ހުސްވަގުން: އަދީބު އެކަނި ޖަލުގައި ހުންނާކަށް ނުޖެހޭ!

އެމްއެމްޕީއާރުސީ ވައްކަމުގެ މުގުލުގައި ހުރި ޔާމީނު ވަރުގެ މައުސޫމް މީހަކު ނެތް ތަނެއްގައި އަދީބާއި ޒިޔަތު ބަންދުގައި ތިބެންޖެހޭ ސަބަބެއް ނެތެވެ. ޔާމީނުގެ ކެންޕޭނު ފައިސާއަޢި ރިޝްވަތުގެ ފައިސާއާއި ކޮރަޕްޝަންގެ ފައިސާ އާއި އެނޫންވެސް ހުރިއްޔާ ހުރި ފައިސާއެއް އަދީބުގެ ކޮންޓްރޯލުގައި ބަހައްޓައިގެން ޔާމީނު ހުންނާނީ ގައިމު ކަމެއް ވެގެންތާއެވެ. އެކަމުން އެކަނިވެސް އާރާއި ބާރު ދީގެން ޔާމީނު ކުރުވިކަމެއް ނޫނީ އަދީބު ނުކުރާކަން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެއެވެ.
ކެންޕޭނެއް ކުރިމަތީގައި ނެތަސް ކެންޕެނަށް ބަސްތަ ބަސްތާއިން ރައްޓެހިން ޔާމީނަށް ފައިސާ ފޮނުވުމަކީ އަޖައިބެއްވަރުގެ ކަމެކެވެ. އެހާ ގިނަ ފައިސާ އަދީބުގެ އަތްމަތިންލާފާ އަންނަ ގޮތަށް ތަރުތީބުވެފައި އޮންނާނީވެސް ގައިމު ކަމެއް ވެގެންތާއެވެ. ދަބަސް ދަބަހުގައި ޔާމީނުގެ ގެއަށް އަދީބު ފައިސާ ފޮނުވަމުން ދިޔައިރު ޔާމީނު އޮތީ ގައިމުވެސް ކޯމާގައެއް ނޫނެވެ.
އަނެއްކާ ގޮތްނޭނގޭ ފައިސާތަކެއް ޖަމާކުރުމަށް ކުއްލިއަކަށް އެކައުންޓެއް ހުޅުވާ އެ އެކައުންޓަަށް ދެ ފަހަރެއްގެ މަތީން އެއްމިލިޔަން ޑޮލަރު ވަނުމުން ޖަމާވި ފައިސާގެ ގޮތްނޭގުނަސް ބޭނުން ކޮށްލަން ޔާމީނަށް އެނގުނެވެ. މައްސަލަ ހިލުމުން ޒަމީރު އަތުން އެއްމިލިޔަން ޑޮލަރ ގެނެސް އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމުން ދެއަކުރުގެ އޮޅުވާލުމަކުން ކުށެއް ނެތް މައުސޫމަކަށް ޔާމީނު އެހުރީ ވެގެންނެވެ.
ސަރުކާރާއެކު މާލީ މުއާމަލާތެއް ކުރަމުންދާ މީހަކާއެކު އެއްވެސް މާލީ މުއާމަލާތެއް ރައީސް މީހާކުރުން ގާނޫނު އަސާސީ މަނާކުރިޔަސް ހެޔޮތާއެވެ. ޔޫސުފް ނައީމަށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގަހިނގާ އޮއްވާ ކުޅުލައިގެން އަތުންގުނަން އެއް މިލޔަން ޑޮލަރު ޔޫސުފް ނައީމް އަތުން ނޫނީ ޔާމީނަށް ގަންނާކަށް ނޭނގުނެވެ. ވ. އާރަށް ކުއްޔަށް ދޭ އެކުއިޒިޝަން ކޯސްޓް 5 މިލިޔަނުން 2 މިލިޔަނަށް ތިރިކޮށްލިއިރު ޔޫސުފް ނައީމް އަތުން ޔާމީނު އެއްމިލިޔަން ޑޮލަރު ގަތުމަކީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ. މަނީ ލޯންޑަރިންގއާއި ރިޝްވަތަކީ ޔާމީނު ދަންނަ ކަމަކަށްވެސް ނުވެ ކޯޓުތެރޭން އެހުރީ ޖަލުން ނިކުމެ އަމިއްލަ ގޭގައި ޖަލު ހަދައިގެންނެވެ.
ލީކްވެގެން އުޅޭ އަދީބު ފޯނުގެ ހިސްޓްރީން ހާމަވެގެން ގޮސްފައި އެއޮތީ ކޯޓު ފަޓްލޫނުގައި ތިބި އެމްއެމްޕީއާރުސީ ވަގުންގެ ކުޑަ މިންވަރެކެވެ. އެހެން ކަމުން ވަގުންގެ ސަހަރެއްގައި އަދީބާއި ޒިޔަތު އެކަނި ޖަލުގައި ތިބެންޖެހޭ ސަބަބެއްނެތެވެ. އަދީބާ ޒިޔަތަށް ހުކުމްކުރީ ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ މުށުތެރޭގައި އޮތް ޝަރުއީ ނިޒާމުންނެވެ.
މައުމޫނާއި ނަޝީދާއި ނަމިރާ ނާޒިމާއި ކާނަލް ނާޒިމާއި ޝޭހު އިމްރާނަށް ވެސް ހުކުންކުރީ ޔާމީނުގެ ޝަރުއީ ނިޒާމުންނެވެ. ޔާމީނު ވެރިކަމުގައި ކޯޓުތަކުން ކުރި ހުކުންތަކުގައި އަދުލުވެރިކަން ނެތީގެން މައުމޫނާއި ނަޝީދާއި ނަމިރާ ނާޒިމާއި ކާނަލް ނާޒިމާއި ޝޭހު އިމްރާން އެތިބީ މިނިވަން ވެފައެވެ. އެހެން ކަމަށް ވާނަމަ ޔާމީނު އިތުބާރުކޮށްގެން އަމިއްލަ ފައިސާ އާއި މުދަލުގެ ކޮންޓްރޯލް ދީގެން އުޅުނު އަދީބަށް ކުރި އިތުބާރު ގެއްލި ޝަރީއަތް ހިންގާ އަދަބު ދޭއިރު އަދުލުވެރިކޮށް ކަންކުރާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.
އެހެންނޫނަސް މުލުވަގު ޒިންމަވާން ނުޖެހޭ އެމްއެމްޕީއާރުސީ މައްސަލަ އަދީބާއި ޒިޔަތުގެ ބޮލަށް އެކަނި ކަނޑާލައިގެން އެހެން ހުރިހާ ވަގުން މައުސޫމް ވާކަށް އުޅޭނެކަމެއް ނެތެވެ. އަދިބާއި ޒިޔަތު ބަންދުގައި ތިބެންޖެހެންޏާ ޔާމީނާ އެހެން ހުރިހާ ވަގުންވެސް ތިބެންޖެހޭނީ ޖަލުގައެވެ. އެކަމަކު ކޯޓު ފަޓްލޫނުގައި ތިބޭ ވަގުން ކޯޓުތެރޭން ފޮނުވާދޭނީ ގޮނޑިއަނބުރާށެވެ. ކޯޓުން ޖަލަށް ފޮނުވާނީ ރިހާކުރުފުޅި ވަގަށްނަގާ ހުޅުހުޅުން ދޫވާ ބަލި ކުދިންނެވެ.