އިންޑިއާ ސިފައިނެއް ނޫން ހަލް - އެމްއެންޑީއެފެއް ނޫން ސިފްކޯ

"ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން" ގައްސާން

އިންޑިއާ ސިފައިނެއް ނޫން ހަލް - އެމްއެންޑީއެފެއް ނޫން ސިފްކޯ

ރާއްޖޭގައި ދުއްވާ އިންޑިއާގެ ދެހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާނީ ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް) އިންކަމުގައި ހީރަސް ނިއުސް ވާނީ އިއްޔެ ހަމަ ކޮށްފައެވެ. އެކަން ރާއްޖޭގެ ދިފާއީވަޒީރު މިއަދު އެވަނިީ ކަށަވަރުކޮށް ދެއްވާފައެވެ.

ރާއްޖޭގެ ދިފާއީ ވަޒީރު ގައްސާނު މައުމޫނު ވިދާޅުވިގޮތުގައި "އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން" އެވެ. ދިފާއީ ވަޒީރު އެހެން ވިދާޅުވާއިރު އަސްކަރީ އުޅަނދު ފަހަރަކީ އަސްކަރީ ތަމްރީނު ހަދާ ހުވާކޮށްގެން ތިބި އަސްކަރީންނަށް ނޫނީ ދުއްވޭނެ އެއްޗެއް ނޫންކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލި ކަމަށްވަނީ އިންޑިއާގެ އަސްކަރީ އުޅަދުތައްވެސް ފޮނުވާލުމުން ކަމަށް ގިނަބަޔަކު ދެކެއެވެ. ޔުނީފޯމް އަޅައިގެން ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އަސްކަރީ އުޅަނދުތައް ދުއްވަން މަދަނީ މީހުންގެ ނަމުގައި ގެނައިވެސް އަސްކަރީންނެވެ.

ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުންނޭ ގައްސާނު ވިދާޅުވާއިރު އެ ވިދާޅުވާ ކުންފުންޏަކީ އިންޑިއާގެ ދިފާއީ ވުޒާރާގެ އެއް ފިޔައެވެ. އަސްކަރީ ވައިގެ އުޅަނދު ފަހަރާއި އާލާތް އުފައްދާ އަސްކަރީ ކުންފުންޏެވެ. ކުންފުނީގައި މަސައްކަތް ކުރަނީ އަސްކަރީ ސިއްރުތައް ހިފަހައްޓާން ހުވާކޮށްގެން ތިބި އަސްކަރީ ފަންނާނުންނެވެ. އާއްމު މަދަނީ މީހުނެއް ނޫނެވެ. 

އަސްކަރީ ވައިގެ އުޅަނދު ފަހަރާއި އާލާތް އުފައްދާ އަސްކަރީ ވިންގުގައި މަދަނީ ބޯޑް އަޅުވާފައި އޮންނަނީ ގަނެވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ސީދާ ދިފާއީ ވުޒާރާ ނުވަނުމަށްޓަކައެވެ. ވައިގެ މަގުން އިންޑިއާގެ އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާ (ރޯ) އަށް ބޭނުންވާ މައުލުމާތު ހޯދާ ރައްކާކޮށް ބަދަލުކުރާ އެންމެ ޒަމާނީ ވަސީލަތާއި ޓެކްނޮލޮޖީއާއި ސްފްޓްވެއަރ އުފައްދާ ޑިވްލޮޕްކޮށް ފޯރުވާދެނީ ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް)އިންނެވެ. 

ތިބި އިންޑިއާ ސިފައިންކޮޅު ފޮނުވަލާފާ މަދަނީންގެ ނަމުގައި މިގެނައީ ހަގީގަތުގައި މާ ނުރައްކާތެރި ބައެކެވެ. ހިންދުސްތާން އެއޮރޯނޮޓިކްސް ލިމިޓެޑް (ހަލް)އެވެ. ސަރުކާރުން އެބުނަނީ އެއީ ސިފައިން ނޫންކަމަށެވެ. ސަރުކާރުން އެބުނާ ބުނުމަކީ ދިވެހި ސިފައިންނެއް ނޫނޭ ސިފްކޯއޭ ބުނުން ކަހަލަ ވާހަކައެކެވެ.