓޭނެ ކަމަށް ހީވަންޏާ އެއީވެސް ކުށްހީއެކެވެ. މުސާރަ ދެވޭނީވެސް އޮތް އެއްޗަކުންނެވެ. އޮބި އަޅައިގެންވެސް ނެރެވޭނީ ހުރި ދިޔައެކެވެ. އާއްމު ވިޔަފާރިތައް ފުޅާކުރަން ފުރުސަތުނުދީ ޖީބުކަނޑަައިގެން ލިބޭނެ މޮޅެއް ނުއޮންނާނެއެވެ. ދަރާވިކި އިނދަޖެހޭނީ ސަރުކާރު ކުންފުނިތަކެވެ.