ގާސިމަށް: ދަތްދަގަނޑާ މަރުތޭލުގައި އެ ލެފެލަނީ ތިޖޫރީ ކައިރިއަށް
ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިހާބު ނިމެންދެން ބަހައްޓާ: މަލީހު
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މި ސަރުކާރުގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ކަން ކުރެއްވި މުޙައްމަދު މަލީހް ޖަމާލު ވިދާޅުވިޔަސް އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޖުމްހޫރީ ޓިކެޓެއްގައި ވަޒީރު ކަމެއް ލިބެނީ ޖުމްހޫރީ ލީޑަރު ގާސިމް އިބްރަހީމް ލައްކަ އިތުބާރު ކުރައްވައިގެންނެވެ. ގާސިމުގެ އުސޫލާއި ސިޔާސަތު ވަރަށް ބޮޑަށް ދެނެ ވަޑައިގަންނަވާ ބޭފުޅަކަށެވެ.
މަލީހު މިއަދު ޖުމްހޫރީއާއި ދުރުގައި ހުންނެވި ނަމަވެސް މަލީހަށް ވެސް ގާސިމު ގެންގުޅުއްވާ ސިޔާސީ ވިނިންގ ފޯމިއުލާ ވަރަށް ރަނގަޅަށް ސާފުވެ ވަޑައި ގަންނަވާނެއެވެ. ޖޭޕީގެ މިހާރުގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފަށް ރައީސް ޔާމީނުގެ ކަންކަން ހުންނަގޮތް އެނގި ވަޑައިގަންނަވާ ބީދައިންނެވެ. ކުލަ ބަދަލު ކުރިޔަސް އަލީ އާރިފްގައި ހުންނަނީ ޔާމީނުގެ ލެޔެވެ. މަލީހުގެ ހުންނާނީ ގާސިމުގެ ލެޔެވެ. މި ވަގުތު އަރާ ތިއްބެވި ޕްލެޓް ފޯމް ތަފާތީއެވެ.
އެހެން ކަމުން ޖޭޕީ ލީޑަރަށް ހަމަ އެންމެ ބުއްދިވެރި ގޮތް މަލީހު އެ ވިދާޅުވީއެވެ. މަލީހު ވިދާޅުވިޔަސް އެ ވިދާޅު ވަނީ ވަރަށް ބޮޑު ތެދެކެވެ. ޖޭޕީ ލީޑަރަށް ހަމަ އެންމެ ބުއްދިވެރި ވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިހާބު ނިމެންދެން ބެހެއްޓެވުމެވެ.
ކޮންމެ ރިޔާސީ އިންތިހާބަކަށް ތިލަވާ މޫސުމީ ކަނދު ފައްޗެއް ކަމަށް މީހުން ގަބޫލުކުރާ ޖުމްހޫރީ ޕާޓީގެ ޒާތް މަލިޙު އެވިދާޅުވެ ދެއްވީ ހެޔޮކޮށެވެ. އައްޓަ މަހުން ފެށިގެން ފެމުނު މިޔަރަށް ދާންދެން ކަނދުފަތީގެ ވަށައިގެން ކުރުކާލި އެބަ ކަނޑައެވެ. ކަނާއަތާއި ވާތް ފަރާތުގައި ވެސް ބިޔަ ފެމުނު މިޔަރު އެބަ ހޭރިޔާ ކުރާ ކަމަށް މަލީހު އެ ވިދާޅުވާ ވިދާޅުވުން އައު ކޮށްލަމެވެ. ތެދެކެވެ. ވަށައިގެން އެނބުރޭ ބަގަ ތިޖޫރީ ނުހުޅުވައިގެން އެ ވާހަކަ ކަން ބޮޑުވެ ބޮޑުވެފާ އެބަ ދައްކައެވެ.
ކޮޅުން ފޯދި ސިޔާސީ ގޮތުން ބާކީވެ މިލާ މޯޅިވެފައި ތިބި ބަޔަކު ޖުމްހޫރީ ލީޑަރު ވަށާކުރާ ތޮވާފުން ތިޖޫރީ ހުސްވުން ނޫން ކަމެއް ގާސިމަކަށް ވެފައެއް ނެތެވެ. ވާކަށް ވެސް ނެތެވެ. ކުރިން ވަޒީރުކަން ކޮށް ފޭލިވެފައިތިބި މީހުންނާއި، ކުރިން މެންބަރުކަންކޮށް ރައްޔިތުން ބަލައި ނުގަނެ ޑަސްބިނަށް ލީ މެންބަރުން ތަކަކާއި، އިންތިހާބު ތަކުގައި ވާދަކޮށް ގޮނޑި ކާމިޔާބު ނުކުރެވުނުހާ ފޭލިޔަރުން އިސް ސަފުގައި އަތުރައިގެން ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ތިޖޫރީ ނޫނީ ގާސިމުގެ ނެތެވެ. ފެމުނު މިޔަރު ތަކުގެ ގޮހޮރު ފުލުގައި ނުޖެހި ރައްޔިތަކަށް ހަތަރު އަނާއެއް ވެސް މީގެ ކުރިއަކުން ލިބިފައެއް ނެތެވެ. ދެން ވެސް ނުލިބޭނެއެވެ.
ޚަރަދު ނުކުރައްވާ ވޯޓު ހޯއްދަވާ ފަހަރަކަށް ހެއްދެވުމަށް މަލީހު ގާސިމަށް ނަސޭހަތްތެރިވެ ވަޑައިގަތީ ކަމެއް ވެގެނެވެ. ގާސިމު ވޯޓު ގަތުމަށް ހޭދަ ކުރައްވާ ވަރާ ލިބި ވަޑައިގަންނަވާ ނަތީޖާ ދެނެވަޑައިގެން ހުންނަވައެވެ. މިފަހަރު އުފެދޭ ސަރުކާރަކުން ހީކުރައްވަ ވަރުގެ ބޮޑު ފޮއްޗެއް ޖުމްހޫރީއަށް ލިބުމަށް ވުރެ ނުލިބުން ގާތްކަމުންނެވެ.
މަލީހު އެ މޭރުމުން ޓްވީޓް ކުރެއްވުމުން ކަނދުފަތީގައި މުގޯލިއަޅާ ފެމުނު މިޔަރު ތަކަށް ކެތެއް ނުވިއެވެ. ހާސް ކަނޑާލާށޭ ހަމަ ޖެހޭނެޔޭ ގޮވަމުން ފަޔަށް ހިނި އަރައިގެން ތެޅިފޮޅިގެންފިއެވެ. ގާސިމަށް ބޮޑު މަންޒަރު ދައްކަން މި ފަހަރަކީ ގާސިމްގެ ފަހަރޭ ކިޔައިގެން ދަތް ދަގަނޑާ ބޮޑު މަރުތެޔޮ ހިފައިގެން އެވެރިން ލެފެނީ ތިޖޫރީ ކައިރިއަށެވެ.