ޔުނީފޯމް ނާޅަންޏާ މުއިއްޒަށް އިންޑިއާ ސިފައިން އޯކޭ!
މުއިއްޒެއް ކަމަކު ދިވެހި ރައްޔިތުންނާ ބަތް ކައްކާ ކުޅެން ނޫޅޭ
ބަވަނަވެތި ދުނިޔޭގައި އެއްގައުމެއްގައި ނެތް ގާބިލުކަން ހުރި ގައުމަކުން ހޯދާ ވަސީލަތް ނެތް ގައުމުތައް ފައްކާ ކުރުމަކީ އަދުގެ ދުނިޔޭގެ ހަގީގަތެވެ. ގައުމުތައް ގުޅިގެން ޓެރެރިޒަމާއި ވަގުވިޔަފާރިއާއި ޑްރަގާއި ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތް ކުރަނީ ސިއްރަކުން ނޫނެވެ. އެއްބައެއްގެ ގާބިލުކަން ހުންނަވަރަކުން އަނެއް ބަޔަކަށް އެހީތެރި ވުމަކީ އަދުގެ ދުނިޔެ ފައްކާވަމުން އަންނަ ގޮތެވެ.
ވަގަށް ހަތިޔާރާއި ޑްރަގާއި ތެޔޮވިއްކުމާއި ކަނޑުފޭރުމުގެ ކާރޫބާރު އެންމެ ގަދަޔަށް ހިގާ އެއް ސަރަހައްދަކީ އިންޑިއާކަނޑެވެ. އިންޑިއާ ކަނޑުގައި ހިންގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް އިންޑިއާ ކަނޑު ހިއްސާ ކުރާ ގައުމުތައް ގުޅިގެން ބައިނަލް އަގުވާމީ ގުޅުމުގެ ތެރެއިން ފަހަކަށް އައިސް ގިނަގުނަ މަސައްކަތް ތަކެއް ކުރެވެއެވެ. އިންޑިއާ ކަނޑު ހިއްސާކުރާ ގައުމު ތަކުގެ ތެރެއިން ހުރިހާ ގޮތަކުން އިންޑިއާގެ ގާބިލުކަން އެހެން ހުރިހާ ގައުމަކަށް ވުރެ ބޮޑެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމުގެ މަސައްކަތުގައި އިސް ދައުރު އަދާކުރަނީ އިންޑިއާއެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދީ ދުވަހުން ދުވަހަށް ހިންގަންޖެހޭ ހަރަކާތްތައް އިންޑިއާއިން ހިންގާދެއެވެ. އެގޮތުން ރާއްޖޭގައި ދެހެލިކޮޕްޓަރާއި ޑޯނިއަރ ބޯޓެއް ބާއްވައިގެން އެ އޮޕަރޭޝަން ރާއްޖެއަށް އިންޑިއާއިން ހިންގާދެނީ އެހެން ވެގެންނެވެ. އެވަރުގެ އޮޕަރޭޝަނެއް ހިންގުމަށް މާލީ ބޮޑު ހޭދައެއް ކުރުމަށްވުރެ އެހެން ކަންކަމަށް ރައްޖޭން ކުރަންޖެހޭ ހަރަދު ގިނަވެފައި ބޮޑެވެ. އެހެން ކަމުން އިންޑިއާއިން އެ ޒިންމާ އަދާކޮށް ދިނުމަކީ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ލުއި ހަރަދު ކުޑަ ފައިދާ ބޮޑު ކަމެކެވެ. އަނެއްކޮޅުން ސާރޗް އެންޑް ރެސްކިއު އޮޕެރޭޝަނަށް ބޮޑު ހަރަދެއް ނުކޮށް އިންޑިއާއި އެ ހިދުމަތް ލިބުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެތައް ބައެއްގެ މުދަލާއި ފުރާނަ ސަލާމަތް ކޮށްދޭ ކަމެކެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަނުގައި ރާއްޖެ އޮތް ތަނުގެ ގޮތުން ރާއްޖެއަކީ ވަރަށް މުހިންމު ތަނެކެވެ. އެހެން ކަމުން ރާއްޖޭގައި އެ އޮޕަރޭޝަން ހިންގުން އިންޑިއާއަށް މުހިންމުވަނީއެވެ. އެނޫން ބޭނުމެއް އިންޑިއާއަކަށް ރާއްޖޭގައި ނެތެވެ. ބުނެވުނު އެއްޗެއް ވީމާ ބަސް ގަދަކުރަން ގައުމު ނުރައްކަލަށް ވައްޓާލައިގެންވެސް މުއިއްޒު ބޭނުން ވަނީ ނަމެއްގައި އިންޑިއާ އައުޓް ކުރާށެވެ.
މުއިއްޒެއް ކަމަކު ދިވެހި ރައްޔިތުންނާ ބަތް ކައްކާ ކުޅެން ނޫޅޭށެވެ. ގައުމުގެ މިނިވަންކަން ގެއްލޭތީ ތެޅިފޮޅުނު މުއިއްޒަށް އިންޑިއާގެ ޑޯނިއަރ ފްލައިޓާއި ދެ ހެލްކޮޕްޓަރުން ހިންގާ އޮޕަރޭޝަން ހިންގަން އިންޑިއާ ބަޔަކު ތިއްބަސް މިހާރު އޯކޭއެވެ. އިންޑިއާ ސިފައިންގެ ޔުނީފޯމް ލައިގެން ބަޔަކު ނުތިބެނިކޮށް އިންޑިއާ ސިފައިން އައުޓް ވީކަމަށް މުއިއްޒަށް ވީއެވެ.
ޕޯޑިއަމަކަށް ހުއްޓެވުނީމާ ރާއްޖެއަކީ މިނިވަން ގައުމެކޭ އެއްގައުމަކަށް ބަރޯސާއެއް ނުވާނަމޭ ސިޔާދަތޭ ރަތްރޮނގޭ ކިޔާއިރު ހުންނަނީ އޮށްދާހިއްލާ މޭގަނޑު އަނގަޔަށް އަންނަ ވަރަށް ބިރުގެންފައެވެ. އެވާގޮތެއް ނޭނގެއެވެ. އެކަމަކު ގޯހެއް ނޫނެވެ. މުއިއްޒުގެ ހަމައިން ރައީސް ޔާމީނު ވެސް މިނިވަންކޮށްފިއެވެ. މިހަރު އިންޑިއާ ސިފައިން ބާލާ ނިންމަނީއެވެ. އާނއެކެވެ. ޔުނީފޯމް އަޅައިގެން ނޫޅެންޏާ ސިފައިންނަކަށް ނުވާނެތާއެވެ.
މުއިއްޒުގެ ހަމައިން ރައީސް ޔާމީނު މިނިވަން ކުރިޔަސް ބަންދުގައި ހުންނަވާހެން އިންޑިއާ ސިފައިން ބޭލުންވެސް ޖެހެނީ އެއްތާނގައެވެ. މުއިއްޒު ބަލާ ގޮތަށް އިންޑިއާ ސިފައިން ބޭލީމާ އިންޑިއާގެ ޑޯނިއަރ ފްލައިޓާއި ދެ ހެލްކޮޕްޓަރުން ހޯދާ އެއްކޮށް ފޮނުވަމުންދާ މައުލޫމާތު ބަރާބަރަށް އިންޑިއާއަށް ލިބިލިބި ހުންނާނެއެވެ. ތިބި އިންޑިއާސިފައިން ޔުނީފޯމް އެޅުން ހުއްޓުވާފާ އިންޑިއާ ސިފައިން ބޭލުނު ކަމަށް ބުނެ ހަވާ އެރުވީމާ ހުންނަނީ އިންޑިއާ ސިފައިން ރަނގަޅަށް ބޭލިފައެވެ.