މެންބަރ ފިއްޓޭ ވަގަށްނެގީ ގޮނޑިގެއްލުވާލަން!
ވަގަށް ޕާޓީ ބަދަލުކުރުވައިގެން ވާދަވެރި މެންބަރުން މަޖިލީހުން ބޭރުކޮށްލުން
މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެނައީ އިހައްދުވަހުއެވެ. ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ އިސްލާހު ހުށަހަޅާ ބަހުސްކޮށް ފާސްކުރުން އަށްގަޑިއިރު ތެރޭގައި ނިންމާލީ ހަމައެކަނި ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށްހޮވޭ މެންބަރުން ޕާޓީގައި ހިފެހެއްޓުމުގެ ބޭނުމުގައި އެކަނި ނޫންކަން ވަރަށް ރީތިކޮށް ހާމަވެއްޖެއެވެ.
މުއިއްޒު ރާވައިގެން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެނައީ މެންބަރުންނަށް ނޭނގި ވަގަށް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ޕާޓީ ބަދަލު ކުރުވައިގެން ވާދަވެރި ޕާޓީތަކުގެ މެންބަރުން މަޖިލީހުން ބޭރުކޮށްލުމުގެ ނުބައި ނިޔަތްވެސް އޮވެގެންތާއެވެ. އެހެން އެކަން ކޮށްފާނެކަމަށް ހިތާ ހުއްޓާ ލޮލުގެ ކުރިމަތީން ފެނިބެން މިދަނީ އެ ހަގީގަތެވެ.
ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަކީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރެކެވެ. އިންތިހާދަރަޖައަށް ރައީސް މުއިއްޒާއި ޕީއެންސީއާއި ސަރުކާރުގެ ދޯހަޅި ނޭއްގާނި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވާ އިދިކޮޅު ލީޑަރެކެވެ. މެންބަރ ޒިޔާދު އަކީ ސިއްރު ސިއްރުން ޕާޓީ ބަދަލު ކުރައްވާ ވަރަށްވުރެ ގަޓްހުންނަ ބޭފުޅެކެވެ. ކަނޑައެޅިގެން މަޖިލީހުގެ ގޮނޑި ގެއްލޭވަރުގެ މޮޔަކަމެއް ކުރައްވާ ވަރަށްވުރެ ބުއްދިވެރި ސިޔާސީ ބޭފުޅެކެވެ. ޕީއެންސީން ވަގުފޯމް ހުށަހަޅައިގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުވާލަން އުޅުމަކީ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ދިން އުދުވާނީ ހަމަލައެކެވެ. ޕީއެންސީ އުވާލަން ޖެހޭވަރުގެ ހުތުރު މުޑުދާރު ޖަރީމާއެކެވެ.
ސަރުކާރުގެ އިދާރާތަކުގައި ހުންނަ މީހުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ޕީއެންސީއަށް މީހުން ވައްދާއިރު ހަމަހެޔެއް ނުހުރެއެވެ. އެޔެއް މިޔެއް ނުބަލައެވެ. އޮޅިގެންވެސް ކުރެވެންވާނީ ހުއްދަ ހަލާލު ކަންކަމެވެ. ޕާޓީގެ ދަފުތަރު ބޮޑުކޮށް ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭފައިސާ ގަނޑުގެ ދަހިވެތިކަމުގައިވެސް ކުރަންވާނީ ކުރާވަރު ހުއްދަ ހަލާލުކަންކަމެވެ. ޕާޓީ ބޮޑުކުރަން ޕާޓީއަށް މީހުން ވައްދަންވާނީ ސައްހަގޮތުގައެވެ.
ރަނގަޅަށް ކުރެވެން އޮންނަކަމެއްވެސް ވައްކަމެއްގެ ގޮތުގައިނޫނީ ކުރަންނޭގޭ ބަޔަކު މަޖިލިސް މެންބަރުން ވަގަށް ނަގާނީ ގަސްތުގައެވެ. މެންބަރ ފިއްޓޭގެ ނަމުގައި ވަގު ފޯމެއް ހުށަހަޅައިގެން ޕީއެންސީގެ މެންބަރަކަށް ފިއްޓޭ ނުވަތަ އެހެން މެންބަރަކުވިޔަސް ހަދައިފިނަމަ އެކުރެވޭ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކަލެވެ. ދައުލަތުގެ އެއްބާރަށް ދެވޭ ނުރައްކާތެރި ހަމަލައަކަށް ނޫނީ އެކަމެއް ނުވާނެއެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ނޫންކަމަކަށް ވެސް އެކަމެއް ނުވާނެއެވެ.
މެންބަރުން ވަގަށްނަގާ ޕާޓީއަކީ ގައިރު ގާނޫނީ ޖަމާއަތެކެވެ. ވަގަށް މީހުން ވައްދައިގެން ޕީއެންސީގެ ގާނޫނީ ސައްހަކަން ވަނީ ގެއްލިފައެވެ. ވަގުފޯމްތައް ސައްހަ ކަމަށް ހެކިވެ ސޮއިކުރާ ހެކިވެރިންނާއި ޕީއެންސީގެ ވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހެއެވެ. ޖިނާއީ ތަހުގީގެއްކޮށް އިންސާފުގެ ކުރިމައްޗަށް ޕީއެންސީ ގެންދިއުމުގެ އަމުރެއް ޕީޖީ އައްބާސް ޝަރީފު ނެރޭނީ ޕީޖީ ކަމުގައި ހުއްޓާ ޕާޓީއަކަށް އައްބާސް ވައްދާ ހިސާބުން ހެއްޔެވެ.
ހާއްސަކޮށް ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ މީހުންގެ ނަމުގައި ހުށަހަޅާ ފޯމަކުން ޕާޓީ ބަދަލުވާ ގޮތަށް އޮންނަ ދޯހަޅި ނިޒާމެއްގައި ހިނގާއިރު ޕާޓީ ބަދަލުކޮށްގެން އިންތިހާބީ މަގާމުގެއްލޭ ގޮތަށް އޮންނަ އޮތުން ހުއްޓުވަން ޖެހެއެވެ. ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި ވަގަށް ޕާޓީ ބަދަލުކުރުވައިގެން ގޮނޑި ގެއްލުވާލެވޭ ގޮތަށް އޮތް އޮތުން ހުއްޓުވަން ސްޕްރީމް ކޯޓާއި އެމްއެންޑީއެފް ތެދުވާންޖެހިއްޖެއެވެ.