ވިއްކި ވަޒީރުކަން ވަތްކެއް ނުކުރެވޭނެ!

ހަރަދު ކުޑަކުރަން 22 އިން 10 އަކަށް ތިރިކޮށްލަން ކެރޭނެތަ!

ވިއްކި ވަޒީރުކަން ވަތްކެއް ނުކުރެވޭނެ!

މުއިއްޒު ސަރުކާރުގައި ގިނައީ ގަނެފައިވާ ސިޔާސީ މަގާމްތައް ކަމަށް ވެއެވެ. އޭގެތެރޭގައި ވަޒީރުކަމުން ފެށިގެން ސްޓޭޓް މިނިސްޓަރ ކަމާއި ވަޒީރުންގެ ނައިބުކަން ވެސް ހިމެނެއެވެ. ކުންފުނިތަކުގެ އެމްޑީ ކަމާއި ސީއީއޯ ކަމާއި ބޯޑު މެންބަރުކަންވެސް ވިއްކާފައި ހުރިކަމަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވެއެވެ. 

ބޮޑެތި ކުންފުނިތަކުންނާއި ފައިސާވެރިން މުއިއްޒު ސަރުކާރުން ސިޔާސީ މަގާމު ގަނެފައި ހުރިކަމަށް ވެއެވެ. ރިޔާސީ ކެންޕޭނުގެ ޑީލްގެ ގޮތުގައިވެސް ބައެއް މަގާމު ދީފައި އެބަހުއްޓެވެ. އެހެން ނޫނަސް ސިޔާސީ މަގާމުތައް ލިބޭނީ ކޮންމެވެސް ބަޔަކަށްތާއެވެ. އެއްޔަކީ މާބޮޑު މައްސަލައެއް ނޫނެވެ. 

މައްސަލައަކީ ބައި މިލިޔަން ހަމަ ނުވާ ކުޑަކުޑަ ގައުމެއްގައި 22 ވުޒާރާ ހަދައިގެން ސަރުކާރު ހިންގަން އުޅުމެވެ. މުއިއްޒު ވެރިކަމަށް އައީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނެވެ. އެމްޑީއޭއާއި އެކު ކޯލިޝަން ދެވަނަ ބުރުގައި ހެދި ނަމަވެސް އެމްއެންޕީއާއި ޖުމްހޫރީއައި ދަލުބޭރުން ޖެހިގެންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއާއި ޖުމްހޫރީއަށް ލިބުނު ހުތުރު ނަތިޖާއާއިއެކު އެ މީހުން ބައިވެރިކޮށްގެން ސަރުކާރު އެކުލަވާލިކަމީ މުއިއްޒުގެ ރަނގަޅުކަމެވެ. ނަތީޖާއެއް ބަދަލު ކުރެވޭވަރުގެ ބުރަދަނެއް ހުރި ބަޔަކަށް ގާސިމުމެން ނުވިއެވެ. 

ކުރީގެ ސަރުކާރުތަކާއި ހިލާފަށް ގައުމުގެ ހާލަތަށް ރިއާޔަތްކޮށްފައި ކުޑަ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ކިތަންމެ ރަނގަޅަށްވެސް މުއިއްޒަށް ލިބުނެވެ. އެކަމަކު މުއިއްޒު އެ ވިސްނުމެއް ނުގެންގުޅުނެވެ. އެކުލަވާލީ އަތްގުޅި ނުކާވަރުގެ ބިޔަ ބިލާދަރު ސަރުކާރެކެވެ. ވެރިން ލިބުމުން މުއިއްޒަށް ހީވީ ދުނިޔެ ރަންވިހެންނެވެ. ކެބިނެޓްގައި 22 ވަޒީރުންނާއި ވަޒީރު ފެންވަރުގައި ފަންސާހަކަށް މީހުން އައްޔަނު ކުރީއެވެ. އެހެން ސިޔާސީ މަގާމުތަކުގެ ވާހަކަ އެހަށް ބާއްވާނަމެވެ. 

ހަމައެކަނި 22 ވުޒާރާއަށް ބަލާލަމާ ހެއްޔެވެ. ކޮންމެ ވުޒާރާއެއްގައި ވަޒީރުން ފެންވަރުން ފެށިގެން އެތައް ދަރަޖައެއްގެ ސިޔާސީ މުއައްޒަފުންގެ އަދަދު އިންތިހާއަށް މައްޗެވެ. ފޮރިން މިނިސްޓްރީގައި ހައްދެއްނެތެވެ. ސްޕޯޓްސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އެވަރެވެ. ކުރާނެކަމެއް އިށީންނާނެ ތަނެއް ނެތި ބޮޑު މުސާރަދޭ އެތައް ސަތޭކަ ބައެކެވެ. 

22 ވުޒާރާ ހިންގުމަށް ބޭނުންވާ ސިވިލް މުއައްޒަފުންނާއި އޮފީސް ސްޕޭސް އާއި ކަރަންޓާއި ހިންގުމުގެ އާއްމު ހަރަދާއި އިދާރީ މުސާރައާއި އިނާޔަތްތަކަށް މަހަކު ހިގާނެ ހަރަދު އޮތީ ހިތައް އަރުވާލުމެވެ. މިހާވަރުގެ ބޮޑު ބިޔަ އޮނިގަޑެއްނެތި މިފަދަ ޓެކް ޒަމާނެއްގައި ސަރުކާރެއް ހަމަ ނުހިންގޭނީ ހެއްޔެވެ. ހަރަދު ކުޑަކުރުމުގެ ހެޔޮ ނިޔަތް އޮތްނަމަ 22 މިނިސްޓްރީން ކުރާ ހުރިހާ މަސައްކަތެއް ދިހަވަރަކަށް ވުޒާރާއަށް ފައްތާލައިގެން ހިންގުމުގެ ހަރަދު ކުޑަކުރާނެއެވެ. އެހެނަސް މުއިއްޒު އެކަމެއް ނުކުރާނެއެވެ.