ދައުލަތް ބަހާލުމުގައި މުއިއްޒުވަނީ ހަޔާތްކެނޑިފަ!

43 މިނިސްޓަރުންލީ ނިކަމެތި 900 މީހުން މަގުމަތިކޮށްފަ

ދައުލަތް ބަހާލުމުގައި މުއިއްޒުވަނީ ހަޔާތްކެނޑިފަ!

ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވައެވެ. މިހާ ބޮޑު ކެބިނެޓެއް އޮތް އިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އިތުރު 21 ބޭފުޅުން ރައީސް މުއައްޒުގެ ސަރުކާރުގައި އެބަތިއް ބަވައެވެ. 

ކެބިނެޓް މިނިސްޓަރަކަށް ލިބިވަޑައި ގަންނަވާ މުސާރައާއި އިނާޔަތާއި އިމްތިޔާޒުތައް މިނިސްޓަރ ފެންވަރުގެ ބޭފުޅުންނަށް ވެސް ލިބި ވަޑައިގަންނަވާނެއެވެ. މީގައި އެންމެ މަޖާ ކަމަކީ ބައެއް މިނިސްޓްރީގައި އެއް މިނިސްޓަރަށް ވުރެ ގިނަ މިނިސްޓަރުން ތިއްބެވުމެވެ. 

ފޮރިން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީގައި ދެ މިނިސްޓަރުންނެވެ. ކެބިނެޓް ޕޯޓިފޯލިއޯ އޮންނަ މިނިސްޓަރަކާއި ކެބިނެޓް ޕޯޓިފޯލިއޯ ނުއޮންނަ މިނިސްޓަރެކެވެ. ފިނޭންސް މިނިސްޓްރީގައި ކެބިނެޓް މިނިސްޓަރަކާއި އިތުރު ދެ މިނިސްޓަރުން ތިއްބަވައެވެ.

މުސާރަ ނުނަންގަވާ ދެބޭފުޅަކު ވަޒީރު ފެންވަރުގައި ރައީސް އޮފީހުގައި ތިއްބެވިޔަސް ދެން ތިއްބެވި ހުރިހާ މިނިސްޓަރުންނާއި މިނިސްޓަރު ފެންވަރުގެ ހުރިހާ ބޭފުޅުންވެސް މުސާރަ ނަންގަވާމެއެވެ. 

މިނިސްޓަރުން ފެންވަރުގެ ކޮންމެ ބޭފުޅަކަށް މުސާރަ އާއި އިނާޔަތް ތަކުގެ ގޮތުގައި 66,000ރ. ލިބިވަޑައިގަންނަވާނެއެވެ. އެހެން ކަމުން މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 1,254,000ރ. ދައުލަތުން ހޭދަވާނެއެވެ.

ކެބިނެޓު ވަޒީރުންނާއެކު 43 މިނިސްޓަރުން މި ވަގުތު ދިވެހި ސަރުކާރުގައި އެބަ ތިއްބެވިއެވެ. ވަޒީރުންނާއި ވަޒީރު ފެންވަރުގެ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 2,706,000ރ. ހޭދަވާނެއެވެ.

ސާޅީހަށްވުރެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ހަތްދިހައެއްހާ ނައިބުންނާއި އެހެނިހެން ސިޔާސީ މަގާމު ތަކުގެ ވާހަކަ އެހަށް ނުދައްކަމާ ހެއްޔެވެ. މީހުނަށްޓަކާ ވަޒީފާ އުފެއްދުމުގައި މުއިއްޒު މިވަނީ ހަޔާތް ކެނޑިފައެވެ.

މުއިއްޒު ސަރުކާރަށް ބުރައަކަށް ވަނީ ކުޑަކުޑަ މުސާރައެއްގައި ރަށްރަށުގައި ވަޒީފާގައި ތިބި ދެރަވަރު ރައްޔިތުންނަށް މުސާރަ ދިނުމެވެ. ކޮންޓްރެކްޓް ހަމަވުމުގެ ބަހަނާގައި ވަޒީފައިން ވަކިކުރަނީ އަނގަޔާ އަތާ ދިމާނުވާ ނިކަމެތި ރައްޔިތުންންނެވެ. އެ މީހުންގެ އެގްރިމަންޓް އައުކޮށް ދިނުމަކީ ދައުލަތް ބަނގުރޫޓްވެ ހުއްޓޭވަރުގެ ކަމަކަށް ވަނީތާއެވެ.