އެމްއޭސީއެލް 1.5 މިލިއަން ޑޮލަރގެ ސްކޭމެއްގައި!
ދައުލަތަށް އެއްވެސް މަންފާއެއް ނެތި ހޭދަކުރި 1.5 މިލިޔަން ޑޮލަރު
ވައިގެދަތުރު ފަތުރާގުޅޭ ގުޅޭ ސްކޭމެއްގެ ޝިކާރައަކަށް އެމްއޭސީއެލް ވެއްޖެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ. ސްކޭމްގެ ތެރެއަށް ރާއްޖޭވަނީ އޭވިއޭޝަން ކޮންފަރެންސްގެ ނަމުގައި ބޭއްވި ކޮންފަރެންސެއް އެމްއޭސީއެލުން 1.5 މިލިޔަން ޑޮލަރަށް ސްޕޮންސަރ ކޮށްގެނެވެ.
އޭވިއޭޝަން ކޮންފަރެންސްގެ ނަމުގައި ހިންގި ސްކޭމް ހިންގީ އެއަރ ސާވިސް ވޯލްޑް ކޮންގްރެސް ކިޔާ ކުޑަކުޑަ ކުންފުންޏަކުންނެވެ. އެއަރ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމަންޓްސް ލިމިޓެޑް ގެ ދަށުން އުފެދިފައިވާ ކުޑަކުޑަ ކުންފުންޏެކެވެ. އޮންނަނީ އިިގިރޭސި ވިލާތުގެ މެންޗެސްޓާގައެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން އިންޑަސްޓްރީއަށް އެކޮންފަރެންސްގެ ކުޑަވެސް ހިލަމެއް ވެފައިވާ ކަމަކަށް ނުވެއެވެ. މަދު ބަޔަކު ބައިވެރިވި މިކޮންފަރެންސަށް ދައުވަތު ލިބުނު އެއްވެސް ތަކުން އެތަނެއްގެ އިސްވެރިއަކު ދިޔަކަމަކަށް ނުވެއެވެ. ހުރިހާ ތަނަކުންހެން ފޮނުވީ އެތަންތަނުގެ ޖޫނީއަރ މުއައްޒަފެކެވެ. ދިޔަމީހަކު ދިޔައީ ވާހަކަ ނާހާ ބަޔަކު ކުރާކަމެއް ވީމާ ވާނުވާ ބަލާލުމަށެވެ.
ސްކޭމަރުން ކޮންފަރެންސްގެ މައުލޫމާތު ހިއްސާކުރި ހުރިހާ ބްރޯޝަރއެއްގައި ބޭނުންކޮށްފައިވަނީ އެމްއޭސީއެލްގެ ނަމެވެ. އެމްއޭސީއެލްއަކީ އެ ކޮންފަރެންސް އިންތިޒާމުކުރި ފަރާތަށް ނުވާއިރު އެމްއޭސީއެލްގެ ނަން ބޭނުންކުރީ އޮޅުވާލުމަށެވެ. ދުނިޔޭގެ އޭވިއޭޝަން އޮތޯރިޓީތަކާއި އިންޑަސްޓރީގެ އިތުބާރު ލިބިފައިވާކަން ދެއްކުމަށްޓަކާ ސްކޭމަރުން ދައުވަތުތައް ފޮނުވީ އެމްއޭސީއެލްގެ ނަމުގައިކަމަށް ވެއެވެ.
އެއަރ ލައިންތަކާއި ޓްރެވަލް އެޖެންޓުންގެ ކުޑަވެސް އިތުބާރެއް ލިބިފައިނުވާ ބަޔަކު ހިންގި ސްކޭމެއްގައި އެމްއޭސީއެލް ޖައްސައިގެން ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީއާއި އިގްތިސާދަށް އެއްވެސް މަންފާއެއް ނެތް ކަމަކަށް 1.5 މިލިޔަން ޑޮލަރު ދީގެން ބޮޑު ސްކޭމެއް ހިންގުމުގެ އަޑީގައި ސަރުކާރުގެ އިސްވެރިންތަކެއްގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވެއެވެ. ސްޕޮންސަރއަށް ދިން ފައިސާގެ ބޮޑުބައެއް އެބައެއްގެ ޖީބަށް ވަދެފައިވާކަން އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރުކޮށްދެއެވެ.
މުއިއްޒު ސަރުކާރުން ދައުލަތް ދަވާލުމުގައި ސްކޭމަރުންގެ ބޭނުން ވަރަށް ބޮޑަށް ކުރެއެވެ. ކަމެއް ދަމެއްނެތް ސްކޭމް ކުންފުނިތަކާއި ފޭކް މެގަ ޕްރޮޖެކްޓްތަކާ ގުޅިގެން މިލިޔަން މިލިއަނުން ދިވެހި ދައުލަތް ދަވާލުމަކީ މުއިއްޒު ސަރުކާރުގެ ސިޔާސަތެވެ. ރަސްމާލެއާއި ގުޅީފަޅު ޕޯޓާއި ތިނަދޫ އެއަރޕޯޓް ޕްރޮޖެކްޓް ފަދަ އެތައް ޕްރޮޖެކްޓެއް ގުޅިފައިވަނީ ސްކޭމަރުންނާއި އެފްރިކާ ބައްރުގެ ފޭކް ޕްރިންސުންގެ އީމޭލާއެވެ.