ޕާޓީ ނިޒާމެއްގައި ގައުމީ ކެންޑިޑޭޓުނެއް ނުތިބޭނެ!

ޕާޓީ ނިޒާމެއްގައި ގައުމީ ކެންޑިޑޭޓުނެއް ނުތިބޭނެ!

ރާއްޖޭގައި ވެރިކަން ބައްޓަންވެފައި މިހާރު އޮތީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް  ނިޒާމަށެވެ. ޕާޓީ ނިޒާމުން ވެރިކަން ހިންގުމުގައި އިންތިހާބީ މަގާމުތަކަށް މީހުން އެކަށައަޅަނީ ޕާޓީތަކުން ވާދަކޮށްގެންނެވެ.

ޕާޓީއަކަށް ނިސްބަތްނުވެ އަމިއްލަ ގޮތުން މަގާމުތަކަށް ވާދަކުރަނީ މުޅި ނިޒާމު ގަބޫލުނުކުރާ މީހުނެވެ. މަގާމުގެ ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު އިސްކުރާ ވަރަށް ދެފުށްކެހެރި  މީހުންނެވެ. މަގާމަށް ހޮވުމުން ހިހޫތަނުން ކާމީހުންނެވެ.

ޕާޓީ ނިޒާމަށް ހިންގާ ދައުލަތެއްގައި ޕާޓީއަކަށް ނިސްބަތްނުވެ މަގާމަކަށް ހޮވޭ މީހަކަށް ކުރެވޭނެކަމެއް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. މަހުން މަހަށް މުސާރަ ނެގުމާއި ސަޅި ބައިސާކެނޑުމާއި ނޫން ކަމެއް ނުކުރެވޭނެއެވެ. ޕާޓީތަކާހެދި ބޭނުންވާ ހެޔޮ ބަދަލު ގެނެސް ނުދެވޭކަމުގެ ބަހަނާގައި ދައުރު ނިންމާލުން ނޫންކަމެއް އެމީހަކަށް ނުވާނެއެވެ.

ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ މީހަކުނަމަ އިންތިހާބީ މަގާމުތަކަށް ވާދަކުރާނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައެވެ. ސިޔާސީ ޕާޓީއެއްގެ ތެރޭގައި މަގުބޫލުކަން ހޯދައިގެންނެވެ. ވަރުގަދަ ޓީމެއްގައި ބައިވެރިވެގެން ޓީމް ވޯކް ކޮށްގެން ހެޔޮބަދަލު ގެނައުމަށެވެ. އެކަނިމާ އެކަނި ނިކުމެގެން މަގާމަކަށް އިންތިހާބުވެވުނަސް ގައުމާއި ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެކަން ގައިމެވެ. 

ޕާޓީއަކަށް ނިސްބަތްނުވެ އަމިއްލަ ގޮތުން އިންތިހާބަކަށް ނިކުންނަމީހާ ވޯޓު ހޯދުމުގެ ބޭނުމުގައި ވަރަށް ގިނައިން ބޮޑު ޕާޓީއެއްގެ ހިޔަންޏަށް އަރައެވެ. ޕާޓީގެ ޓިކެޓްގައި މީހަކު ނެރެފައި ހުއްޓަސް ތިމަންނާއަކީ މިވެނި ޕާޓީއެއްގެ އަސްލު މިހާކަމަށް ދައުވާ ކުރެއެވެ. އެ ގޮތުން އެ ޕާޓީއެއްގެ ތެރެއިން ކޮންވެސް ބައެއްގެ ބޮލަށް އެރިގެން ޕާޓީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓާ ދެކޮޅަށް ކެންޕޭނު ކުރުވައެވެ.

ޕާޓީ ޓިކެޓްގައި ވަދަކުރަން ނިކުމެ ހުރީ ޕާޓީ މީހާ ނޫންކަމަށް މީހުނަށް ވިސްނާދޭން މަސައްކަތް ކުރެއެވެ. ބޭނުމަކީ އެ ޕާޓިއެއްގެ މެންބަރުންނަށް އޮޅުވާލައިގެން ހީލަތްތެރި ގޮތަކަށް ވޯޓު ހޯދުމެވެ. 

އަޖައިބެއް ނުވާނެގެއްޔެވެ. ޕާޓީ ގެ ޕްރައިމަރީ ކާމިޔާބުކޮށްގެން ޕާޓީގެ ޓިކެޓްގައި ވާދަކުރަން ނިކުމެ ހުރި މީހަކަށްވުރެ، އަމިއްލަ ގޮތުން މަގާމަށް ވާދަކުރާ ޕާޓީގެ މެންބަރަކަށްނުވާ މީހަކު ޕާޓީ މީހާއަށް ވާނެ ގޮތެއް އޮވޭހެއްޔެވެ. އަމިއްލަ ގޮތުން ނިކުމެ ރައްޔިތުންގެ ކެންޑިޑޭޓޭ، ގައުމީ ކެންޑިޑޭޓޭ ކިޔަނީ ހީލަތްތެރި ގޮތްގޮތުން ވޯޓު ހޯދުމަށެވެ.