ޗާގޯސްފިތުނަ: އަނދާހުލިވަނީ ޔާމީނު
ޕީޕީއެމާއި ޔާމީނުގެ ވާހަކައިގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް
އޮނަރަބަލް ޝާހިދު ވިދާޅުވީ ތެދުފުޅެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަކަށް ވުރެ ދެރައެއް ނޫނެވެ. ނުމެކެއެވެ. ނުމެދިޔައެވެ. 2019ގައި ޗާގޯސްގެ ސިޔާދަތު އޮތީ މޮރިސަހަށޭ ބުނެ ރާއްޖޭން ވޯޓް ނުދީގެން ޕީޕީއެމުން ހީވީ މޮޔަ ގެރިއަށް ރަތްކުލަ ފެނިގެން އުޅުނު ހެންނެވެ. ދިވެހި ސަރުކާރުން އިސްތިއުމާރު ކުރަން ތާއީދު ކުރާ ކަމަށް ހަދައިގެން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދާތީ އުޅުނު ހެންނެވެ. ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭކަމަށް ސަރުކާރަށް ގޮވާލާ ބަޔާން ވެސް ނެރުނެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ޕީޕީއެމުން ކުރިއްސުރެ ތިބީ ގަބޫލު ކޮށްގެންނެވެ. 2019 ގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރި ކުރީ އެހެން ވެގެންނެވެ. އެހެން ނަމަވެސް ޕީޕީއެމް މިހާރު ކޮޅު ބަދަލު ކޮށްފިއެވެ. މިހާރަކު ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމަކަށް ނުވެއެވެ. ޗާގޯސްއާއި ބެހޭ ގޮތުން މި ސަރުކާރުގެ ނިންމުންތައް އޮޅާލާ ޖަހާނެކަމަށް ޔާމީނު ބުނީ އެހެން ވެތާއެވެ. އޮޅާލާފައި ޖަހަން ހަވާލުކުރަން ގޭ ސޮރު ރުބެލް ވެސް މިހާރަކު ނެތެވެ. އެކަމަކު ފިނިފެން މަލެއް ފަދަ ސައީދުމެން އެކަމަކަށް ގޯހެއް ނުވާނެއެވެ.
ސަމަސާއެއް ނޫނެވެ. ޗާގޯސްގެ ސިޔާދަތީ ބާރާގުޅޭ ވޯޓެއް ދޭން ޖެހިއްޖެނަ ދިވެހިސަރުކާރުން ދެން ވޯޓުދޭން ގަސްދުކުރަނީ މޮރިޝަސްއާއި އެއްކޮޅަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުން ވައިގަދަ ދުވަހެއްގައި އަރުވާފައި އޮތް ރާރާގުޑިއެކޭ ޕީޕީއެމެކޭ ތަފާތެއް ނެތެވެ. އެބުނާ ވޯޓެއް އަދި ދިނީއެއް ވެސް ނޫނެވެ. ވޯޓެއް ދޭނެ ވާހަކަ ބުނާއިރަށް ކުއްލިއަކަށް ޕީޕީއެމްގެ ކޮޅު ބަދަލު ކޮށްފިއެވެ.
ޕީޕީއެމްއަކީ އެއްވެސް ސާބިތުކަމެއް ހަމައެއް ލަމައެއްގައި ތިބި ބަޔަކީ ނޫނީތާއެވެ. ޔަގީނުންވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމުން މިހާރަކު ގަބޫލެއް ނުކުރެއެވެ. ޕީޕީއެމްގެ ސްޓޭންޑް ބަދަލު ވެއްޖެއެވެ. ޕީޕީއެމުން ބަޔާން ނެރެ 2019 ގައި ކުރިން ބުނި އެތި ކެންސަލް ކުރީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ރައްޔިތުންނަށް ބުނެއެއް ނުދެއެވެ. 2019 ގައި ބަޔާން ނެރެ ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދޭވަރުގެ ކުށެއް ކޮށްގެން އެކަން ކުށްވެރި ކޮށްފައި މިހާރު ކިޔާ ލަވަ ބަދަލު ކޮށްލި އިރު ޕީޕީއެމުން މީހަކަށް ދޮންކަޅު އަންގާ ނުލައެވެ. ތޮށަލިތަކުރާ ޖެހުނު ވިގަންޏެކޭ ޕީޕީއެމެކޭ ތަފާތެއް ހަމަ ނެތެވެ.
ޕީޕީއެމާއި ޔާމީނު ދައްކާ ވާހަކައިގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަން ރައްޔިތުންނަށް ވަރަށް ސާފެވެ. އދ ގައި މޮރިޝަސްގެ ސަރުކާރުން ޗާގޯސް ގެ ސިޔާދަތީ ބާރު ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއް ގޮތުން ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށާއި ޗާގޯސްގެ އަސްލު ވަޒަން ވެރިން އެ ތަނަށް ގެނައުމުގެ މައްސަލައިގެ ގަރާރެއް 2017ގައި މޮރިޝަސްއިން ހުށަހެޅިއެވެ. އެ ގަރާރަށް ރާއްޖެއިން ދިނީ ނުފެންނަ ކަމުގެ ވޯޓެވެ. އެކަމަކު 95 ގައުމުން ތާއީދު ކޮށްގެން އެ ގަރާރު އޮތީ ފާސް ކޮށްފައެވެ. ރާއްޖެއިން އެ ގަރާރާ ދެކޮޅު ހެދިހެން ދިވެހި ދައުލަތުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުން ނަމަ އެކަމާ އުޅުމަށް 2017ގައި އެންމެ ފަހުގެ ފުރުސަތު ލިބުނީ ޔާމީނަށެވެ. ނަމަވެސް އެ ގަރާރާ އިދިކޮޅަށް ވޯޓުލުމަށް ފަހު ކޯޓަށް ދިޔުމުގެ ބަދަލުގައި އޭރުގެ ދިވެހި ސަރުކާރުން އޮތީ ހަނެވެ. ޔާމީނު އޮތީ ނިދާށެވެ. ފޯޅަވައްސެއް މަސްވެރިންނެއް ސިޔާދަތެއް އޭރަކު ޔާމީނަކަށް ނެތެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވާހެން ޔާމީން އެ ދައްކާ ވާހަކައަކީ ހިތުގެ އަޑިން ދައްކާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލާނެއެވެ. އެ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ރާއްޖެއިން ދިޔައިހެވެ. އެތަނުގާ ހިނގަމުން ދިޔަ ޗާގޯސް މައްސަލައަށް ތަދައްހުލު ވާނެއެވެ. އެ ފުރުސަތު ރާއްޖެ އަށް އޭރު އޮތެވެ. އެކަމަކު ޔާމީނު އެކަމެއް ނުކުރެއެވެ. ހަމަ ތެދެކެވެ. ޗާގޯސް ފިތުނައިގަ ވެސް އަނދާ ހުލިވަނީ ޔާމީނެވެ.