މުއިއްޒަށް ގެއްލޭތީ އުޅެނީ ސިޔާދަތެއް ނޫން ޕީޕީއެމް ޓިކެޓް
އިންޑިއާ އައުޓު ވާންޖެހެނީ މުއިއްޒަށް ހުޅުމާލެ މުށުތެރެއަށް ނުލެވިގެން
ގެއްލޭތީ މުއިއްޒު މި އުޅެނީ ކޮންބާރެއް ހެއްޔެވެ. ތިޔަ އުޅެނީ ރާއްޖޭގެ ސިޔާދަތީ ބާރެއް ގެއްލޭތީއެއް ނޫނެވެ. ގެއްލިގެން ތިޔަ އުޅެނީ އަތުގައި އޮތް ދައުލަތް ދަވާލުމުގެ ބާރެވެ. ހިތުހުރި މީހަކަށް ފުލެޓް ދިނުމުގެ ބާރެވެ. ޕީޕީއެމަށް އޮތް ވެރިކަމުގެ ބާރެވެ. ނޫނީ ވިއްޔާ ޕީޕީއެމުގެ ރިޔާސީ ޓިކެޓް ހެއްޔެވެ. ރިޔާސީ ޓިކެޓް ހޯދަން އުޅޭވަރުން ޕާޓީގެ ހަރަކާތް ތަކުން ފޭކޮށް ބާކީ ކޮށްލާފައި ވާތީ ޔާމީނުގެ އިންޑިއާ އައުޓު މުއިއްޒަށް ހެޔޮވަރު ކޯޓަކަށް ނުވަނީ ތާއެވެ.
އާނއެކެވެ. މައްސަލައަކީ އިންޑިއާ ނޫނެވެ. މައްސަލައަކީ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރާ ގޮތެއް ވެސް ނޫނެވެ. މައްސަލައަކީ ޕީޕީއެމަށް ވެރިކަން ނެތުމެވެ. ޗީފް މިންޓަރަކާ ޥަދަކުރަން އުޅޭކަމަށް ބުނާ ޔާމީނު މޭޔަރަކަށް ޖާގައެއް ނުދޭނެ ތާއެވެ.
ރާއްޖޭގެ ސިޔާދަތުގެ ވާހަކަ މޭޔަރ މުއިއްޒުމެން ނުދައްކާށެވެ. ގައުމެއް ގޮތުގައި މުޅި ދުނިޔެއިން ރާއްޖެ ބަލައިގެން ޒަމާނެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެއްސަފުގައި ރާއްޖޭގެ ބަސްވިކުނު އިރެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ރާއްޖެއަކީ އޮތްތަނެއްކަން ކުރިން ނޭގޭ އެތައް ބަޔަކަށް ރާއްޖޭގެ ހައިބަތާ ގައުމެއް ވަންތަކަން މި ސަރުކާރުން ނޫނީ ދެއްކުނު ހެއްޔެވެ.
އދ ގެ ރިޔާސަތަށް ރާއްޖެ އަންނާނެ ކަމުގެ ހުވަފެނެއް ވެސް މީގެ ކުރިން ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ބަސް މިހާރަށް ވުރެ ރަނގަޅަށް ވިކުނު އިރެއް ދިޔަހެއްޔެވެ. ނުދެއެވެ.
މުއިއްޒު ހީކުރަނީ އެންމެންނަކީ މޮޔައިން ކަމަށް ހެއްޔެވެ. މައްސަލަޔަކީ އިންޑިއާއެއް ނޫނެވެ. އެކަމަކު ގޮވަނީ އިންޑިއާ އައުޓެވެ. އިންޑިއާއަށް ނޭވަޔަކު ދެކޮޅު އެކި ބޭނުން ތަކުގައި ދިވެހިން ދާން މުއިއްޒަށް އޯކޭއެވެ. އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން އޯކޭއެވެ. އިންޑިއާ ނަރުހުންނާއި ބިހާއި އަލުއްވާއި ފިޔާ ވެސް އޯކޭއެވެ. ހިލަޔާއި ވެލިވެސް އޯކޭއެވެ. ހިލޭ ދިން ކޮވިޑް ވެކްސިން ވެސް މުއިއްޒަށް އޯކޭއެވެ. އެކަމަކުވެސް އިންޑިއާ އައުޓެވެ.
އިންޑިއާ ފަސްޓް ޕޮލިސީއަކީ ކޮންތާކު ކާކު ގެން ގުޅޭ އެއްޗެއްހެއްޔެ. ތިޔަ ބަޔަކު ވެރިކަން ކުރިއިރު ގެންގުޅުނު ފަސްޓް ޗައިނާ ޕޮލިސީ ކަހަލަ ޕޮލިސީއެއް މި ސަރުކާރުގެ ނެތެވެ. ތިޔަ ދައްކާ "އިންޑިއާ މިލިޓަރީ އިން" ކުރިއްޔާ ކުރި ބަޔަކީ ވެސް ތިޔަ ބައިގަނޑެވެ. ސަރަހައްދު ރައްކާތެރި ކުރުމުގެ އެއްބަސްވުމެއް އިންޑިއާ އާއި އެކު ހެދީވެސް ޕީޕީއެމު ވެރިކަމުގައި ޔާމީނެވެ.
ޕޮލިސް އެކަޑަމީގެ އެއްބަސްވުން ހެދީވެސް ޔާމީނެވެ. ހެލިކޮޕްޓަރ އެއްބަސް ވުމަކީވެސް ޔާމީނުގެ ބާރުގައި ހުރެ ހެދި އެއްބަސް ވުމެކެވެ. އެ ހުރިހާ ހަރަކާތެއްގެ ފެށުމަކީ ޔާމީނު ވެރިކަމުގައި އެޅުނު ބިންގަލެވެ. ވެރިކަމުގައި ޔާމީނު ނޫން މީހަކު މިއަދު ހުރިތީ އެކަންކަން ނަހާލު ކަންކަމަށް ހަދައިގެން އުޅެނީއެވެ.
ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖެ އިނދަ ޖެހުނަ ނުދީ އިގުތިސާދު ހަމަޔަކަށް އަޅުވާ ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ އެހީތެރިވެ ދިނީ އިންޑިއާއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިނުމުގެ މަދަދުގާރަކީ ވެސް އިންޑިއާއެވެ. ރާއްޖެއަށް ދިމާވާ ކޮންމެ އުދަގޫ ދަނޑިވަޅެއްގައި އެހީތެރިވެ ކޮޅަށް ޖަހާދެނީ އިންޑިއާއެވެ. ޒަމާނުއްސުރެ އޮންނަ އަހުވަންތަ ގާތް ގުޅުމުގެ ސަބަބުންނެވެ. ރާއްޖެ އަޅުވެތި ކުރުމަކީ އިންޑިއާއިން ކުރަން އުޅޭކަމެއް ނޫނެވެ. ރަހުމަތްތެރިކަމާ ގާތްކަން ފިޔަވާ އެ ނޫން ބޭނުމެއް އިންޑިއާއިން ބޭނުމެއް ނުވާނެއެވެ. އިންޑިއާގައި ބިން ކުޑަވެ މީހުން މަދުވެގެން އިންޑިއާ ނޫޅެއެވެ.
އދ ގެ ޗާޓަރއާއި އެއްގޮތަށް އިންޑިއާ ކަނޑުގެ އަމާންކަން ކަށަވަރު ކުރުމަކީ އިންޑިއާ އާއި ރާއްޖެ އެއްވިސްނުމެއްގައި އެކުގައި މަސައްކަތްކުރާ އަނެއް ސަބަބެވެ. ސަރަހައްދުގެ ރަައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާއި ދިވެހި ރާއްޖެއާއި ދެމެދު ހިންގޭ ހުރިހާ ހަރަކާތެއް ހިނގަނީ އދގެ ޗާޓަރާއެއް ގޮތަށް ދުނިޔޭގެ ބެސްޓް ޕްރެކަޓިސް އަށެވެ. ވަގު ވިޔަފާރިއާއި ކަނޑުފޭރުމާއި ޓެރެރިޒަމާއި ޑްރަގާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތަކީ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއިން ވެސް އެއްބާރުލުންދޭ ކަންކަމެކެވެ. ޗައިނާއާއި އިންޑިއާގެ ވިޔާފާރީގެ ވާދަވެރިކަމާ ރާއްޖެ ގުޅުވަނީ ރާއްޖޭގެ ސިޔާސީ ހަސަދަވެރިންނެވެ.
ހަގީގަތަކީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރުމަކީ މުއިއްޒު މެންނަށް ހަޖަމު ކުރެވޭނެ ކަމެއްނޫން ކަމެވެ. ސަރުކާރަށް ރަނަގަޅު ކަމެއްގައި އެހީތެރިކަމެއް ވެދޭ ކޮންމެ ބަޔަކާ ދެކޮޅަށް އިދިކޮޅޭމެން ދޮގާ ފިތުނަ އުފައްދާނެއެވެ. ހަޖަމެއް ނުވާނެއެވެ.
އިދިކޮޅޭމެން ބޭނުންވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އެރުވުމަށްޓަކައި ކިތަންމެ ރަނގަޅުކަމެއް ވެސް ގޯސްކަމެއް ގޮތުގައި ދައްކާށެވެ. ރައްޔިތުންނަށް ކަންކަން ދަތިކޮށް ފަސްކޮށް ލަސްކުރާށެވެ. އިންޑިއާ މައްސަލައަކަށްވަނީ އެހިސާބުންނެވެ. އެހެން ކަމެއް ވެގެނެއް ނޫނެވެ.
އަމީނީ މަގުހަދާކަށް ސްނާމީ ބިނާ ޕަރކް ހަދާކަށް އެހެން ކަމެއް ކުރާކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ. މުއިއްޒު ބޭނުންވާނީ ބޮޑު އަގުގައި ޕާކިންގ ސްލޮޓް ވިއްކައިގެން ލާރި ނަގާށެވެ. ހުޅުމާލޭ ބިމާ ފްލެޓްގެ ވިޔަފާރި ކުރަން ހުޅުމާލެ މުށުތެރެއަށް ނުލެވިގެން ތެޅޭވަރުން އެކަނިވެސް ކަންކަން މުއިޒުވާގޮތް އިހުސާސް ކޮށް ލެވޭނެއެވެ.
ވަޒީތުކަމުގައި ހުރެ އައޖީއެމްއެޗް ކައިރީގައި ދައުލަތުގެ ފައިސާއިން ބާލުހަނާއެއް ހަދައިގެން މުއިއްޒު އެކުރާ މުޑުދާރު ކަންތައް ނިކަން ދެކި ބަލާށެވެ. އައޖީއެމްއެޗަށް އަންނަ ބަލި މީހުންގެ ތެރެއިން ލާރި ކޮޅުކޮޅު ގެންގުޅޭ މީހުނަށް ބޮޑުއަގުގައި ކޮޓަރި ވިއްކައިގެން އެމީހުންގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގައިގެން ޖީބުތައް ފެލައިލާވަރު ދެކި ބަލާށެވެ. ލަދެއް ހަޔާތެއް ނެތެވެ.
އަނެއްކޮޅުން ރަށްރަށު މީހުނަށް އެއްވެސް ކަމެއް ރަނގަޅު ވުމަކީ މުއިއްޒުމެން ބޭނުންވާނެ ގޮތެއް ނޫނެވެ. ހައި ސްޕީޑް ފެރީން މުޅިރާއްޖެ ގުޅޭކަށް މުއިއްޒުމެން ބޭނުމެއް ނުވާނެއެވެ. ރަށްރަށުގައި އިންޖީނުގެތައް އަޅާ ދެވޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާކަށް ނޭދޭނެއެވެ.
ފެނާ ނަރުދަމާ ގާއިމު ވާކަށް ނޭދޭނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކުރިއަރާކަށް ނޭދޭނެއެވެ. ސިއްހީ ހިދުމަތް ރަނގަޅުވެ ރައްޔިތުން އުފަލުގައި އުޅޭތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ރައްޔިތުންނަށް ލުއިފަސޭހައެއް ލިބޭނެ ކަމެއް ކުރުމަށް މި ސަރުކާރަށް އެހީތެރި ކަމެއް އެއްވެސް ބަޔަކު ދިނުމަކީ އިދިކޮޅޭމެންނަށް ހަޖަމުވާނެ ކަމެއް ނޫނެވެ. އިނޑިއާއިން ސަރުކާރަށް އެހީތެރިކަން ނުދޭ ނަމަ އިންޑިއާ އައުޓު ވާހަކައެއް ނުދައްކާނެއެވެ. މިލިޓަރީ ބަޔަކު ތިއްބަސް ނުތިއްބަސް އެ ބައިގަޑަށް އޭރުން އޯކޭ ވާނެއެވެ.