ގައްސާނަށް: ޔާމީނަށް ވެރިކަމަށްވުރެ ހައްގީ ޖަލު
ރައްޔިތުން އެދެނީ ޔާމީނު ދަވާލިހާ ފައިސާ އަނބުރާދޭން
ސިޔާސީ ގޮތުން ގައްސާނަކީ ބުރަދަނެއް ހުރި މީހެއް ނަމަ އެއްވާނަކަށް މީހުން ދެއްކީހީ ގައްސާނުގެ ވާހަކައެވެ. ގައްސާނަކީ އުޅޭ މީހެއްކަން ވެސް ދެނަހުރި މީހަކު ނެތެވެ. މީހުންގެ ސަމާލުކަން ހޯދަން ދޭތެރެއަކުން ޓްވީޓެއް ކޮށްލައިގެން ނޫސްތަކުގެ ސުރުހީއަށް ނަން އަރާތޯ އަތްގުޅި ނުކާވަރުގެ ވާހަކަ ގައްސާނެއް ކަމަކު ނުދައްކާށެވެ.
ޔާމީނު ވެރިކަމަށް ނުގެނެވިގެން ދިވެހިންގެ ގިނަ ބަޔަކު ނޫޅެއެވެ. އެ އަނިޔާވެރިކަމާއި ފަސާދައާއި ވައްކަމުގެ ފަސް އަހަރަށް އެނބުރި ދާކަށް ދިވެހިންނެއް ނޫޅެއެވެ. ޔާމީނު ވެރިކަމުގައި ކުރިއްޔާ ކުރިކަމެއް ކުރީ އަދީބު ކަމަށް ބުނެ ވާހަކަ ދައްކަނީ ވެސް ބަޅުރުކު މީހުންނެވެ. ވެރިކަން ކުރިއިރު ޔާމިނުގެ ކަމަކަށް ވެފައި އޮތީ ވައްކަންކޮށްގެން އަދީބުމެން ގެނެސްދިން ފައިސާ ފައްލައުކުރި ކޮޓަރީ ދޮރުމަތީން ނުތެދުވެ ފޯރިއަށް ތާސްކުޅެން ރުބެލްއާއެކު އިނުމެވެ.
ގައްސާނު ތިޔަ ބުނާ ތަރައްގީގެ ހަރުދުވެއްޔަކީ ބުރިޖުގެ ހަލޭނުން ދެލޭނު ފެންފޮދަކާ ނުލާ ދިރުވާލެއްވި ދުވެއްޔެވެ. ދަރުމަވަންތަ ދެޓަވަރުން އެއްޓަވަރު ހެންވޭރު ދޫވެހީގައި ޖެހި ދުވެއްޔެވެ. ލީޒްކުރި ކޮންމެ ރަށަކުން މިލިޔަނުން ޑޮލަރ އަމިއްލަ އެކައުންޓަށް ކަހާލި ދުވެއްޔެވެ. މުޅި ގައުމުގައި ހުރިއްޔާ ހުރި ތަރިކައެއް އޮބިއަޅާ ފެލާލައިގެން ފައިކޭޓަށް މަހާލާ ބިޔަބޮޑެތި ލޯނުނަގާ އޭގެން ބޮޑުބައި ދިރުވާލާ އަންނަ އޮތް ޖީލުތަކަށް ވެސް ދައުލަތް ނުހިންގޭ ވަރަށް ދަރަނިވެރި ކުރުވާ ދަރަންޏާނުލާ ދިރިނުތިބެވޭ ވަރުކޮށްލި ދުވެއްޔެވެ. ކޮއްކޯފުޅުގެ ބިސްވަޅަކަށް ނަސަންދުރަ ހިބަކޮށްދިން ދުވެއްޔެވެ.
ސްޕްރީމް ކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަނޑު ބިންމަތީ ދެންމި ދުވެއްޔެވެ. އަތުންލަވާ ކާންދީ ބާރު ހޯދާދިން ތުއްތޮންބެޔާއި ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލި ދުވެއްޔެވެ. ނެތް ކުއްލި ހާލަތު އުފަން ކުރުވައިގެން ރައްޔިތުންނަށް ގޮއްމުށް ހިންގި ދުވެއްޔެވެ. ނޫސްވެރިކަމާއި ނޫސްވެރިން ބަންދުކޮށް މިލިޔަނުން ޖުރުމަނާ ކުރި ދުވެއްޔެވެ. ޑްރަގާއި މާރަމާރީއާއި އެކު ގޭންގްތައް ބާރުވެރިކުރުވި ދުވެއްޔެވެ. ބެގް ބޮރޯ ސްޓީލް ގެ ދުވެއްޔެވެ.
ގިނަ ރައްޔިތުން އެދެނީ ޔާމީނު އަނބުރާ ވެރިކަމަށް އައުމަކަށް ނޫނެވެ. ރައްޔިތުން އެދެނީ ދައުލަތުން ޔާމީނު ދަވާލިހާ ފައިސާ އަނބުރާ ދައުލަތަށް ދައްކާށެވެ. ރައްޔިތުން އެދެނީ ހައްގަކާނުލާ މީހުނަށް ދިން އަނިޔާގެ ހައްގު އަދަބު ޔާމީނަށް ލިބޭށެވެ. ރައްޔިތުން ބުނަނީ ޔާމީނާއި އޭނާގެ އައުވާނުން ވެރިކަމާ ގާތް ނުކުރާށެވެ.
ރިޔާސީ ދާންކޮޅުގެ މައްޗަށް އުފަންކޮށް ރަން އިލޮށިން ކަދުރުކާންދީ ބަލާ ބޮޑު ކުރި އުފަން ބައްޕާފުޅު އަބަ ހައްދުވީ ދުވަހު ހައްގަކާ ނުލާ ހުރަގޭ ތޭރިތަކުގެ ބިއްދޮށަށް ވައްޓާލާފައި އޮތް އިރު ހިތްނެތް ހިމާރެއް ފަދަ ދަރިއަކަށް އެހެން މީހުންގެ ހާލަތެއް އެ މީހުން އެދޭގޮތެއް ނޭގޭނެއެވެ.