އެއްވެއުޅެ މުޒާހަރާ ކުރަން ހުއްދަނަގާކަށް ނުޖެހޭނެ: އަލީ ހުސައިން

އެއްވެއުޅެ މުޒާހަރާ ކުރަން އެއްވެސް ފަރާތެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އެހެން ވިދާޅުވީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ ޓެގްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ތެދެކެވެ. ގާނޫނުއަސާސީ ލާޒިމްކުރާ އެއްވެސް އަސާސީ ހައްގެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް ހަނި ކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހަނިކުރާ އެންމެ ކުޑަ މިންވަރަށްކަން ގާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވެއެވެ. އަމްދުން އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެކަންޏެވެ.
އެހެން އެކަން އޮއްވާ ގާނޫނަކުން ބާރު ހޯދައިގެން ވެސް އެއްވެސް ހަމަހަމަ އުސޫލެއްނެތި އެކި ފަހަރު އެކި ގޮތައް އެއްވެ އުޅުމާ މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރުމުގެ ބާރެއް ފުލުހުންނަކަށް ގާނޫނު ނުދެއެވެ.
ޕީޕީއެމުން މަޖިދީ މަގުގައި ކޮންމެ ރެއަކުހެން އިންޑިއާ އައުޓް މުޒާހަރާ ތަކާއި ރައީސް ޔާމިނު މިނިވަން ކުރުމަށް ގޮވާލި މުޒަހަރާ ބޭއްވުމަށް ފުލުހުން ޖާގަ ދިނެވެ. ހަމައެހެން ޔުމްނަށް އިންސާފު ހޯދުމަށް ގޮވަލާ ކުރި މުޒާހަރަތައް ބާއްވަންވެސް މަޖީދީމަގުން ފުލުހުން ޖާގަ ދީފައިވެއެވެ. އެއިން އެއްވެސް ފަހަރަކު އެކަން އާއްމު އުދަނގުލަކަށް ނުވިއެވެ.
ދެ ދޮރުދޭތެރެ މުޒާހަރާއެއްގައި އޭރުގެ ރައީސް އިންނެވި ކަރުކޮޅަށް މިހާރުގެ ސަރުކާރުގެ މީހުން އަރައިގަތް ގަތުމަކީ ޓެރެރިޒަމަކަށް ވެގެނެއް ނޫޅެއެވެ. ގައިރު ގާނޫނީ ކަމަކަށްވެގެން މީހުން އުލުބައިންދާކަށް ފުލުހުން ނޫޅެއެވެ. އޭރުގެ ވަޒިރުންނާއި ސިޔާސީ މީހުން ފައިތުރުތުރު އަޅައިގެން އާއްމުންނާ ދިމާކޮށްގެނެއްވެސް ނޫޅެއެވެ.
އެހެނެއް ކަމަކު މިހަރުގެ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ މަޖިދީމަގަށް ނިކުތުން ގައިރު ގާނޫނީ ކަމަކަށް ފުލުހުންނަށާއި މުޅި ސަރުކަރަށް ވެއްޖެއެވެ. މަޖީދީމަގުގައި މުޒާހަރާ ކުރުމަކީ އެމްޑީޕީއަށް ހަރާން ކަމެކެވެ. ގާނޫނުގެ ނަން ބޭނުންކޮށްގެން އާއްމު ރައްޔިތުންނަށް އަނިޔާ ކުރުމަށް ފުލުހުނަށް ލިބޭ ލައިސަންސަކަށް މަޖީދީމަގުގައި މުޒާހަރާ ކުރުން އެވަނި ހަދާފައެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަތ އަލީ ހުސައިން ވިދާޅުވާހެން ގާނޫނު އަސާސީގެ 32 ވަނަ މާއްދާއާއި ހިލާފަށް އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނަކުން ހަނިކޮށް އޮބަހައްޓައިގެން އުޅޭތާ 12 ވަރަކަށް އަހަރު މިހާރު ވެއްޖެއެވެ. އެހެން ކަމުން ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުމުގެ ހައްގު އަލުން އަނބުރާ ލިބޭނީ އަދި ކިތައް ސަރުކާރު އައިސްގެންތޯ އަލީ ހުސައިން ސުވާލު އުފައްދަވައެވެ.