އަންޑަރވޯޓަރ ޓަނަލް: އާޒިމަށް ރައްދުދޭން ފަޅާލިކަރައެއް

މުއިއްޒު ދެއްކި ދޮގު ހޮޅި ވާހަކަތައް މާލޭ މީހުން ބަލައިނުގަތް

އަންޑަރވޯޓަރ ޓަނަލް: އާޒިމަށް ރައްދުދޭން ފަޅާލިކަރައެއް

މާލެ ސިޓީ މޭޔަރކަމަށް އާޒިމާ އާއި އާޒިމް ވާދަކުރަމުން ދިޔައިރެވެ. ރައީސް މުއިއްޒާއި މުޅި ސަރުކާރު އޮތީ އާޒިމާއާއި އެކުގައެވެ. އާޒިމް އާއިއެކުގައި އޮތީ އެމްޑީޕީއެވެ.

އާޒިމާގެ ކެންޕޭނުގައި ސަރުކާރުން ދެއްކީ މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކީ ރަސްމާލެ ކަމުގެ ވާހަކައެވެ. ރަސްމާލެއިން މާލެ މީހުނަށް ގޯތިދީ އާބާދު ކުރާވާހަކައެވެ. ރައީސް ސޯލިހު ސަރުކާރުން މާލޭ މީހުނަށް މާލެ ސަރަހައްދުން ދޭން ކަނޑައެޅި ގޯތިތައް ރަސްމާލެއަށް ބަދަލުކުރާ ވާހަކައެވެ.

އާޒިމް އެންމެ ބާރަށް ދެއްކި ވާހަކައަކީ މާލެ ސަރަހައްދުން މާލޭ މީހުނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން އަވަސްކުރުމުގެ ވާހަކައެވެ. މާލެއާއި ބުރިޖުން ގުޅާލެވޭ ގޮތަށް އޮތް ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތިތައް ހަވާލުކޮށް އެތަންތަން ގުޅުވާލުމުގެ ވާހަކައެވެ. ވާދޫ ކަނޑު ހުރަސްކޮށް ބުރިޖަކުން ރަސްމާލެއާއި މާލެ ގުޅުވާ ނުލެވޭނެ ވާހަކައެވެ. ފެރީގައި ދިގު ދަތުރެއްކޮށްފާ މާލޭ މީހުން މާލެއަށް އަންނަން ބޭނުން ނުވާނެ ވާހަކައެވެ. 

އާޒިމާއަށް މޭޔަރުކަން ހޯދާދިނުމަށް ރައީސް މުއިއްޒު ދެއްކި ދޮގު ހޮޅިވާހަކަތައް ބަލައިނުގަނެ މާލޭ މީހުން މޭޔަރަކަށް ހޮވީ އާދަމް އާޒިމެވެ. އާޒިމާ ދުއްވާލީ ޗޮކުންނެވެ. މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތުގައިވެސް އާޒިމް ދެއްކީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ދީފައިވާ ގޯތިތައް ހަވާލުކުރުން އަވަސް ކުރަންޖެހޭ ވާހަކައެވެ. އެތަންތަން ބުރިޖުން ގުޅާލާ ވާހަކައެވެ. ރަސްމާލެއަށް ދަތުރުކުރަން ވެއްޖެނަމަ މާލޭ މީހުން އުފުލަންޖެހޭނެ ތަކުލީފްގެ ވާހަކައެވެ. 

މާލޭ މޭޔަރު އާޒިމް ދެއްކި ވާހަކައަށް ރައްދު ދިނުމުގެ ގޮތުން ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން ރަސްމާލެއާއި މާލެ ގުޅުވާލާނީ އަންޑަރވޯޓަރ ޓަނަލަކުން ކަމަށް ބުންޏެވެ. ރަސްމާލެ އަންޑަވޯޓަރ ޓަނަލް ވެގެންދާނީ ދުނިޔޭގައިވެސް ކަނޑުއަޑިން އެޅޭ ފުރަތަމަ ޓަނަލް ކަމަށްވެސް ބުންޏެވެ. އެކަން ކުރުމައްޓަކާ އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކީ އޭރު މަސައްކަތް ފަށަފައިވާ ކަމަށް މޭޔަރު ހުވާކުރުމުގެ ޖަލްސާގައި 22 ޖެނުއަރީ 2024 ގައި ރައީސް މުއިއްޒު ބުންޏެވެ. 

އޭގެ ފަހުން ވެސް އަށްމަސްވީއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. ގާބިލު ކުންފުނިތަކާއެކު ހެދި ފީޒިބިލިޓީ ގާދޫކޮލަށް ފެތުނީ ހެއްޔެވެ. އަށްމަހުން ހިއްކާ ނިންމަންފެށި ރަސްމާލެ ވެރިކަމަށް އަހަރުވާއިރު އެންމެ %2 ވެސް އަދި ނުހިއްކެއެވެ. ފީޒބިލިޓީ ހަދަން ފަށާފައި ވާކަމަށް ބުނި އަންޑަރ ވޯޓަރ ޓަނަލްވެގެން މިދިޔައީ ހިޔާލީ ފޮލާއަކަށެވެ. އޮޅުވާލުމަކަށެވެ. ބޮޑުވެގެންވާ ދޮގަކަށެވެ. 

  • އިތުރަށް ކިޔާލުމަށް:

ދުނިޔޭގެ ފުރަތަމަ އަންޑަރ ވޯޓަރ ޓަނަލް

މާލޭ މީހުނަށް ގޯތިނުދޭން ޖަހާ..

މުއިއްޒުގެ އަންޑަރވޯޓަރ ޓަނަލް ކޮބާ