އެމްޑީޕީން ވަކިކުރި 39000 މެންބަރުން ކިބައިން މާފަށް އެދެން: ސައްޕޭ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް އެމްޑީޕީގެ ދަފުތަރު ސައްހަކުރި ކުރުމުގައި އެކިއެކި ސަބަބާހުރެ 39000 މެންބަރަކު އެމްޑީޕީގެ ދަފުތަރުން އުނިވެގެން ގޮސްފައިވެއެވެ. އެމްޑީޕީ 39000 މެންބަރުން އެއްފަހަރާ އުނިވެގެން ދިޔަ ދިޔުމުގެ ކަންބޮޑުވުން އެ ދުވަސްވަރު ވަރަށް ބޮޑަށް އެކި ގޮތްގޮތަށް ފާޅުކުރިއެވެ.
އެމްޑީޕީގެ މެންބަރުންތަކެއް ޕާޓީން ވަކިކޮށްލި ވަކިކޮށްލުމަކީ ރޭވިގެން ހިންގި ޖަރީމާއެއް ކަމަށްވެސް ބަޔަކު ސިފަކުރިއެވެ. ކޮންމެހެނެއް ވެގެންވެސް މެންބަރުންތަކެއް ވަކިވި ވަކިވުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މެންބަރަކު ކުރިކަމަކާ ނުލާ ބައެއްގެ އިހުމާލުން އިޖުރާއަތުތައް ފުރިހަމަ ނުވެ އޮވެގެން 39000 މީހުން ވަކިކުރި ވަކިކުރުމަކީ ގިނަ ބަޔަކަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ.
އެމްޑީޕީގެ އިދާރީ ހިންގު ބަދަލުވެގެން ދިޔަ ދަނޑިވަޅެއްގައި އެހެން އެކަން ވުމަކީ ގިނަ ބަޔަކަށް ބަލައިގަނެވުނު ކަމެއް ކަމަކަށް ނުވިއެވެ. ކުރިން އޮތް މެނޭޖުމެންޓާއި ފަހުން ހަވާލުވި މެނޭޖްމެންޓުން އެކަމުގެ ޒިންމާ އަޅުވަމުން ދިޔައީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައެވެ. ނަތީޖާއެއްގެ ގޮތުން އިޖުރާއަތުތައް ފުރިހަމަކޮށް އަލުން މެންބަރަކަށް ވުމަށް އެތައް ބަޔަކު ބޭނުމެއް ނުވިއެވެ.
ހޫނު ބަހުސްތަކާއި ރައްދު ދިނުންތަކާއެކު މިއަދާ ހަމައަށް އައިއިރު އެ ވާހަކަތައް އޮތީ ވަޅުޖަހާފައެވެ. އެހެންނަމަވެސް ހިތާއި ރޫހުން އެމްޑީޕީ ވިސްނުމުގައި ތިބި އެތައް ބަޔަކު އޭރުއްސުރެ އެމްޑީޕީގެ ދަފުތަރުގައި ނުޖެހި އަދިވެސް އެބަތިއްބެވެ. މާޒީވެ ދިޔަ ނުތަނަވަސް ކަމުގެ ދުވަސްތަކަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ވަނީ ފެށިފައެވެ.
އުދާސްތައް ހުރިނަމަވެސް ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުގެ ސަބަބުން މުޅި ގައުމު ތަހައްމަލު ކުރަންޖެހިފައިވަނީ ނާމާންކަމެވެ. ނުތަނަވަސް ކަމެވެ. ބިރުވެރިކަމެވެ. ބޭއިންސާފެވެ. އެހެންކަމުން މުއިއްޒުގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް މުޅި އެމްޑީޕީ އެކަތިގަނޑަކަށް ވުމުގެ މުހިންމުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ކަން މިހެން ހުރުމުން އެމްޑީޕީން ވަކިވެފައިވާ 39000 މެންބަރުންގެ ކިބައިން އެމްޑީޕީގެ ފައުންޑަރެއްގެ ހައިސިއްޔަތުން މީމު ސައްޕޭ މާފަށް އެދިވަޑައިގެންފިއެވެ. ވަކިވި 39000 މެންބަރުންގެ ތެރެއިން އަލުން އެމްޑީޕީއާއި ނުގުޅިތިބި ހުރިހާ މެންބަރުންވެސް އެމްޑީޕީއާއި ގުޅި މުއިއްޒުގެ ކިބައިން ގައުމު މިންޖުކުރުމަށް އަތުގުޅާލުމަށް މީމު ސައްޕޭ ގޮވާލައްވައެވެ.