ސިވިލް ސަރވިސް ބޭނުން ކޮށްގެން ފަސާދަ އުފެއްދުން
މިހާވަރުން ދަންޏާ މިސްކިތުގައި ވެސް މުޒާހަރާ ކުރާނެ!
ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ނާޖާއިޒު ފައިދާ އިދިކޮޅުން ފިސާރި ރަނގަޅަށް އެބަ ނަގައެވެ. ދުރާލާ ރާވައިގެން ދައުލަތުގެ މުއައްސަސާތައް ފާލުން ނައްޓާލުމަށް ގިނަ މަސައްކަތް ތަކެއް ޔާމީނު އެބަ ކުރުވައެވެ. ކުރިއްސުރެ ސަރުކާރު އޮފީސް ތަކުގައި ތިބި ޔާމީނުގެ ވަފާތެރިން އެ މަސައްކަތް ޔާމީނަށް ކޮށްދެނީ ނިކަން ހީލަތްތެރި ގޮތަކަށެވެ.
ސިވިލް ސަރވިސްގެ މުއައްޒަފުންގެ ގޮތުގައި ތިބި ބަޔަކު ބޭނުން ކޮށްގެން ޔާމީނު ވަރަށް ބޮޑެތި ފިތުނަ ފަސާދަ އުފައްދާ ކަންކަން ލަސްކޮށް ފަސްކޮށް ރައްޔިތުންނަށް ދުއްޕާ ކުރުވަނީ ހައްދެއް ނެތް މިންވަރަށެވެ. ކުރިއްސުރެ ހަލުވިކަމާއެކު ދެވެމުން ދިޔަ އެތައް ހިދުމަތެއްގެ ބުރަކި ޖައްސާ ދިގު ދެންމުމުގައި މުއައްސަސާތައް އޮތީ ހައްދުން ނައްޓުވާފައެވެ. ދޮންކަޅު އަންގާނުލާ ސަރުކާރު ބަދުނާމު ވާހެން ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި ތިބީ އަތް އަނބުރާލާފައެވެ.
ވަގުހަން ލައިގެން ފިލާ ތިބެ ރައްޔިތުންގެ ތެރޭގައި ނަފުރަތު އުފެއްދުމަށް ފޫގަޅައިގެން ތިބި އެތައް ޕާމަނަންޓް ސެކެރެޓަރީންނާއި ޑީޖީންނާއި ޑިރެކްޓަރުން ދައުލަތުގެ މުއައްސަސާ ތަކުގައި އެބަތިއްބެވެ. ފަސޭހަ ކަމާއެކު ކޮށްލެވެން ހުންނަ އެތައް ކަމެއްގެ ޕްރޮސީޖަރ ދިގުކޮށް މީހުނަށް އުދަނގޫ ވާހާ ގޮތް ގޮތަށް ބައްޓަން ކޮށްގެން ރައްޔިތުންނަށް ތަކުލީފު ޖެއްސުމަކީ މި ބައި މީހުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ.
އައިޑީކާޑާއި ޕާސްޕޯޓުން ފެށިގެން ނޫންކަމެއް ނެތެވެ. ކޮންމެ ކަމެއްގައި ބިއުރޯކްރަސީ ބޮޑު ކޮށްލައިގެން މުއައްސަސާ އަކުން ކަމެއް ކުރުމަކީ ވައިނުޖެހޭ ދުވަހެއްގައި ރިޔަލު ދޯންޏެއް ދުއްވަން އުޅުން ކަހަލަ ކަމަކަށް އޮންނަނީ ހަދާފައެވެ. އަޅުވާ ހަމަތަކުގެ ގިނަ ކަމުން ތަންދޮރު ނޭނގެއެވެ.
މިސާލެއްގެ ގޮތުން ކުރެވޭ ކުދުކުދި ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. އެއްވިއުގަ އަކުން މުއައްސަސާތައް ގުޅާ ލެވިފައި އޮތަސް ކޮންމެ ކަމަކަށް އައިޑީ ކާޑްގެ ފޮޓޯ ކޮޕީއެއް އަދިވެސް ބޭނުން ވެއެވެ. ކަންކަމަށް އެދި ފުރަންޖެހޭ ފޯމް އޮންނަނީ ކަށްވަޅުގައި އޮތް މުނިކާފަގެ ސޮއި ވެސް ލިބިގެން ނޫނީ ފުރިހަމަ ނުވާ ހިސާބުގައެވެ. ކަމެއް ސާފުކޮށްލަން ޖަވާބު ދާރީ ވެވޭވަރުގެ މީހަކާ ފޯނަކުން ގުޅާ ނުލެވެއެވެ. މުއައްސަސާއެއްގައި ފޯނު ނަގާ ލޭންޑް ލައިނެއް ނުހުރެއެވެ. މިހެން ކިޔާފާ ނުކިޔާނެ އެއްކަމެއް ނޯވެއެވެ. ބޮޑު ކަމިޝަނެއް ހަދައިގެން ބަޔަކަށް ބޮޑު މުސާރަދޭ ސިވިލް ސަރިވިސްއެއް އޮތުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ.
ވީޑިއޯ: ވޮއިސް
ބިއުރޯކްރަސީއަށް ވުރެ ކުޑަނޫން މާ ބޮޑުކަމެއް ވެސް މުއައްސަސާތަކުގެ ތެރޭގައި އެބަ ހިގައެވެ. ބަސް ނޭހުމާ މުޒާހަރާ ކުރުމެވެ. ކަންކަން ބަލާން އޮންނަ އުސުލުތަކާއި ގަވައިދުތައް އެއް ފަރާތްކޮށް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން ހަގީގަތާ ހިލާފަށް ހިތުހުރި ގޮތަކަށް ނޫސްތަކަށް މުއައްޒަފުން މައުލޫމަތު ދިނުމަކީ އާއްމު ކަމެކެވެ. ވިސަލްބްލޯ އަކީ އުސޫލާ ހިލާފަތް މައުލޫމާތު ލީކު ކުރުމާއި ދޮގު ވާހަކަ ހީވާހާ ގޮތް ގޮތަށް ފެތުރުމަށް އޮތީ ހަދާފައެވެ.
ކަމުގެ ނުރައްކާތެރިކަން އޮތް ވަރަކީ ދަރިންނަށް ތައުލީމާ ތަރުބިއްޔަތުދޭ މަދަރުސާތަކާއި އިންސްޓިއުޝަން ތަކަށް މި ނުރައްކާތެރި ޖަރާސީމް ވެއްދުމެވެ. މައްސަލަ ބަލަން ވަރުވަރުން މުއައްސަސާތައް ހުންނައިރު އެ ތަންތަނަށް ނުގޮސް އުދާސް ބޭރު ކުރަން މުޒާހަރާ ކުރާ ތަނަކަށް އެންމެ ފަހުން ސްކޫލުތައް ވެސް ހެދީއެވެ. މިހާވަރުން ދަންޏާ ހަތީބާ ދެކޮޅަށް މިސްކިތުގައި ވެސް މުޒާހަރާ ކުރާނެއެވެ.
ސިޔާސީ ބާރު ހޯދަން ބޭނުން ވިޔަސް ޔާމީނެއް ކަމަކު އެ ހައްދަނީ ގޯހެކެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ކުރަން ނުވާވަރު ކަންކަން ކުރުމުން އިޔާދަ ނުކުރެވޭ ވަރުގެ ދެރަ ކަންކަމުގެ ގެއްލުން ޒަމާން ތަކަކަށް ދެމިގެން ދާކަން ތަޖުރިބާއިން ވެސް އެނގޭނެއެވެ. ޒިންމާދާރު އިދިކޮޅު ހަރަކާތަކީ ހެދުނު އެއްޗެއް ހަދައިގެން ވެރިކަމަށް އަންނަން އުޅުމެއް ނޫނެވެ.