އިނާޔަތާ ރައްކާތެރިކަން ދެނީ އަބުރު ކަތިލާކަށް ނޫން!

އަބުރާ ބެހުމުގައި ރައީސް ނަޝީދު އުޅެނީ މަދެއް ސުމާރެއްކޮށް ނޫން

އިނާޔަތާ ރައްކާތެރިކަން ދެނީ އަބުރު ކަތިލާކަށް ނޫން!

ދައުލަތުން ހާއްސަ ރައްކާތެރިކަމާއި އިނާޔަތް ދީފައި ތިބޭ މީހުންނަކީ އާދައިގެ ބައެއް ނޫނެވެ. އެ މީހުނަށް ރައްކާތެރިކަމާއި އިނާޔަތް ދީފައި ތިބެނީ ދައުލަތުގެ ވަރަށް ބޮޑެތި މަސްލަހަތު ތަކެއް ހިމާޔަތް ކުރުމަށެވެ. ދައުލަތުން އެ މީހެއްގެ އިނާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ޖެހޭ ފަދައިން އެ މީހަކު ވެސް ދައުލަތަށް ކަށަވަރު ކޮށްދޭންޖެހޭ ކަންކަން ހުރެއެވެ. މަސްއޫލިއްޔަތު ތަކަކާއި ވާޖިބުތަކެއް ހުރެއެވެ. ދުނިޔެވީ ހަމައިން ވެސް އެ މީހަކު އިހުތިރާމްކޮށް ނަގަހައްޓަން ޖެހޭ ކަންކަން ހުރެއެވެ. 

ޒިންމާއާއި ވާޖިބާ ނުލާ ހައްގެއް އިމްތިޔާޒެއް ނޯވެއެވެ. ކިތަންމެ ބޭނުން ނޫނަސް އަދި ބޭނުން ވިޔަސް ކުރަން ނުވާނެ ކަންކަން ހުރެއެވެ. ރައީސަކަސް ކުރީގެ ރައީސަކަސް އުއްތަމަ ފަނޑިޔާރަކަސް މަޖިލިސްގެ ރައީސަކަސް އެކަމުގައި ތަފާތެއް ނެތެވެ. ރައީސް ކަމުގައި ހުރީ ކުރީގެ ރައީސް ކިތަންމެ ގަޔާނުވާ މީހަކަސް އިދިކީލި ވުމުގައި މަގާމުގެ ހުރުމަތަށްޓަކައި ނުކުރެވޭނެ ކަންކަމާ ކުރަން ނުވާނެ ކަންކަން ހުރެއެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫނެވެ. ގޮތެއް ފޮތެއް ހަމައެއް ލަމައެއް ނުހުރެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ރައްކަތެރިކަމާ އިނާޔަތް ލިބިގެން ހުރެ ކުރަން ބޭނުން ވުމުން ނުކުރާ އެއްކަމެއް ނޯވެއެވެ. ފާޅުގައި ނިކުމެ ވަކިވަކި ފަރުދުންނަށް ހަޖޫ ޖަހައެވެ. ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކާ މުޖުތަމައު ފާލުން ނައްޓުވާލައެވެ. ހީވާ ހީވުމާ ދެކޭ ގޮތުގެ މައްޗަށް ބުރަވެ އެއިރަކު ބޭނުންވާ މީހަކު ނުވަތަ ބަޔަކު ވަގުންނަށް ހަދައެވެ. ޓެރެރިސްޓުންނަށް ހަދައެވެ. މުޖުރިމުންނަށް ހަަދައެވެ.

ސިޔާސީ ގޮތުން ތަފާތު ހިޔާލުގައި ބަސްބުނާ ކޮންމެ މީހަކީ ހަޝިވިއްކާ މީހަކަށް ހަދައެވެ. ރައީސް ނަޝީދުގެ ވިސްނުމަށް ތާއީދު ނުކޮށް ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކީ ވިކިފައި ހުންނަ މީހަކަށް ހަދައެވެ. އެ މީހެއްގެ ވަންހަ ދިލަކޮޅަށް ދާންދެން ހުރިއްޔާ ހުރި އުނިކަމެއް ހާމަކޮށް ގީބަ ބުނެއެވެ. ވެރިކަމުގެ އާރާ ބާރު ހޯދުމަށްޓަކާ ހަމްދަރުދީ ހޯދުމަށް އަމިއްލައަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅެއެވެ. ސިޔާސީ ގޮތުން ތާއީދު ހޯދުމަށްޓަކާ ވާދަވެރިންގެ ތަސައްވަރު ކިލަނބު ކުރުމަށް އެކިފާޑުގެ ޖަރީމާތައް ހިންގުވައެވެ. އެ ވަގުތަކު ސިޔާސީ ގޮތުން އަބުރު ކަތިލަން ފެންނަ ކޮންމެ މީހެއްގެ އަބުރު ކަތިލައެވެ. 

ހަމަ ތެދެކެވެ. އެކުގައި މަސައްކަތްކުރި އެތައް ބައެއްގެ އަބުރުކަތިލާ ޒަމާން ދުއްވާލާފައި ހުރީ މަދެއްކޮށް ނޫނެވެ. ރައީސް ނަޝީދު އިސްވެ ހުރެ އެންމެ ބޮޑަށް އަބުރު ކަތިލި މީހުންގެ ތެރޭގައި ގާސިމް އިބްރާހީމާއި އިބްރާހީމް އިސްމާއީލާއި ޑރ. މުނައްވަރާ ޑރ. ވަހީދު ހިމެނެއެވެ. މުހައްމަދު ޝިހާބައި ރީކޯ މޫސައާއި އަލްހާނު ފަހުމީއާއި ފުރަހަނި ޝުއައިބްއާއި އަލީ ވަހީދު ހިމެނޭނެއެވެ. އެކި ފަހަރުމަތިން މަވޯޓާ ޝަރީފްއަށް އިންތިހާ ދަރަޖައަށް ފުރައްސާރަ ކުރިއެވެ. 

އެންމެ ފަހުން އޮތް އެމްޑީޕީ ދާއިރާ ރައީސުން ހޮވުމުގެ އިންތިހާބުގައި މާލެ ދައިރާގެ ރައީސްކަމަށް ކުރިމަތިލީ އަކުރަމް ކަމަލުއްދީނަށް ވެސް ނުކުރާ ވަރެއް ނެތެވެ. މަރިޔާ ދީދީއާއި އަދުން ހުސޭންގެ ބޮލުގައި ޓެރެރިޒަމްގެ ތުހުމަތު އަޅުވާ އެވަރުން ނުވެގެން ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ނާޅުވާ ކަމެއް ނެތެވެ. ފައްޔާޒު އިސްމާއީލު ސައިޒް ކުރަން ނުޖަހަނި ކޮން ސަކަރާތެއް ހެއްޔެވެ. ރޮޒައިނާ އާދަމް އިއްޒަތުއްނަފްސް ވެއްޔާ މޮޑެލަން ނުކުރަނީ ކީއްހެއްޔެވެ. 

ފާޅުގައި މީހުންގެ ތެރެއަށް ނިކުމެ ކުރާ މުޑުދާރު ކަންކަމާއި ދައްކާ ވާހަކަ ތަކުން ފުއްދާލަނީއެއް ނޫނެވެ. ސޯޝަލް މީޑިއާގެ އޮޅިތަކުގައި އެކިއެކި ވަނަމުގައި ހުއްޓާނުލާ ނަފްރަތު އުފެއްދުމާ ގީބަ ބުނުމާ އަބުރާ ބެހުމުގައި ރައީސް ނަޝީދު އުޅެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އަނެއް ދިވެހިރާއްޖެއަކާއި އެލެކްސް އަހުމަދަކާއި ހަސަންކުރުސީއަކާއި ޝާފީއަކަށް ވެގެން ކިތަކަށް މީހުންގެ އަބުރު ކަތިލެވުނުކަން އެނގޭބާއެވެ. 

އެނގެން ޖެހޭ ހަގީގަތަކީ ދައުލަތުން އިނާޔަތާ ރައްކާތެރިކަން ދެނީ މީހުންގެ އަބުރުކަތިލާ ނަފްރަތު އުފައްދަން ނޫންކަމެވެ. ތިމާގެ އަމަލުތައް ބަލާ ފަރަވެރިވާ މީހުން ނުތިބޭނެ ކަމަށް ހީވަނީތާއެވެ. އެކަމަކު އެންމެން އަބަދު މަޑުން ތިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.