މަލީހުގެ ތަފާލުގައި ދަނޑިން ތެޅުން
މަލީހަށް އެއްކަލަ އަނިޔާވެރި ވަގު ޔާމީނު އަދިވެސް ގުއިވާނެ!
ވަޒީރު ކަމެއް ލިބޭތޯ ރުނބާ މުށިގަނޑަކުން ބާލަން ޖެހުނަސް މިއުޅޭ މަލީހަކު ބާލާނެއެވެ. ވެރިކަމަށް އަތުވެދާނެހެން ހީވާ މީހާގެ ފައި ދޮންނި ފެން ބޯން ވިޔަސް މަލީހު ބޯނެއެވެ. ވަޒީރު ކަމައިގެން ބަނޑު ކެނޑިފައި އެ ހުންނަނީ މާވަރަކަށެވެ.
ތިމާގެ ގައިގާ ފެންވަރެއް ނެތި ސައިޒަށް ވުރެ ބޮޑެތި ބޫޓަށް އަރަން ހަދައިގެން ކޮންމެ ފަހަރަކު އަނގަ ވަތަށް ވެއްޓި މުޅި މީހާ ނަޖިސް ވެއެވެ. އިސާހިތަކު ކަނޑު ހިނގާ އައިނުން ބާކީވެ ފުޅަނތްގަށް ވާވަރު ވެސް މި ފަކީރަކަށް ނުވެއެވެ. އިހުޒަމާނުގައި ގަސް ގަސް ދޮށުގައި އުކުނު ނަގަން ތިބޭ ރަނޑާލި އަންހެނުންނަށް ވުރެ ރަނބަގިރުން މި މަލީހަކު ބޮޑެވެ.
2015 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮތް އިރު އެތާނގައި ލާނުހިފައިގެން އެ މީހުނަށް ނުގޮވާކަ ކުނި ފުޅައެއް ނެތެވެ. ޔާމީނަށް ވުރެ ބޮޑު ވަގެއް ވެސް އޭރަކު މަލީހަކަށް ނެތެވެ. ޔާމީނަށް ވުރެ އަނިޔާވެރި މީހަކު ދުނިޔެ ދުށް ކަމަކަށް މަލީހަކަށް ނުވެއެވެ. ޔާމީނަށް ވުރެ ގައުމަށް ބޮޑު ގައްދާރަކު ވެސް އޭނާ އަކަށް ނެތެވެ.
ޕީޕީއެމުން ވަކިވަމުން މި ކަލޭގެ ބުނެފަ އޮތީ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރޭވޭ ގޮތަށް ޕިޕީއެމް އިސްވެ އޮވެ ގާނޫނު އަސާސީ އިސްލާހު ކުރުމުން އެޕާޓީ ދޫކޮށްލި ވާހަކައެވެ. ދިވެހި ރާއްޖެ ސޭލްގައި އޮތް ކަމަށް ސިފަކޮށް ޓެގްކޮށް ކުރި ޓްވީޓް އަދިވެސް އެ އޮތީއެވެ.
އެ ދުވަހު ސަހަރޯއޭ ހިތައް އެރިއެވެ. ދުވަހަކު ޕީޕީކޮޅަށް ބޯނުލާނެ ކަމަށް އޭރު ގިނަ ބަޔަކު ހީކުރިއެވެ. އެކަމަކަު ނިކަން ދެކެ ބަލާށެވެ. ހަމަ އެ ޕީޕީއެމެވެ. އެ ޔާމީނެވެ. މަލީހު އެ ހުރީ އަނެއްކާ އޭގެ ތެރެއަށް ބޯ މަހާލައިގެންނެވެ. މި ފަހަރު ދުއްވާލާނީ ކިހާވަރަކުން ބާއެވެ.
2018 ގައި އިބޫ ސޯލިހުގައިގައި ތަތްލާފާ އިން އައްޓަ މަހެކޭ މަލީހެކޭ ތަފާތެއް ނެތެވެ. ޔާމީނަށް ކުނި ފުޅަ ހަޔާތް ގޮވަމުން އިބޫ އެރިހާ ރަށަކަށް އަރައިގެން ކަރު ފަޅައިގެން ދާވަރަށް މަލީހު ހަޅޭލީ އިރު ހީވީ އިބޫ ހުރީ އުމަރުގެފާނަށް ވުރެ ވެސް ކުރީގައި ހެންނެވެ. ތައުރީފު ކުރި ކުރީނުން އަމިއްލައަށް މުރުތައްދު ނުވެ ދަނީ ކިރިޔަ ކިރިޔާއެވެ. އޭރަކު މަލީހަކަށް އިބޫ ވަރެއް ނެތެވެ.
މަލީހަށް ވަޒީރުކަން އޮތްހާ ދުވަހު އިބޫ ސަރުކާރު ހަލީފާ ހާރޫނު ރަޝީދުގެ ހުލާފަތަށް ވުރެ މާ ފުރިހަމަވެފައި އޭނާއަށް މޮޅެވެ. ޖާހިލުކަމުން ވާޖިބު އަދާ ނުކުރެވިގެން ސަރުކާރުން ބޭރު ކޮށްލުމުން ރައީސް ސޯލިހު މަގާމަށް ކުފޫ ހަމަވާ ކަމަކަށް ނުވިއެވެ. ފެހި ޖަހާފައި އޮތް ހިލަގަޑަކަށް އޮތް ވަރުގެ ހުރުމަތެއް ވެސް ރައީސަށް އޮތްކަމަކަށް ނުވިއެވެ.
ރައީސް ސާލިހަށް ތާއިދު ކުރާހާ ބަޔަކީ މަލީހަށް މިއަދު މޮޔައިންނަށް ވެއްޖެއެވެ. މަލީހަށް އެއްކަލަ އަނިޔާވެރި ވަގު ޔާމީނު އަބޫބަކުރުގެފާނަށް ވެއްޖެއެވެ.