މާލިއްޔަތާ ދެކޮޅަށް މުއިއްޒު ހިންގަނީ އުދުވާނެއް!؟

އެޗްޑީސީއަކީ ބައެއް އިސްވެރިންގެ ވަރިކުރިފުޅުންގެ ކެއަރސެންޓަރެއް!

މާލިއްޔަތާ ދެކޮޅަށް މުއިއްޒު ހިންގަނީ އުދުވާނެއް!؟

ރާއްޖޭގެ މާލިއްޔަތާ ދެކޮޅަށް ޑރ. މުއިއްޒު ހިންގަނީ ގަތުލު އާއްމެއް ހެއްޔެވެ. ބަގާވާތެއް ހެއްޔެވެ. ނޫނީ ފާޅުކަން ބޮޑު އުދުވާނެއް ހެއްޔެވެ. ރާއްޖޭގެ ވެރިކަމަށް މުއިއްޒު އައީ ކިތަންމެ ކުޑަ ވަގުތު ކޮޅެއް ލިބުނަސް ޖެހުނު ގޮތަކަށް ދައުލަތް ނޮޅާލާ ބައިވެރިންގެ ޖީބުތައް ފުރާލަދޭށޭ ހީވެއެވެ. 

ވެރިކަމަށް އައުމަށް ދެއްކި ވާހަކައިގައި ރާއްޖެއަށް އޮތް ދަރަނީގެ ބޮޑުކަމުގެ ވާހަކަ ދެއްކިއެވެ. ދަރަނިވެރިކަމުން ސަލާތްމަތް ކުރުމުގެ ހައްލު އޮތީ މުއިއްޒު އަތުގައި ކަމަށްބުނެ ރައްޔިތުން ވައުވެއްދިއެވެ. ވެރިކަމަށް ހުވާކޮށްފައި ދިދައާއި ވާހަކަ ދައްކަމުން ބުނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމާއި ސަރުކާރާއި ދެމެދު އަޑި ނޭނގޭ ފުންވަޅުގަނޑެއް އޮވެގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދެވޭނެ ވާހަކައެވެ. 

ބިލިޔަނުން ދަރަނި ހުރެގެން އެކަމުން މިންޖުކޮށްދޭން ވެރިކަމަށް އެރި މުއިއްޒު ފުރަތަމަވެސް އުފެއްދީ 22 ވުޒާރައެވެ. ކޮންމެ ވުޒާރާއެއްގައި މާސިންގާ އިދާރީ އޮނިގަނޑެއް އޮވެއެވެ. ކުރިން އޮތްވަރަށްވުރެ ސަރުކާރު ހިންގުމުގެ އިދާރީ ހަރަދު އެތައް ގުނައެއް ބޮޑުކޮށްލީއެވެ. ކޮންމެ ވުޒާރާއެއްގައި ސާޅިހަކަށް ސިޔާސީ މަގާމު އުފައްދާ މީހުން ލައިގެން ބޮޑު މުސާރަ ދޭންފެށީއެވެ. ހެލްތު މިނިސްޓްރީ އާއި ސްޕޯރޓްސް މިނިސްޓް ފަދަ ބައެއް ވުޒާރާގައި 200އެއްހާ ސިޔާސީ މަގާމު އެބައޮތެވެ. 

ރައީސް އޮފިހާއި ތިން ގަނޑުވަރުގައި ބޮޑު މުސާރަދޭ އެތައް ސަތޭކަ މުއައްޒަފުން އެބަތިއްބެވެ. މިނިސްޓަރުންނާއި އެޑްވައިޒަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި ގޮނޑިމޭޒުނެތް މަސައްކަތެއްނެތް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނާއި އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ބޮޑު މުސާރައިގައި ލާފާ ތިބީ މަދެއް ސުމާރެއްކޮށް ނޫނެވެ. މިނިސްޓަރު ފެންވަރު މުދިމުންނާއި އެމްޑީންނާއި އެމްބެސެޑަރުންނާއި އެޑްވައިޒަރުން އިންތިހާއެވެ. 

ބޭރު ގައުމުތަކުގައި ހުރި އެންބަސީތައް ހައްދެއްނެތް މިންވަރަށް ބޮޑު މުސާރައިގައި މީހުންލާ އޮތީ ފުރާލާފައެވެ. އަދިވެސް ދަނީލަމުންނެވެ. ދައުލަތުގެ ކުންފުނިތަކާއި މެޖޯރިޓީ ޝެއަރ ސަރުކާރު ހިއްސާކުރާ ކުންފުނި ތަކާ ކުޅުމުގައި ހަމައެއް ލަމައެއް ނެތެވެ. 

އެޗްޑީސީއަކީ މުއިއްޒު ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަރުކާރު ނަގަހައްޓާ ބައެއް ފައިސާވެރިންގެ ވަރިކުރިފުޅުންގެ ކެއަރސެންޓރަކަށް ހަދައިފިއެވެ. އެންމެ މިސާލެކެވެ. ރައީސް އޮފީސް މިނިސްޓރ އަލީ އާރިފްގެ ވަރިކުރިފުޅާއި ދޮށީ ދަރިއަށް އެޗްޑީސީން ބޮޑު މުސާރަދޭ ވަޒީފާ ދީފައި ތިބެނީ އެހެން ބަޔަކު އެވަރުގެ ނެތިގެނެއް ނޫނެވެ. އަނެއްކާ ސަރުކާރު ކޮނޑަލައިގެން އުޅޭ ފިރާގުގެ ވަރިކުރިފުޅަށް އެޗްޑީސީން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް އޮވެއެކޭ މަށަކު ނުކިޔަމެވެ. 

ނަންވާނީ އަދުރޭއެވެ. އަދުރޭގެ ދަރިފަސްކޮޅާއި ރައްޓެހިންނަށް މުއިއްޒު ސަރުކާރުން ބޮޑެތި ވަޒީފާތައް ނުދޭނެ ކަމެއް ނެތްތާއެވެ. މިނިސްޓަރ ފެންވަރު އެމްޑީ ފަޒުލްގެ މުޅި އާއިލާއާއި ޕޮލިސީ މިނިސްޓަރ ހިންނަވަރު ބޮޑުފެންޑާ ނާޒިމްއަށް ނިސްބަތްވާ މީހަކު ވިއްޔާ ތިބީ ކިހާ ހިސާބެއްގައިކަން އެގެން އެއޮތީއެވެ. މެންބަރު އަސްމާއްތަގެ ދަރިން ތިބި ތަންތަންވެސް އެނގޭ ނޫން ހެއްޔެވެ. ފާހަގަ މިކޮށްލީ ކުޑަ މިންވަރެކެވެ. އެހެން ކަމުން ހެރިންސް އައްލޮގެ އަންހެނުންނަށް އެންބަސީ އަކުން މަގާމެއް ދިނަކަސް އަޖައިބުވާނެ ކަމެއް ނެތްތާއެވެ. 

އިގުތިސާދު ފުޑާލި 3 ނައިބު ވަޒީރުން ސަސްޕެންޝަނުގައި ބައިތިއްބައިގެން މުސާރަދޭ ސަރުކާރަކަށް އައިއެމްއެފެއް ވޯލްޑް ބޭންކެއް ފިޗެއް މޫޑެއް ނުއޮންނާނެތާއެވެ. މުއިއްޒު އެހުރީ ވެރިކަމުގައި ހުންނަ ދުވަސްކޮޅު ދައުލަތް ދަވާލުން ނޫން ކަމެއް ނުކުރާ ގޮތަށޭ މީހުން ނުކިޔާވަރެއް ނޫނެވެ. ގައުމުގެ ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް އެމީހުނަށް ކަހެރުވަކޭ ވެސް ހީއެއް ނުވެއެވެ.