އަލީ ރަމީޒު ފަތުރަފައި އޮތީ ދިރިހުރި މުންކަރާތް

ކީހާ ލަވަތަކުން ފަތުރާދިނީ ޝަހުވަތްތެރި ކަމުގެ މެސެޖު

އަލީ ރަމީޒު ފަތުރަފައި އޮތީ ދިރިހުރި މުންކަރާތް

އެހެން ދީނެއްގެ ކަންކަން ރާއްޖޭގައި ކުރިއަރުވަން ހިތްވަރުދޭ ކަމުގެ ތުހުމަތު ތަކުރާރުކޮށް އަލީ ރަމީޒު މިސަރުކާރަށް އެބަ ކުރެއެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން މިވަނީ އެންމެ ހަތަރު އަހަރެވެ. އޯލެވެލް ފެންވަރަށް ކުއްޖަކު ކިޔަވާ ނިމިގެން ނިކުންނަން ވެސް ދިހަ އަހަރު ނަގައެވެ. ދީނާ ދެކޮޅު ހަރަކާތެއް ނުވަތަ މުންކަރާތެއް މިހާރު ހިންގިއްޔާ ހިންގާނީ އޭގެ މާކުރިން ތަރުބިއްޔަތުވެ ބޮޑެތިވެފައި ތިބި ބައެކެވެ. އެ ބަޔަކު ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެ ބަޔަކާއި އެ ބަޔަކު ތަރުބިއްޔަތު ކުރި ބައެވެ.

މި ސަރުކާރު އައިފަހުން ރާއްޖޭގައި ހިނގާ އެއްވެސް ލާދީނީ ކަމަކީ މި ސަރުކާރުން ބޭނުން ވެގެން މި ސަރުކާރުން ކުރުވާ ކަމެއް ނޫނެވެ. ދުނިޔެ މި އޮތީ ބަވަނަވެތި ވެފައެވެ. ދުނިޔޭގެ އެތަން މިތާ ހިނގާ ހުރިހާ ކަމެއް ވަގުތުން ވަގުތައް އެންމެނަށް އެނގި ފެނި ދެނި އެބަވެއެވެ. މިހާ ބޮޑަށް ހުޅުވިފައިވާ ދުނިޔެއެއްގައި އުޅޭ އިރު ދުނިޔެއަށް ޖެހޭ އޮޔާވައި މިރާއްޖެއަށް ވެސް ނުޖެހި އެއް ނުދާނެއެވެ. އެ އެއްޗަކުން ފެލޭނީ އެއްޗެއްގައި ހުރި ދިޔަ އެކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. މި ސަރުކާރުން މިސްކިތްތައް ބިނާ ކޮށް އާބާތުރަ ނުފިލުވަނީ ހެއްޔެވެ. ހުކުރު ނަމަދާއި އީދު ނަމާދާ ކޭތަ ނަމާދު ނުކުރުވަނީ ހެއްޔެވެ. ފަސް ވަގުތު މިސްކިތް ތަކުން ބަންގި ގޮވާ ފަރުލު ފަސް ނަމާދު ގާއިމު ނުކުރުވަނީ ހެއްޔެވެ. ދީނީ ވައުޒާ ނަސޭހަތް ނުދެނީ ހެއްޔެވެ. ގުރުއާނާ އިސްލާމު ދީނުގެ އިލްމު ނުފަތުރަނީ ހެއްޔެވެ. އިސްލާމިކް ޔުނިވަރސިޓީ ނެތީ ހެއްޔެވެ. އިސްލާމް ދީން ކުރިއަރުވަން ކުރެވޭ މަސައްކަތެއް ހުއްޓުވީ ހެއްޔެވެ.

ސިޔާސީ ގޮތުން ނަފްރަތު އުފައްދަން ދީން ނަހަމަ ގޮތުގައި ހިފަން އެކަކު ވެސް ނޫޅޭށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ އިސްލާހުގެ ވާހަކަ ދައްކާނީ ޓްވިޓަރ ގައެއް ނޫނެވެ. ދީނީ ގޮތުން ތަންދޮރު ދަންނަ މީހުން މުއާމަލާތު ކުރާނީ ބުއްދި އިސްކޮށް ގެނެވެ. ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަން އަބަދުވެސް ތިބެނީ ރައްޔިތުން އެ ހިނދަކަށް ކަނޑައަޅާފައި ތިބޭ ބައެކެވެ. އެ މީހުންގެ ތެރޭގައި ދީނީ ގޮތުން ކަންކަމާ މެދު ވިސްނާ ގޮތް ތަފާތު މީހަކު ވެސް ހުރެދާނެއެވެ. ކޮންމެ ހާލަތެއްގައި ވެސް ދީނީ އިލްމުވެރިންނާ ދީން ފަތުރާ މީހުންގެ ކަމަކަށް ވާންވާނީ ކުށްވެރި ކުރުމާ ޖަދަލު ކުރުމާ ބަދުނާމުކޮށް އިލްޒާމު އެޅުވުމެއް ނޫނެވެ. 

ކުރިއަށް ވުރެ ރާއްޖޭގައި ދީނަށް އުޅޭ މީހުން މިހާރު މާގިނައެވެ. ސުންނަތަށް ލޯބިކުރާ މީހުން މާ ގިނައެވެ. ނަމާދުކުރާ މީހުންވެސް މާ ގިނައެވެ. ސަރުކާރުން އެ ފުރުސަތު ނުދީ ދީން ކުރިއަރުވަން ހުރި ދޮރުތައް ބަންދު ކުރާނަމަ އެ ކަންކަން އެހެން ވީސް ހެއްޔެވެ. އެ ކަމަކު ބުނަން ހެއްޔެވެ. ދީނުމުގެ ނަމުގައި ފަސާދަ އުފައްދާ ޓެރެރިޒަމް ހިންގާކަށް ސަރުކާރުން ޖާގައެއް ނުދޭނެއެވެ. މީގެ ކުރިން މި ރާއްޖޭގައި އޮތް ސަރުކާރުތަކުގެ ތެރެއިން ނުފެންނަ ވަކި އާކަމެއް މިހާރަކު ވެސް ނުފެންނާނެއެވެ.

ބުނަން ހެއްޔެވެ. މިހާރު ވެސް މިފެންނަނީ ހަވާނަފްސަށް މީހުން ލެންބުމަށް އެނގިގެން ވިޔަސް ނޭނގި ވިޔަސް އަލީ ރަމީޒު ކުރި މަސައްކަތުގެ ނަތީޖާއެވެ. ރާގުރާގަށް އިންސާނުން މާބުރަށާއި ކޮކާލާއި ހަނދަށް ހަދައިގެން މީހުން ވާ ވެއްދީ އަލީ ރަމީޒެވެ. ޑިޕްރެޝަނާއި އެންޒައިޓީއަށް މީހުން ވައްޓާލާ ލޯބީގައި ކުފުރު މަރުތަކަށް ހިތްވަރު ދިނީ އަލީ ރަމީޒެވެ. ﷲގެ ކުޅަދުން ވަންތަ ކަމުގެ ސިފަތަށް ލޯބިވާ މީހާއަށް ދީގެން އެ ތައް ބަޔަކު ލޯތްބަށް އަޅުކަން ކުރަން ޖެއްސުވި މީހަކީ އަލީ ރަމީޒެވެ. ކީހާ ލަވަތަކުން ފަތުރާ ދިނީ ޝަހުވަތްތެރި ކަމުގެ މެސެޖެވެ. ދިރި ހުރި މުންކަރާތެވެ. އެއީވެސް މި ސަރުކާރުން ކުރި ކަމެއް ހެއްޔެވެ. ޑިސްކޯތަކާ އެނޫންވެސް ޝަހުވަތްތެރި ކަމަށް ހިތްވަރުދޭ ހަފުލާތަކުން އިވެނީ އަދިވެސް އަލީ ރަމީޒުގެ އަޑެވެ. ޒުވާން އެތައް ޖީލެއް އަލީ ރަމީޒު ފެތުރި ލަދީނީ މުންކަރާތުގައި އެތިބީ ޖެހި ހަލާކު ވެފައެވެ. އަދިވެސް އެ ދަނީ ހަލާކު ވަމުންނެވެ.