ރިޔާސީ ޓިކެޓާ ބޮޑުވަގާ ހަރާން ހުކުން
ރިޔާސީ ޓިކެޓެއް އޮވެއްޖެއްޔާ ކިތަންމެ ބޮޑު ވަގަކަށް ވެސް ޝަރީއަތްކޮށް އަދަބު ދީގެން ނުވާނެ
މީހުންގެ ތެރެއަށް ނިކުމެ ޑރ. ޖަމީލު ވާހަކަ ދައްކަން ލަދު ނުގަންނަ ކަމެވެ. ލަދު ހަޔާތް ނުގަންނާތީ އަނގައެއް އޮތީތީ ތަޅުވަމުން މި ކަލޭގެ މި ދުވަނީ ކޮން އެއްޗެއް ބޮއެގެން ބާއެވެ. ދީނާއި ޝަރީއަތާއި ގާނޫނު ކިޔަވައިގެން ހުރި މީހަކު ތައައްސުބާއި ޒާތީ ހަސަދައިން ފޯވެގެން ހުރެ އުފަން ދަރިންނަށް މި ދައްކަނީ ކޮންނަމޫނައެއް ހެއްޔެވެ.
ބުރާންތި ވިޔަސް ތިޔައީ ބޮޑުވަރެވެ. އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީނު ހެދީ މިއަދު ތިޔަަ ވާހަކަ ތިޔަ މޭރުމުން ދައްކަން ކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ތުހުމަތުތަކެއް ކުރެވި ތަހުގީގުތަކާއި ޝަރީއަތް ތައް ހިނގަ ހިނގާ އޮއްވާ ރެއެއްގެ އިރުއޮއްސިފާ އަލިވިލުނު އިރު ކުއްލިއަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ މިއަދު ތިޔަ ހޭރުން ހޭރެން ވެގެންނެވެ.
ހޭދެބައި ވެގެން ނޫޅޭށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ޔާމީނު އެމްއެމްޕީއާރުސީ ދަވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އާއްމުންނާ ހަމަޔަށް ތިލަކުރި ގާސިމް އަބްދުލްކަރީމް އޭނާ ހުރި މަގާމުން ވަކިކޮށް ޖަލަށްލާ އޭނާގެ ޒިންދަގީ ދުއްވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އޭރު ޖަމީލު ބުނި ބޮޑުވަގުގެ މައްޗަށް ޝަރީއަތް ހިންގާ ދިފާއު ނުވެވިގެންނާއި ދޮގު ހެކި އުފައްދައިގެން ވެސް ދިފާއުކޮށް ނުދެވި ކުށް ސާބިތުވެ ޖަލަށް ލީމާ ޔާމީނުގެ މައްޗަށް ކުރީ ސިޔާސީ ދައުވާ އަކަށް ޖަމީލަށް ވެއްޖެއެވެ. ކުރި ހުކުމް ހަރާން ވެއްޖެއެވެ.
ޖަމީލު ބުނާ ގޮތުން ރިޔާސީ ޓިކެޓެއް އޮވެއްޖެއްޔާ ކިތަންމެ ބޮޑު ވަގަކަށް ވެސް ޝަރީއަތްކޮށް އަދަބު ދީގެން ނުވާނެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ބޮޑެތިހާ ވަގުންނާއި ގާތިލުންނާއި ބިލާދަރު ހުރިހާ މުޖުރިމުން ރިޔާސީ ރޭހުގައި ވާދަ ކުރަން ނިންމުމުން ފަނޑިޔާރުންގެ މުގުރުބިނދި ކިލައެއް މިލައެއް ނެތް މައުސޫމު ތުއްތު ކުއްޖެއްހާ މުޖުރިމުން ތޯހިރު ވާނެއެވެ. އެ މީހުންގެ މައްޗަށް ތުހުމަތެއް ތަހުގީގެއް ޝަރީއަތެއް ހިނގައިގެން ނުވާނެއެވެ. ރިޔާސީ ޓިކެޓެއްގައި ހުރި މީހަކަށް އަދަބެއް ލިބޭފަދަ ހުކުމެއް ކޮށްފިނަމަ އެވާނީ ހަރާން ހުކުމަކަށެވެ. ކިތަންމެ ބޮޑު މުޖުރިމަކަށް ވިޔަސް ވެހެވެ.
ހަމަ ތެދެކެވެ. ދޮގު ހެދުމާ ދޮގުވާހަކަ ފެތުރުމުގައި ޖަމީލު ހުރީ އަބޫލަހަބުގެ އަނބި އުއްމު ޖަމީލަށް ވުރެ މާކުރީގައެވެ. ޝަރީއަތެއްކޮށް ސާބިތު ނުކުރިޔަސް ޖަމީލަކީ މި އުޑުދަށުގައި ހުރި އެންމެ ބޮޑު ދޮގުވެރިޔާކަން ޝައްކެއް ނެތް މިންވަރަށް ސާބިތެވެ. ކޯޓުން ކުރާ ހުކުމްތައް ކަމުނުގޮސްގެން ކޯޓުގެ ހުރުމަތްކަނޑާ ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ ޖަމީލުމެން ކަހަލަ ފާސިގުންނަށް ވަކާލާތުކުރަން ފުރުސަތު ކޯޓުތަކުން ދޭތީ ހައިރާން ވެއެވެ. ވަކާލާތުކޮށްގެން ހަރާން ލާރިކާން ޖަމީލުމެނަށް ޖާގަ ދީގެން ތިބޭ ހާ ދުވަހަކު ރާއްޖޭގެ ކޯޓުތަކަށް ހުރުމަތެއް ލިބުނަކަ ނުދޭނެއެވެ.