ގޭންގުކުށުގެ ގާނޫނުހަދަނީ ގޮށްމުށުން ވެރިކަންކުރަން!

5މީހުން އެއްވެލާފާ އިދިކޮޅު ޕާޓީތަކަކީ ގޭންގްތަކެއްކަމަށް ނިންމޭނެ!

ގޭންގުކުށުގެ ގާނޫނުހަދަނީ ގޮށްމުށުން ވެރިކަންކުރަން!

ހަތަރެސްކަން ހަމަވީއެވެ. ގޭންގްކުށް ނައްތާލުމަށް ހަދާ ގާނޫނު އެކަނިވެސް މުއިއްޒު ގޮށްމުށުގެ ވެރިކަމެއް ކުރުމަށް ފުދޭނެއެވެ. ވާދަވެރި ސިޔާސީ ހަރަކާތް ނައްތާލާ ވާދަވެރި ސިޔާސީވެރިން ފައްތާލާނެ ރަނގަޅު ގޮޅިއަކަށް ހަދަންއުޅޭ ގޭންގުކުށް ނައްތާލުމުގެ ގާނޫނު ފުދެއެވެ. 

ގޭންގަކީ ކޮބައިކަމާއި ގޭންގެއް ކަމުގައި ބެލޭނެ މިންގަނޑުތައް ކަނޑައެޅިފައި އޮތުމަކީ ރަނގަޅު ކަމެކެވެ. ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާން ކުރެވިފައި ވެސް އޮތުމަކީ މުހިންމު ކަމެކެވެ. ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި އެފަދަ ކުށަށް ދެވޭނެ އަދަބު ވެސް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. އެހެން ނަމަވެސް މީހަރު ފާސްކޮށްގެން ހިންގަން އެ އުޅެނިއްޔަކީ ގޭންގްކުށް ނައްތާލުމަށް ފާސްކޮށްގެން ހިންގަން އުޅޭ ގާނޫނެއް ނޫނެވެ. 

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ ޑްރާފްޓްގައި އޮތް ގޮތަށް އެ ގަނޫނު ފާސްވެއްޖެނަމަ ހުއްޓޭނީ ގޭންގް ކުށެއް ނޫނެވެ. ހުއްޓޭނީ އިދިކޮޅު ސިޔާސީ ހަރަކާތެވެ. ގޭންގްކުށް ހުއްޓުވުގެ ހެޔޮ ނިޔަތް އޮވެގެން ކުރަން އުޅޭކަމެއް ނަމަ ގޭންގަކީ ކޮބައިކަމާއި ގޭންގް މެންބަރުން ކަނޑައަޅަން ތިބޭނިއްޔަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލު ދަށުގައި އެޅިހާ ބަތަކަށް ރިހަ އަޅަން ތިބޭ ބައެއް ނޫނެވެ. 

"ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ ޑްރާފްޓްގައި ވާގޮތުން ގޭންގު ލީޑަރުން އަދި ގޭންގު މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާ ކޮމެޓީގައި ހިމެނޭނެ މެންބަރުންނަކީ:

  • ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރު.
  • ކޮމިޝަނަރ އޮފް ޕޮލިސް.
  • ޗީފް އޮފް ޑިފެންސް ފޯސް.
  • ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސްވެރިޔާ.
  • ސިފައިންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސްވެރިޔާ އެވެ.

އެހެން ކަމަށް ވަންޏާ އޭގައި ސިޔާސީ ކުލަ ނުޖެހި ސިޔާސީ ވާދަވެރިކަން ނެތިދާނެ ގޮތަކީ ނެތް ގޮތެވެ. ސިޔާސީ ވާދަވެރިކަން މާ ބޮޑުވެއްޖެނަމަ ބުނެވިދިޔަ ފަސް މީހުން އެއްވެލާފައި އިދިކޮޅު ސިޔާސީ ޕާޓީ ތަކަކީ ގޭންގް ތަކެއް ކަމަށް ކަނޑަނާޅާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އެކަމަށް ބާރު ލިބެނީ އިންތިހާބީ މަގާމެއްގައި ހުރި މީހަކީ ގޭންގް މެންބަރެއް ކަމަށް ކަނޑައަޅާ ތާރީހުން ފެށިގެން މަގާމު ގެއްލޭ ގޮތަށް ގާނޫނެއް ޑްރާފްޓްކޮށްގެން އުޅޭ އުޅުމުންނެވެ. އެންމެ ބިރުވެރި ކަމަކީ އެ ފަސްމީހުން އެއްވެލާފާ ރައީސުލްޖުމްހޫރިއްޔައަކީ ގޭންގް ލީޑަރެއް ކަމަށް ކަނޑައަޅައިފިނަމަ ވަގުތުން މަގާމް ގެއްލޭނެ ތީއެވެ. 

ރައީސް ކަމުގައި ހުންނަ މީހެއްގެ ފަސް ޕަޕެޓުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ނިންމާ ނިންމުމަކުން އެތައް ރައްޔިތުންގެ އިންތިހާބީ ހައްގަށް އަރައިގަނެ މަގާމު ގެއްލުވާލެވޭ ގޮތަށް އޮންނަ ގާނޫނަކީ ގާނޫނެއް ނޫނެވެ. ސަރުކާރާ ވާދަވެރި ކޮންމެ ސިޔާސީ ޕާޓީއަކީ ގޭންގެއް ކަމަށް ކަނޑައަޅާ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާ ސިޔާސީ ވާދަވެރިންގެ އިންތިހާބީ މަގާމު ގެއްލުވާލާ ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލުމަށް ގޭންގްކުށް މަނާކުރާ ގާނޫނުގެ ބޭނުން ނުހިފާނެ ކަމަށް ބެލެވޭކަށް ނެތެވެ. 

މިހާރުގެ ހާލަތަށް ބެއްޔަސް ރައީސް މުއިއްޒު ބޭނުންވެއްޖެ ނަމަ އެމްޑީޕީއާއި ޕީއެންސީއަކީ ގޭންގްތަކެއް ކަމަށް އެއްކަލަ ޕަޕެޓުން ލައްވާ ކަނޑައަޅާ އެމްޑީޕީގެ ކައުންސިލަރުންނާއި މޭޔަރުންނާއި މަޖިލިސް މެންބަރުންގެ އިންތިހާބީ ގޮނޑި ގެއްލުވާލާ ޖަލަށް ލެވިދާނެއެވެ. އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަކީ ގޭންގް ލީޑަރުންނަށް ހަދާ އިދިކޮޅު ސިޔާސީ ވާދަވެރިން ވުޖޫދުން ފުހެލެވިދާނެއެވެ. 

ކަމަކީ ސަމާސާ ކަމެއްނޫނެވެ. ނުރައްކަތެރި ބިރުވެރި ކަމެކެވެ. ގާނޫނު އެގޮތަށް ފާސްކޮށްގެން އަމަލުކުރަން ފަށައިފިނަމަ ސަރުކާރަށް ފަންދްކުރާ ހަގީގީ ގޭންގްތައް ފޮރުވި އެ ގޭންގްތަކުގެ ލީޑަރުން ތިބެނީ މުޖުތަމައުގައެވެ. ޖަލުތައް ފުރާލާނީ ބާރުހުރި މީހުންގެ ދެކޮޅުވެރިންނާއި ސިޔާސީ ވާދަވެރިން އަޅައެވެ. 

ޝަރުއީ ހުކުމެއްނެތި ވާދަވެރި ސިޔާސީ ވެރިންގެ މަގާމު ގެއްލުވާލަން ބޭނުންކުރާ ހަތިޔާރަކަށް ގޭންގްކުށް މަނާކުރާ ގާނޫނު އެސިފައިގައި ހެދިޔަ ނުދިނުމަށް މުޅި ގައުމު ތެދުވަން ޖެހެއެވެ. މުޅި ނިޒާމު ފުނޑާލުމުގެ ބާރު ރައީސް އައްޔަނުކުރާ ވަކި ފަސް މިީހަކަށް ދީގެން ގޮށްމުށުގެ ވެރިކަމަކަށް ދާން މުއިއްޒަށް ފުރުސަތު ދީގެން ބަލަހައްޓައިގެން ތިބެވޭކަށް ދެންނެތެވެ.