ޔާމީނުގެ ހުކުން ހަރާން - ޔޫސުފް ނައީމްގެ ހުކުން ހަލާލް
ކާފަ ދަރިއަށް ޖިންސީ ގޯނާކުރި ކަނޑުހުޅުދޫ އިބްރާހީމްދީދީ ވެސް ރައީސްކަމަށް ނިކުންނަނީ.
މީހުން މަރައިގެން ޖަލުހުކުމް ތަންފީޒު ކުރާ މީހުން ޖަލުގައި އެބަތިއްބެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެބަތިއްބެވެ. ޑްރަގް ވިއްކައިގެންނާއި ބޮއެގެން ޖަލުހުކުންމުގައި އެތައް ބަޔަކު އެބަތިއްބެވެ. ވައްކަމާއި ހިޔާނާތުގެ ކުށުގައި ހުކުން ތަންފީޒުކުރާ މީހުން އެބަތިއްބެވެ. މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށުގައި ޖަލުހުކުން ތަންފީޒުކުރާ މީހުން ޖަލުގައި އެބަތިއްބެވެ.
އަފްރާޝީމްގެ ގާތިލު ހުމާމް ވެސް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހުކުން ތަންފީޒުކުރާ އަދީބާއި ޒިޔަތުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކަމަށްވެއެވެ. ރިޝްވަތުގެ ކުށުގައި ހުކުމް ތަންފީޒު ކުރާ ޔޫސުފް ނައީމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅޭކަމަށް ބެލެއެވެ. އަދިވެސް ޖަލު ހުކުން ތަންފީޒުކުރާ ކިތަންމެ ބަޔަކު އަންނަ ރިޔާސީ އިންތިހާބުގައ ވާދަކުރަން ނިންމާފައި އޮތްކަމަށް ވެއެވެ.
ޖަލު ހުކުމެއްގައި ތިބީތީ ބުނެވިދިޔަ ފަދަ އެތައް ބަޔަކަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރި ވުމުގެ ފުރުސަތު އޮތީ ބަންދުވެފައެ. ގިނަބަޔަކު ތާއީދުކުރުމަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމަކީ ނުވަތަ ވަކިބަޔެއްގެ ރިޔާސީ ޓިކެޓް ގައިދީއަކަށް ދިނުމަކީ އެ ގައިދީއަކު މިނިވަން ކުރަން ޖެހޭ ކަމެއްނޫނެވެ. އިންތިހާބެއްގެ އިންސާފާއި ގުޅުފައި އޮންނަނީ ޖަލުތަކުގެ ގޮޅިތަކަކާއި ނޫނެވެ. ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޖަލުގައި ހުރި ވަކި މީހަކު ދޫކޮށް ލައިގެނެއް ނޫނެވެ. އަންނަ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ދޫކޮށްލަންވީ ޔާމީނު އެކަންޏެއް ނޫނެވެ. ކާފަ ކިޔާ ކުޑަކުޑަ އަންހެން ދަރިއަށް ޖިންސީ ގޯނާކޮށްގެން 25 އަހަރަށް ޖަލަށްލާފައިހުރި ކަނޑުހުޅުދޫ އިބްރާހީމް ދީދީ (62 އަހަރު) ވެސް ވާނީ ދޫކޮށް ލާށެވެ. ހުމާމާއި ޒިޔަތާއި އަދީބާއި ޝަހުމު ވެސް ބަންދުގައި ތިބެގެން ނުވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ވައްދާފައި އެހުރީ ޔާމީނު ދޫކޮށްލަން ގޮވާށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ ދައުލަތް ދަވާލައިގެން ކުށްސާބިތުވެފައިވާ ބޮޑު ވަގެއްގެ ދިފާއުގައި އަނގަފުޅާކުރާއިރު ޖަލުގައި ދެން އެތިބީ ދިވެހި ރައްޔިތުންނަށް ނުވަނީ ހެއްޔެވެ. ޕީޕީއެމުގެ އިންސާފަކީ ޔަމީނެވެ. ޔާމީނުގެ ހުކުން ހަރާން ވާއިރު ޔޫސުފްނައީމްގެ ހުކުން ހަލާލެވެ.