ޑިކްޓޭޓަރ މުއިއްޒު އެމްޑީޕީން ސައިޒުކޮށްލާނެ!
ގެއްލުންތައް ފޫބައްދާ އިތުބާރު އުފައްދާ ފާރުހިކެން ވަގުތު ނަގާނެ
މިހާރަކަށް އައިސް މާގަދައަށް އިވޭ އަޑެކެވެ. ކަންބޮޑުވުމާއެކު ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ގިނަ ބަޔަކު އެސުވާލެއްގެ ޖަވާބަކަށް ކެތްމަދުވެގެން އުޅޭ ސަބަބެއްވެސް އޮންނާނެތާއެވެ. ޖަވާބު ނުލިބެގެން އުޅޭ ސުވާލަކީ އެމްޑީޕީއަށް ދެންވަނީ ކިހިނެއް ހެއްޔެވެ.
ރާއްޖޭގައި ޕާޓީތައް އުފެދި ވައިވެ ވަޅުޖަހާ އުވިގެން ހިނގައްޖެއެވެ. އުވިދިޔަ ޕާޓީތަކާއި ވާގިނެތި ހަކަތަ ހުސްވެފައި އޮތް ޕާޓީތަކާމެދު މީހުންގެ ހިތުގައި ސުވާލު އުފެދި ކަންބޮޑުވެގެނެއް ނޫޅެއެވެ. އެހެންވީއިރު އެމްޑީޕީއާއި މެދު ކަންބޮޑުވުން އުފެދި ސުވާލު އުފައްދާނީ އެމްޑީޕީއާ މެދު މީހުންކުރާ އުންމީދުތަކެއް އޮވެގެންނެވެ.
ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ މަންމަޔަކީ އެމްޑީޕީ ކަމަށްވުމީ އޭގެ އެއްސަބަބެވެ. ރާއްޖެ ބަދަލުކޮށްލި ސިޔާސީ ފިކުރަކީ އެމްޑީޕީ ކަމަށްވުމެވެ. ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ވައްޓަފާޅި އަށަގެންނެވި ޕާޓީއަކީ އެމްޑީޕީއަށް ވުމެވެ. އެމްޑީޕީއާއި މެދު ގިނަބަޔަކު ކުރާ އުންމީދު ތަކެއް އޮތުމަކީ އެމްޑީޕީއަށް ވާނެގޮތް އެނގެން ބޭނުންވާ ސަބަބެވެ.
ވަކި މީހަކަށް ބާރުވެރިކަން ހޯދާދިނުމަށް ސިޔާސީ މަސައްކަތެއް މިހާރަކު އެއްވެސް ބަޔަކަށް ނުކުރެވޭނެއެވެ. މީހުންގެ ބައިވެރިވުމާއި ހަރަކާތް މިހާރު ގުޅިފައި އޮންނަނީ ކުރިން އޮތް އަސާސުތަކުގެ މައްޗަކަށް ނޫނެވެ. މަށަށް ލިބެނީ ކޮން އެއްޗެއްތޯ ނުބަލާ މަ ކޮށްދޭނީ ކޮންކަމެއްތޯ ބަލައިގެން ސިޔާސީ މަސައްކަތް ކުރިޒަމާން މާޒީވެއްޖެއެވެ. ކުރެވުނު ކަންކަމާ ނިކުތް ނަތީޖާއަޅާ ކިޔުމަށްފަހު ވިސްނުމާ ފިކުރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަމަކާ ދެކޮޅަށް އެމްޑީޕީ ތެދުވެ ކަންކަން ކުރިގޮތަށް އޭގެ ވިހި އަހަރު ފަހުން ކަންކަން ކުރެވޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ. މަގުމަތީ މުޒާހަރާތަކާއި މަދަނީ ބަސްނޭހުންތައް މީހުނަށް އޭރު އަލަސް މިހާރަކު އެއިއްޔަކީ އައު ކަންކަމެއް ނޫނެވެ. އަމްދުން ވެރިކަމާއި އާރާބާރު ލިބުމުން ވެރިކަމުގައި ވަކި މީހަކުނެތިގެން އެތެރޭން ވެރިކަން ހަރާބުކޮށްލުމަށް ކުރެވޭ މަސައްކަތުން ލިބޭ ގެއްލުންތައް ފޫބައްދާ އިތުބާރު އުފެއްދުމަކީ ފަސޭހަކަމެއް ނޫނެވެ. ފާރުހިކެން ވަގުތު ނަގާނެއެވެ.
ދަނޑިވަޅުބަލާ ވާދަވެރިން އެނގަކުރި ހިފުމުން މިހާރަކު އެމްޑީޕީއެއް ނެތޭވެސް ބަޔަކަށް ހީވެދާނެއެވެ. އެހެނަސް އުފެއްދިހާ ފިތުނައާއި ދިންހާ ގެއްލުމާއެކުވެސް ދެވަނަ ބުރުގައި އެމްޑީޕީ ބަލިވީ އެއްލައްކަ ނުވަހާސް ވޯޓާއެކުގައެވެ. މޮޅުވި ޕީއެންސީ މޮޅުވީ 15 ވަރަކަށް ހާސް ވޯޓުގެ ތަފާތުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަލިވި އެހެން ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި އެންމެ ކައިރީގައި 15 ހާހެއްހާ ވޯޓު ލިބިގެން އޮތީ އެމްޑީޕީން ވަކިވެގަތް ދަ ޑިމޮކްރެޓްސްއެވެ. ދެވަނަ ބުރުގައި އެމްޑީޕީއަށް ގެއްލުނީ އެ 15 ވަރަކަށް ހާސް ވޯޓުކަން ކިތަންމެހާވެސް ސާފެވެ. އެކަމުން އެނގި ކަށަވަރުވީ އެމްޑީޕީ ވީ ބައްޔަކީ ވަކި މީހަކު ނޫނީ ވެރިކަމުގައި ހުރުމަށް ނުރުހުނު ބަޔަކު އެމްޑީޕީގެ ސިޔާސީ ބާރު ކަނޑުވާލާ ރޫޅާލަން އެތެރެއިން ކުރި މަސައްކަތުގެ ނަތީޖާކަމެވެ. އެމްޑީޕީގެ ކުރި މަގާމެދު ސުވާލު އުފައްދާ ޝައްކު އުފައްދަނީ އަދިވެސް އެބައިގަޑެވެ.
ވަޒިފާއާއި ނުފޫޒާއި ހައްދެއްނެތް ވަރަށް ރިޝްވަތު ދީގެން ފާޅުގައި ސަރުކާރުން ކެންޕޭން ކުރަނިކޮށް އެމްޑީޕީގެ ޓިކެޓަށް 59 ހާސް ވޯޓު ލިބި މަޖިލީހުން 12 ގޮނޑި ލިބުމުން އެމްޑީޕީ މަރާ ނުލެވޭކަން މާބޮޑަށް ސާފެވެ. ރަގަޅަށް ތައްޔާރުވެގެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ މުއިއްޒުގެ ހުދުމުހުތާރުކަން ކަނޑުވާލާތަން ފެންނާނެއެވެ.