ދުންޔާއަށް: އެމްއެމްޕީއާރުސީ ހުންނަ ކަންވެސް ނޭނގޭނެ!

ބައްޕާފުޅާ ބޮޑުބޭބޭ ފުޅުންނަކީ ދައުލަތުގެ ފައިސާއެއް ދުވަހަކު ދެކިވަޑައިގެން ބޭފުޅުންނެއް ނޫން!

ދުންޔާއަށް: އެމްއެމްޕީއާރުސީ ހުންނަ ކަންވެސް ނޭނގޭނެ!

ދުންޔާ މައުމޫނަކީ ދައުލަތުގެ ހަތަރު އަނާއެއްގައި ވެސް ޖެހިވަޑައިގެން ބޭފުޅެއް ނޫނެވެ. ދައުލަތުގެ ލޯލާރިއެއްގައި ވެސް އެކަނާފާނު ޖެހެވަޑައި ގަންނަވަން ވީ އެއްވެސް ސަބަބެއް ނެތެވެ. މަނިޓަރީ އޮތޯރިޓީއަކީ ކުޑަ އިރުއްސުރެ ވެސް ބައްޕާފުޅުގެ ވޮލެޓެވެ. އެއަރމޯލްޑިވްސްގެ ފްލައިޓް ތަކަށް އޭރު ތެޔޮ އަޅަނީ ވެސް މަންމާފުޅުގެ ކޭޝް ކާޑުންނެވެ. ފިރިކަލުންނަކީ ރާއްޖޭގެ އެންމެ މުއްސަނދި ޓައިކޫނުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

ބައްޕާފުޅާ ބޮޑުބޭބޭ ފުޅުންނަކީ ދައުލަތުގެ ފައިސާއެއް ދުވަހަކު ދެކިވަޑައިގެން ބޭފުޅުންނެއް ނޫނެވެ. އެބޭބޭފުޅުންނަކީ ނުލާހިކު ފައިސާ ހިތި ބޭފުޅުންނެވެ. ޔާމީނެއް އިލްޔާސެއް ހަމީދެއް އައްބާހެއް ކިޔާނެކަމެއް ނެތްތާއެވެ. މިއިން ކޮންމެ ބޭފުޅަކާއެކު ފައިސާ ލަވަ ކިޔާލަ ކިޔާލާ ހުރީ އެބޭފުޅުން ބޭނުންފުޅު ވެވަޑައިގެނެއްނޫނެވެ. އޭޓީއޭ އާއި އެފްޕީއައިޑީއާއި އެމްއީބީއާއި އެއަރމޯލްޑިވްސްއާއި އެމްއެސްއެލްއާއި ބަނގުރޫޓްވީ އެބޭބޭފުޅުން ލާރިއެއް ފަރިއްނުކުޅުވާތީއެވެ.

އެމްއެމްޕީއާރުސީއެއް ކަމަކު ވާނީ އެހެންތާއެވެ. ވެރިކަމުގައި ހުންނެވީ ޔާމީނެވެ. ދުންޔާ ހުންނެވީ ހަރިޖިއްޔާ ހިންގަވާށެވެ. އެއިއްޔަކީ އެމްއެމްޕީއާރުސީން ބޭރުފަރާތް ތަކާއެކު ހެދިހާ ވަގުޑީލެއްގެ އެއްވެސް މައުލޫމާތެއް އެނގޭވަރުގެ މަގާމެއް ނޫންތާއެވެ. އެމްއެމްޕީއާރުސީއަކީ އޮންނަތަނެއް ކަމެއްވެސް ދުންޔާ މައުމޫނަކަށް އެނގި ވަޑައެއް ނުގަންނަވާނެއެވެ.

ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން މިލިޔަން މިލިޔަނުން ފަރީއްކުޅުއްވައިގެން ތިއްބެވިޔަސް އެއީ އެވަރުކަމެއް ހެއްޔެވެ. އެއިން އެއްވެސް ބޭފުޅަކު ހިންގުމުން ބޭރުގައި ތިއްބަވަނިކޮށް ފަސާދައިގެ ތުހުމަތެއްގެ މައްސަލަ ބެލުން ވާނީ ދެވޭ ސިޔާސީ ހަމަލާއަކަށެވެ. އެ ބެބޭފުޅުންނަކީ ކުށެއް ބުށެއް ހަޔާތުގައި ވެސް ކުރެއްވި ބޭފުޅުންނެއް ނޫން ވިއްޔާއެވެ.

ތުހުމަތު ކުރެވޭ ފަސާދައިގެ މައްސާލައެއްގައި ދުންޔާ މައުމުނާ އޭސީސީއެއް ކަމަކު ސުވާލެއް ވެސް ކޮށްލައިގެން ނުވާނެއެވެ. އެކަނމަނާ މެންނަކީ ތިޔަ ހީކުރާ ކަހަލަ ކޮރަޕްޓު ބޭފުޅުންނެއް ނޫނެވެ. 2013 އިން 2018 އަށް ވެރިކަމުގައި ހުންނެވީ ބޮޑު ބޭބޭފުޅު ޔާމީނު ކަމުގައި ވިޔަސް އެ މުއްދަތުގައި އެމްއެމްޕީއާރުސީއަށް އަތް ބާނައިގެން އެތަން ދަވާލީ އެމްޑީޕީ ނޫންހެއްޔެވެ. ޔާމީނާ ދުންޔާމެން އެކަމުގައި ކުރި އެއްވެސް ކަމެއް ނެތެއްނުން ހެއްޔެވެ.

އަޑަށް ބަރުލައްވާފައި ޔާމީނު އެ ދައްކަވަނީ އެ ވާހަކައެވެ. ފަނޑިޔާރުގޭ ބެންޗު ކުޑަކުރާށާއި ފ.އަތޮޅު ވިއްކާލާ ބިލުފާސްކުރާށާއި އަދީބު ނައިބުރައީސް ކަމަށް ގެންނަން ރިޝްވަތު ދިނީވެސް ރިޝްވަތު ހިފީވެސް އެމްޑީޕީން ނޫން ހެއްޔެވެ. ގައުމުގެ މާލިއްޔާގެ ތަޅުދަނޑި އޭރުވެސް އޮތީ އެމްޑީޕީ އަތުގައި ނޫންހެއްޔެވެ. ފަނޑިޔާރުން އުލުބައިންދާ މައުމޫނު ކުޑަގޮޅިއަށްލާ ސްޕްރީމް ކޯޓުން ޓިނު ނެގީ ވެސް އެމްޑީޕީ ތާއެވެ. ޝައިހު އިމްރާނާއި ނަޝީދާ ގާސިމް ހައްޔަރު ކުރީވެސް އެމްޑީޕީއެވެ. ކާނަލް ނާޒިމު ފުރޭމްކޮށް ޖަލަށްލާ ހިބަޅިދޫ ބޭރަށް ބަޑިފެއްތީ ވެސް އެމްޑީޕީއެވެ.

ފެށުނީއްސުރެ ވައްކަމާއި ހިޔާނާތާއި ވެރިކަމުގައި ބަގުޑި ބެއްދުމުގައި ހޭކެނޑިފައި ތިބި ބަޔަކު ކުށެއް ނުކުރާ މައުސޫމު ބަޔަކަށް ހެދެން ބޮޑެތި ކަރާ ނުފަޅާށެވެ. ލައްކަ އޮށް ބުރައެވެ. މީހުން ތެރެއަށް ނިކުމެ އަނގަ ދިޔާކުރާއިރު ދުންޔާމެން ލަދެއް ހަޔާތެއް ނެތެވެ. ދުންޔާމެން ދައްކާ އެއްވެސް ވާހަކައެއް މީހުން ގަބޫލު ނުކުރާކަންނޭނގޭ ވަރަށް ބުރާންތި ވީމާ ދެރައެވެ. ބޮލަށް ބޭސް ކުރުން ނޫން އެހެން ކަމެއް ދެން ކުރާކަށް ދުންޔާ މެންނަކަށް ނެތެވެ.